ކުރީ ސަރުކާރުން ދައުލަތުގެ ކުންފުނިތަކަށް 18،000 އަށް ވުރެ ގިނަ މުވައްޒަފުން ވައްދާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކުގައި 2018 ވަނަ އަހަރު ތިބީ 18،676 މުވައްޒަފުން ކަމަށާއި ނަމަވެސް 2019 އިން ފެށިގެން 2023 އާ ހަމައަށް އެ އަދަދު 100 ޕަސެންޓް އިތުރު ވެފައިވާ ކަމަށެވެ.
އެގޮތުން ކުރީ ސަރުކާރު ބަދަލުވުމާ ހަމައަށް ކުންފުނިތަކުގައި 36،729 މުވައްޒަފުން ތިބި ކަމަށް ޒަރީރު ވިދާޅުވި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ހިސާބުތަކާ ހަވާލާ ދެއްވައި ޒަރީރު ވިދާޅުވީ މި ސަރުކާރުގެ މިއަދާ ހަމައަށް ސަރުކާރުގެ ކުންފުނިތަކަށް ވައްދާފައި ވަނީ 4،938 ކަމަށެވެ. އެހެންވެ މިހާރު ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ ޖުމްލަ އަދަދަކީ 41،667 ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަރީރު ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސަރުކާރާއި ދައުލަތުގެ ކުންފުނިތަކަށް ނަގާ މުވައްޒަފުންގެ އަދަދު މަދުކުރަން ޖެހޭ ކަން ފާހަގަ ކުރައްވައިފަ އެވެ.




