twitterviber whatsapp telegramfacebookyoutube instagram
20th April 2024

ދިވެހިން އަވަހަށް ނިންދަވަން ޖެހެއެވެ.

Apr 7, 2014

ރޭގަނޑު އަވަހަށް ނިދައި ފަތިހު ތެދުވުމަކީ ކުޑައިރުއްސުރެ އަޑުއިވޭ ނަސޭހަތުގެ ބައެކެވެ. ސައިންސުވެރިންނާއި ސިއްހީ ދާއިރާގެ މާހިރުންވެސް ނަސޭހަތްތެރިވެފައިވާ ކަމެއް މެއެވެ. އަދި އޭގެ އިތުރުން، އިސްލާމްދީނުގައި ވެސް އިރުޝާދު ދެއްވާފައިވަނީ އިޝާ ނަމާދަށްފަހު ވަގުތު ބޭކާރުނުކޮށް ނިދުމަށާއި ފަތިހު ހޭލުމަށެވެ. މިއީ އެންމެ ކުޑައިރުއްސުރެ އަޑުއިވި ބާވެފައިވާ ވާހަކައެކެވެ.

ތަރައްގީ އާއި ތަހުޒީބު ވުމަށް އެންމެން ބޭނުންވެގެން އެކަމަށް ގަދައަޅާ މަސައްކަތްކުރާ މި ޒަމާނުގައި، ތަރައްގީވެފައިވާ މުޖުތަމައަތަކާއި ތަހުޒީބުވެފައިވާ މީހުންގެ ތެރޭގައި ހުރި ރަނގަޅު ސިފަތައް ދިވެހިން ބަލައިގަންނަނީ މަދު ފަހަރެއްގައެވެ. އަތުގައި އޮންނަ ފޯނާއި ލައިގެން ހުންނަ ހެދުމުން ތަރައްގީ އާއި ތަހުޒީބު ދައްކުވައި ދިނުމަކީ ދިވެހިންގެ ގިނަ ބަޔަކު ތަރައްގީ އަދި ތަހުޒީބު މާނަކުރާ ގޮތެވެ.

އައު ބަޔަކު ގައުމުގެ ހުންގާނާ ހަވާލުވެ އެބަޔަކަށް މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބި ރައްޔިތުންނަށް ހިދުމަތްކުރުމަށް އިތުރު ބަހަނާއެއް ނުދެއްކޭ ގޮތަށް ރައްޔިތުން މިވަނީ އައު ބާބެއް ފަށާފައެވެ. ކަންކަން އިސްލާހުކޮށް ހަރުދަނާ ކުރުމަށް މަސައްކަތް ފަށައިގަންނައިރު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ދިވެހިން އަވަހަށް ނިންދެވުމަށް މަސައްކަތްކުރުމެވެ.

ވަޒީފާ އަދާނުކުރާ އެތައް ޒުވާނުންނެއް މުޖުތަމައު ތެރެއަށް ގިނަވެފައިވާއިރު، ޒިންމާދާރު ވަޒީފާތަކުގައި ތިބި އެތައް ބަޔަކާއި، ވިޔަފާރިވެރިންނާއި އިޖްތިމާއީ ހިދުމަތްތެރިން ރޭގަނޑުގެ އަރާމު ނިދި ދޫކޮށްލަނީ މަސައްކަތުގައާއި ކޮފީ މޭޒުދޮށުގައެވެ. ހާއްސަކޮށް މާލޭގައި މި މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ. ކެފޭތަކާއި ރެސްޓޯރެންޓްތައް ބަންދުކުރާ ގަޑި ޖެހެންދެން މާލޭގެ މަގުތައް އޮންނަނީ ހަލަބޮލިވެފައެވެ. އެންމެންވެސް “ބިޒީ” ވެފައެވެ.

ރޭގަނޑު އަވަހަށް ނިދުމަކީ ފައިދާހުރި ކަމެއް ކަމަށް ވާއިރު، އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުނުކޮށް މިކަން ވާކަށް ނެތެވެ. އެކަން ކުރުމަށްޓަކައި ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް ސިޔާސަތު ކަނޑައަޅާ ވެރިންގެ ހިސާބުން ފެށިގެން އެބަ އަންނަން ޖެހެއެވެ. އެގޮތުން ރޭގަނޑު ފިހާރަތައް ބަންދުކުރާ ގަޑި އަވަސްކޮށް، ހުރިހާ ސްކޫލުތަކެއް އެއް ދަންފަޅިއަށް ބަދަލުކޮށް، ސްކޫލުތައް ބަންދުކުރާ ގަޑި އަވަސްކުރަން ޖެހެއެވެ. ކެފޭތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11:00 ޖަހާއިރު ބަންދުކޮށް ސަރުކާރުގެ ރަސްމީ ގަޑި އަވަހަށް ފަށައި ރަސްމީގަޑި ނިމުން ކުރިއަށް ޖައްސަން ޖެހެއެވެ.

މި ކަންކަމުން ފުރަތަމަ ކޮޅު އުނދަގޫތަކެއް އިހުސާސުކުރަން ޖެހުނުނަމަވެސް ދިގު މުއްދަތަށް ބަލާއިރު މިއީ މިހާރުވެސް ކުރަންޖެހިފައިވާ މުހިއްމު ކަމެކެވެ. މި ބަދަލުގެ ސަބަބުން މުޅި ރޭގަނޑަށް ބަހާލާފައި ހުންނަ މަސައްކަތްތައް އިރާކޮޅު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިންމަން މަޖުބޫރު ވާނެއެވެ.

މިކަންކަމުގެ ސަބަބުން ލިބޭ ފައިދާތަކަށް ބަލާއިރު، ފިހާރަތައް ހުޅުވާފަ ހުންނަ ވަގުތު މަދުކުރުމުން އެތަންތަނުގެ ކަރަންޓަށް ހޭދަކުރަންޖެހޭ ބައި ކުޑަވެ މުވައްޒަފުންގެ ހަރަދުތަކާއި އެނޫންވެސް ހިންގުމުގެ ހަރަދުތައް ކުޑަކުރެވެއެވެ. ފިހާރަތައް 9 ޖަހާއިރު ބަންދުކުރާނެ ކަން އެނގި އެކަމަށް އާދަވުމުން އެއަށްވުރެ ކުރިން ބާޒާރުކުރަން ދިވެހިންނަށް ވެސް އާދަވާނެއެވެ. ހަމަ އެގޮތަށް ކެފޭތަކާއި ރެސްޓޯރެންޓްތައް ރޭގަނޑު 11 ގައި ބަންދުކުރަން ފެށުމުން އެތަންތަނަށް ދާ މީހުންވެސް އެ ގަޑިތަކަށް ހޭނޭނެއެވެ. ރޭގަނޑު ހޭލައި ޑިއުޓީގައި ތިބެން ޖެހޭ މީހުންވެސް، ކެފޭތައް ބަންދުކުރާނެކަން އެނގި އޭގެ ކުރިން އޯޑަރުނަގައި ކާންބޭނުންވާ އެއްޗެހި އެއްކުރާނެއެވެ.

މިފަދަ ބަދަލެއްގެ ނަތީޖާއަކަށް ވެގެންދާނީ ރޭގަނޑުގެ އަރާމުކަން ބޭކާރުގޮތުގައި ހޭދަނުކޮށް ދުވާލު ފުރިހަމަ ހަކަތައިގައި މަސައްކަތްކުރުމުގެ ޖޯޝު ލިބުމެވެ. މިއީ ތަރައްގީވެފައިވާ މުޖުތަމައުތަކުގައިވެސް  ވަޒީފާއަދާކުރާ މީހުން އުޅޭ ގޮތެވެ. ހަފުތާ ބަންދުގައި މަޖާ ކުރުމާއި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރިނަމަވެސް، ރަސްމީ މަސައްކަތް ދުވަސްތަކުގައި ހަމަ ނިދި ހޯދުމަކީ އެމީހުންވެސް ނިކަން ސަމާލުކަން ދޭ ކަންކަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355