twitterviber whatsapp telegramfacebookyoutube instagram
18th August 2026

ކުންފުނިތަކުން މުވައްޒަފުން މަދުކުރާނީ ކުލައަކަށް ފިކުރަކަށް ބެލުމެއްް ނެތި

Aug 18, 2026

ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ސިޔާސީ ފިކުރަށް ބަލައިގެން ސަރުކާރު ކުންފުނިތަކުން އެއްވެސް މުވައްޒަފަކު ވަކި ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެމްޑީޕީއަށް ނިސްބަތްވާ މުވައްޒަފުންނަށް އިންޒާރުދީ ގާނޫނާހިލާފަށް ވަޒީފާއިން ވަކިކުރަމުން ގެންދަނީ ކީއްވެގެން ކޮން އުސޫލަކުންތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ ސިޔާސީ ފިކުރުގެ ސަބަބުން ވަޒީފާއިން ވަކިކުރުމަކީ މި ސަރުކާރުން ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.

ކުމެވި ފަންޑްގެ ނަމުގައި އެސްއެމްއީ ޑިޖިޓަލްގައި ގާއިމުކޮށްފައިވާ އެ ފަންޑަކީ މިނިސްޓަރު ވިދާޅުވި ގޮތޮގައި ވަޒީފާއިން ރިޑަންޑަންޓް ކުރުމުގެ ބަދަލުގައި ކޮންމެ މީހަކަށް ވެސް ގޮތެއް ހޯދައިދޭން ގާއިމްކުރި ފަންޑެކެވެ. އެ ފަންޑުން ލޯނު ހޯދަން ތައްޔާރުކުރަން ޖެހޭ ބިޒްނަސް ޕްރޮޕޯސަލް ބިޒް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައްޔާރުކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ އިދާރާގެ ހައިސިއްޔަތުން، ކުންފުނިތަކަކީ މާލީ ގޮތުންނާއި ހިންގުމުގެ ދާއިރާއިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާކަން ކަށަވަރުކުރުމުގެ މަސްއޫލިއްޔަތު އެވުޒާރާގައި އެބައޮތް. ދައުލަތުގެ މާލީ ހާލަތަށް ރިއާޔަތްކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ޕީސީބީ މެދުވެރިކޮށް ތަފާތު އެކި ފަހަރުމަތިން އިރުޝާދު ދީފައިވާނެ. މިފަދަ ޕޮލިސީ ޑައިރެކްޝަންތައް ފިޔަވައި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމާއި ވަކިކުރުމާއި އަދި މިފަދަ އެނޫންވެސް ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމާ ގުޅޭ އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ވަކި ކަމެއް ކުރުމަށް ވުޒާރާގެ ފަރާތުން އަންގާފައިނުވާނެ." ވަޒީރު ވިދާޅުވިއެވެ.

ޒަރީރް ވިދާޅުވީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު ޕަބްލިކް ސެކްޓަރުގައި މަސައްކަތް ކުރާ ގައުމުގެ ރައްޔިތުންގެ އަދަދު އާބާދީގެ ނިސްބަތުން ވަރަށް މަދުކަމަށެވެ. ރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު އަދަދެއް އެސެކްޓަރުގައި މަސައްކަތް ކުރާކަމަށް ވިދާޅުވިއެވެ. މިއީ ހައްލުކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. ގައުމުތަކުގެ އިގްތިސާދު މެނޭޖްކުރާގޮތަށް ރާއްޖޭގެ އިގްތިސާދު މެނޭޖްކޮށް އިތުރު ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރައިޓްސައިޒް" ކުރާއިރު ގިނަ މުވައްޒަފުން ވައްދާފައި ހުރި ދުވަސްވަރުގެ މުވައްޒަފުން ގިނައިން ރިޑަންޑަންޓްވާނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެކަން ކުރިއަށް ގެންދާނީ އެއްވެސް ގޮތަކަށް ވަކި ގޮތަކަށް ބަލައިގެނެއް ނޫން ކަމަށް ވިދާޅުވިއެވެ.

ރިޑަންޑަންސީގެ ތެރެއިން އެމީހަކު ކުރާ މަސައްކަތަކާއި އެމީހަކު ކުރަންޖެހޭ މަސައްކަތާ އަޅާބަލާނެ ކަމަށާއި ކޮންމެހެން އެބޭފުޅަކު ދޫކޮށްލާނީއެއް ނޫން ކަމަށް ވިދާޅުވިއެވެ. އެބޭފުޅަކަށް ފުރުސަތު ދޭނެ ކަމަށެވެ. ކާއެއްޗެއް ދިނުމުގެ ބަދަލުގައި ކެވޭނެ ގޮތްތައް މަސައްކަތް ކުރާނެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355