އާދަމް އިބްރާހީމް ދުރުމީ، ހދ.ކުޅުދުއްފުށީ
“ކުނި ނައްތާލުން” ނުވަތަ “ކުނި ނައްތައިލާ ނިޒާމު” ނުވަތަ “ކުނި މެނޭޖް ކުރުން” މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން އަޑު އިވޭ ބަސް ބަހެވެ. ” އަޅުގަނޑަށް ޤަބޫލު ކުރެވެނީ މި ބަސް ބަހަކީ އިނގިރޭސި ބަހުން ކިޔާ “ވޭސްޓް މެނޭޖްމެންޓް” ގެ ބަދަލުގައި ކިޔާނެ ދިވެހި ބަހެއް އުފެދިފައި ނެތުމުން ދިވެހި ބަހެއްގެ ގޮތުގައި ބޭނުންކުރާ ބަސް ބަހެވެ. ނަމަވެސް މިއިން އެއްވެސް ބަހަކީ “ވޭސްޓް މެނޭޖްމެންޓް” ގެ ބަދަލުގައި ބޭނުންކުރުމަށް އެކަށީގެންވާ ދިވެހި ބަހެކޭ ބުނެވޭކަށް ނެތެވެ. ސަބަބަކީ، މިއިން އެއްވެސް ބަހަކުން އެ މާނަ ދޭހަ ނުވާތީއެވެ.
“ކުނި މެނޭޖް ކުރުން” މި ބަހަކީ ވެސް ދިވެހި ބަހެއް ނޫނެވެ. އަދި ކުނި ނައްތައި ލުމަކީ ކިޔަން އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެއެވެ. ސަބަބެއްކަމަށް ބުނަނީ މިއުޅެނީ ކޮންމެހެން ކުނީގެ ގޮތުގައި ބެލެވޭ އެންމެހައި ތަކެތި ނައްތައިލާކަށް ވެސް ނޫނެވެ. އެހެން ނަމަވެސް ކުނި ވަކި ހަމަތަކަކާއި އުޞޫލެއްގެ މަތިން ބަލަހައްޓާށެވެ.
އެހެން ކަމުން “ވޭސްޓް މެނޭޖްމެންޓް” ގެ ބަދަލުގައި ބޭނުން ކުރާނެ އެކަށީގެންވާ ދިވެހި ބަހެއް އޮތުން ވަރަށް މުހިންމެވެ. އެކަމާ މެދު ވިސްނައިލުމުން އަޅުގަނޑުގެ ހިތަށް އައީ “ވޭސްޓް މެނޭޖްމެންޓް” ގެ ބަދަލުގައި ދިވެހި ބަހުން “ކުނި ބެލެހެއްޓުން” ކިޔުން ކިހެނެއްވާނެ ބާވައެވެ. އެ ގޮތަކީ އެއްޗެއް ބެލެހެއްޓުމަކީ އެއެއްޗެއް ނައްތައި ލުމެއްވެސް ނޫނެވެ. އަދި ނައްތައިލާން ޖެހިއްޖެ އެއްޗެއް ނައްތައި ނުލުމެއްވެސް ނޫނެވެ.
މިސާލަކަށް ބަގީޗާ ބެލެހެއްޓުމަކީ މިހާރުވެސް ދިވެހިރާއްޖޭގައި ކުރާކަމެކެވެ. އަދި ދިވެހި ބަހެއްގެ ގޮތުގައި ދިވެހިން ބޭނުންކުރާ ބަހެކެވެ. ބަގީޗާ ބެލެހެއްޓުމަކީ ވަކި ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ބަގީޗާ ހައްދައި ބެލެހެއްޓުމެވެ. ބަގީޗާ ބެލެހެއްޓުމުގެ ތެރޭގައި ބަގީޗާގެ ބައެއްގަސް ނުވަތަ ބައެއްގަސްގަހުގެ ބައެއް ބައިތައް ނައްތައިލާން ޖެހެއެވެ. އަދި ހަމަ އެއާއެކުގައި ބޭނުންވާ ގަސްތަކާއި ގަސްގަހުގެ ބޭނުންވާ ބައިތައް ވަރަށް ރަނގަޅަށް ސަމާލުކަން ދީގެން ފަރުވާ ތެރިކަމާއެކީގައި ބަލަހައްޓަން ވެސް ޖެހެއެވެ.
އަދިވެސް އެހެން މިސާލެއް ނެގިދާނެއެވެ. ބޮލުގެ އިސްތަށިގަނޑު ބެލެހެއްޓުން، ތުނބުޅި މަތިމަސް ބެލެހެއްޓުން އަދި ނިޔަފަތިތައް ބެލެހެއްޓުމޭވެސް ބައެއް މީހުން ބުނާތީ އިވެއެވެ. މިއިން ކޮންމެ އެއްޗަކީވެސް ބެލެހެއްޓުމުގެ ތެރޭގައި އެއިން ކޮންމެސް ބައެއް ނުވަތަ މިންވަރެއް ނައްތައިލާން ޖެހިއްޖެ ނަމަ ނައްތައިލާން ޖެހޭ ބައިތަކެއް އެކުލެވޭ އެއްޗެއްސެވެ.
މިދައްކަނީ އިސްތަށިގަނޑާ، ތުބުޅި މަތިމަހާ، ނިޔަފަތީގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ކުނި ބެލެހެއްޓުމުގެ ވާހަކައެވެ. ކުރިން ބުނެވި ދިޔަ މިސާލުތަކަށް ބަލާއިރު “ކުނި ބެލެހެއްޓުން” މިބަހަކީ “ވޭސްޓް މެނޭޖްމެންޓް” ގެ ބަދަލުގައި ބޭނުންކުރެވިދާނެ ދިވެހި ބަހެކެވެ. ކުންޏަކީވެސް މުޅިން ނައްތައިލާން ޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް ވަކި ހަމަތަކަކާ އުޞޫލުތަކެއްގެ ތެރެއިން ބަލަހައްޓަން ޖެހޭ އެއްޗެކެވެ. އޭގެ ތެރޭގައި ނައްތައިލާން ޖެހޭ ތަކެތިވެސް ހުންނާނެ އެވެ. އެފަދަ ތަކެތި ނައްތައިލާން ވެސް ޖެހެ އެވެ. އަދި ނައްތައިލުމަށްވުރެ ނައްތައި ނުލުން ރަނގަޅުތަކެތި ވެސް ހުންނާނެ އެވެ. އެހެން ކަމުން މިދެންނެވި ބައިތައް ރަނގަޅަށް ދެނެގަތުމަށާއި ބައިތައް ވަކިކޮށް ބެލެހެއްޓުމުގެ މަސައްކަތަށް އިނގިރޭސި ބަހުން މިކިޔަނީ “ވޭސްޓް މެނޭޖްމެންޓް” އެވެ. ކޮންމެ ބަހަކުން ނަންކީ ކަމުގައި ވިޔަސް ދިވެހިންވެސް ކުރަން މިއުޅެނީ ހަމަ މިކަންތަކެވެ. ކުނިވެސް ބެލެހެއްޓޭނަމަ ރަށުގެ އެތަން މިތަނުގައި ކުނިތައް އުކައިލެވި ގިނަވެ ފުނިޖެހިފައެއް ނޯންނާނެ އެވެ.
އެހެން ކަމުން ދިވެހިބަހުން “ކުނި ބެލެހެއްޓުން” ކިޔުމަކީ ހަމަ އެއްމެ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. އަދި މިކަން ކުރުމަށް ކަނޑައެޅިފައި އޮންނަ އުޞޫލުތަކަށް ނިސްބަތްކޮށް “ކުނި ބަލަހައްޓާ ނިޒާމު” އޭ ވެސް ކިއިދާނެ އެވެ. ޚިޔާލަކީ ތަފާތު އެއްޗެކެވެ. ޚިޔާލު ތަފާތު ވުމަކީ މައްސަލައެއް ނޫނެވެ. އަދި ދެބަސްވާން ޖެހޭ ކަމެއް ވެސް ނޫނެވެ.