މެންޗެސްޓަރ ސިޓީ 3-2 އިން ބަލިކުރުމަށްފަހު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް ހަމަޖެހިލައިފި އެވެ.
ލީގުގައި ރޭ ޖެހިޖެހިގެން 10 ވަނަ މެޗުން މޮޅުވެ އެކުލަބުގެ އާ ރިކޯޑެއް ހެދި ލިވަޕޫލުން ރޭގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 6 ވަނަ މިނެޓްގައި ރަހީމް ސްޓާލިން އެވެ. އަދި އޭގެ 20 މިނެޓް ފަހުން މި ސީޒަނުގައި އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްފައިވާ ޑިފެންޑަރ މާޓިން ސްކާޓެލް ވަނީ ސްޓީވަން ޖެރާޑް ނެގި ކޯނަރެއް ބޮލުން ޖަހާ ވައްދާލައި އިތުރު ގޯލެއް ކާމިޔާބު ކޮށްދީފަ އެވެ. ސްކާޓެލް ވަނީ މި ސީޒަނުގައި 7 ގޯލު ކާމިޔާބު ކޮށްފަ އެވެ.
ދެވަނަ ހާފު ފެށުމާ އެކު ފެނިގެން ދިޔައީ ސިޓީ އިން މެޗު ކޮންޓްރޯލު ކުރަމުން ދިޔަ ތަނެވެ. އެގޮތުން 57 ވަނަ މިނެޓްގައި ޑޭވިޑް ސިލްވާ ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ 5 މިނެޓް ފަހުން ލިވަޕޫލްގެ ގުލެން ޖޯންސަން އަތުން ބައިކޮޅަށް ލަނޑެއްވަދެ މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. ނަމަވެސް 78 ވަނަ މިނެޓްގައި ސިޓީގެ ކެޕްޓަން ކޮމްޕާނީ އަށް ރަނގަޅަށް ބޯޅަ ސާފުނުކޮށްލެވުމުގެ ފައިދާ ލިވަޕޫލްގެ ހުނަރުވެރި މިޑްފީލްޑަރ ކޯޓީނިއޯ ނަގާ މެޗްގެ ނަތީޖާ 3-2 އަށް ބަދަލު ކޮށްލި އެވެ.
މި މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލުގެ ހެންޑަސަން ސިޓީގެ ނަސްރީ އަށް ކުރި ނުރައްކާތެރި ފައުލްއަކާ ގުޅިގެން ވަނީ ރަތް ކާޑު ދައްކާފަ އެވެ.
ރޭ ސްވެންސީ އަދި ޗެލްސީ ކުޅުނު މެޗުގައި މެޗުގެ 15 ވަނަ މިނެޓްގައި ސްވެންސީގެ ޑިފެންޑަރ ޗިކޯ އަށް ރަތްކާޑު ދެއްކުމާ ގުޅިގެން މެޗުގެ ބޮޑުބައި 10 މީހުންނާ އެކު ކުޅެމުން ދިޔަ ސްވެންސީގެ މައްޗަށް ޗެލްސީ އިން ވަނީ 1-0 އިން ކުރި ހޯދާފަ އެވެ. މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑެމްބާ ބާ އެވެ. މި މޮޅާއެކު 75 ޕޮއިންޓާއެކު ޗެލްސީ މިހާރު އޮތީ ތާވަލުގެ ދެވަނައިގަ އެވެ. ލީގުގައި ބާކީ 4 މެޗް އޮތްއިރު ލިވަޕޫލް އެއްވަނާގައި އޮތީ 77 ޕޮއިންޓާ އެކު އެވެ.
ރޭ ޝެފީލްޑް ޔުނައިޓެޑް 5-3 އިން ބަލިކޮށް ހަލްސިޓީ ވަނީ އިނގިރޭސި އެފް އޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ. މޭ 17 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލްގައި ހަލްސިޓީއާ ދެކޮޅަށް ނުކުންނާނީ އާސެނަލް އެވެ.
ރޭ ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑް 2-0 އިން ގެޓަފޭ އަތުން މޮޅުވެ ތާވަލުގެ 1 ވަނަ ދެމެހެއްޓިއިރު އެ ޓީމުގެ މުހިއްމު ފޯވާޑު ޑިއޭގޯ ކޯސްޓާވަނީ ދެވަނަ ލަނޑު ޖެހުމުގެ ތެރޭގައި އިންޖަރީ ވެފައެވެ. ގޯލުގެ ދަނޑީގައި ޑިއޭގޯ ކޯސްޓާގެ ކަށިމަތި ޖެހި ފަޅައިގެން ދިއުމުގެ ސަބަބުން ޗެމްޕިއަންސް ލީގު ގެ ސެމީ ފައިނަލަށް ފިޓްވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.