ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ޗެމްޕިއަން ބަޔާން މިއުނިކަށް މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ރިއަލް މެޑްރިޑާ ކުޅެން ޖެހިއްޖެ އެވެ.
ހުކުރު ދުވަހު ކުރިޔަށް ދިޔަ ސެމީ ފައިނަލް ގުރުއަތުގައި ދެވަނަ ސެމީގައި މި މުބާރާތުގެ ސެމީއަށް 40 އަހަރަށް ފަހު ދަތުރުކުރި އެތުލެޓިކޯ މެޑްރިޑް ކުޅެން ޖެހެނީ 2012 ވަނަ އަހަރުގެ ޗެމްޕިއަން ޗެލްސީއާ އެވެ.
މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ދެ ޓީމަކީ ރިއަލް މެޑްރިޑާއި ބަޔާން މިއުނިކެވެ. އެގޮތުން ރިއަލް މެޑްރިޑް މި މުބާރާތުގެ ތަށި ވަނީ 9 ފަހަރު ކާމިޔާބު ކޮށްފަ އެވެ. އަދި މިއީ ރިއަލް މެޑްރިޑް ސެމީ ފައިނަލް ޖެހިޖެހިގެން ކުޅޭ 4 ވަނަ ފަހަރެވެ. ނަމަވެސް ފައިނަލަށް ދަތުރު ނުކޮށް ސެމީ އިން ވަނީ ކޮންމެ އަހަރަކުވެސް ކަޓާފަ އެވެ. ރިއަލް މެޑްރިޑް އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 2002 ވަނަ އަހަރު އެވެ.
އޭޕްރީލް 23 ވަނަ ދުވަހު ފުރަތަމަ ލެގުގައި ރިއަލް މެޑްރިޑް ގެ ސެންޓިއާގޯ ބާނެބިއު ސްޓޭޑިއަމްއަށް ދަތުރު ކުރުަމަށް ހަމަޖެހިފައިވާ ބަޔާން ވަނީ ވޭތުވެދިޔަ 2 އަހަރުގެ ފައިނަލް ކުޅެފަ އެވެ. އަދި ވޭތުވެދިޔަ 4 އަހަރުގެ ފައިނަލް ގެ ތެރެއިން 3 ފައިނަލް ކުޅެފައިވެ އެވެ. ބަޔާން މި މުބާރާތް ޖުމްލަ 5 އަހަރެއްގެ މަތިން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ޑިއޭގޯ ސިމިއޯނީ ގެ އިރުޝާދުގެ ދަށުން މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެތުލެޓިކޯ މެޑްރިޑް އަދި ޗެލްސީ ގެ ސެމީ ފައިނަލް މެޗްގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 22 ވަނަ ދުވަހު އެތުލެޓިކޯގެ ދަނޑުގަ އެވެ. ޗެލްސީ މި މުބާރާތް 1 ފަހަރު ކާމިޔާބު ކޮށްފައި ވީ ނަމަވެސް އެތުލެޓިކޯ މެޑްރިޑަށް މި މުބާރާތުގެ ޗެމްޕިއަންކަން އަދި ހޯދިފައެއް ނުވެއެވެ.
މި ޑްރޯގެ އިތުރުން ޔޫރަޕްގެ ދެވަނަ ފަންތީގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ޑްރޯވެސް އިއްޔެ ވަނީ ނަގާފަ އެވެ. އޭޕްރީލް 25 ވަނަ ދުވަހުގެ 00:05 ގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ސެމީގެ ތެރެއިން ފުރަތަމަ ސެމީގައި ކުޅެވޭނީ ބެންފީކާ އަދި ޔުވެންޓަސް އެވެ. އަދި ދެވަނަ ސެމީގައި ކުޅެވޭނީ ސެވިއްޔާ އަދި ވެލެންސިޔާ އެވެ.