ހޯސޭ މޮރީނިއޯއާ އެކު ޗެލްސީން ދަމަހައްޓަމުން އައި ރިކޯޑު ރޭ ނިމުމަކަށް އަތުވެއްޖެ އެވެ.
ރޭ ޗެލްސީގެ ސްޓެމްފޯޑް ބުރިޖުގައި ކުޅުނު މެޗުގައި ތާވަލުގެ ފުލުގައި އޮތް ސަންޑަލޭންޑް އަތުން ޗެލްސީ ވަނީ 2-1 އިން ބަލިވެފަ އެވެ. މި ބައްޔާއެކު ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ޗެލްސީގެ އަމިއްލަ ދަނޑުގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު ވަނީ ނިމުމަކަށް އައިސްފަ އެވެ. ޗެލްސީ އިން ވަނީ މޮރީނިއޯއާ އެކު ލީގުގައި އަމިއްލަ ދަނޑުގައި ބަލިނުވެ 77 މެޗް ހަމަކޮށްފަ އެވެ.
ރޭގެ މެޗުގައި މެޗުގެ 12 ވަނަ މިނެޓްގައި ޗެލްސީއިން ސެމުއެލް އެޓޫ ޖަހާދިން ލަނޑަކާއެކު ލީޑު ނަގާފައި ވަނިކޮށް މެޗުގެ 18 ވަނަ މިނެޓްގައި ސަންޑަލޭންޑްގެ ވިކްހަމް ވަނީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ. މި މެޗުގައި ސަންޑަލޭންޑުން މޮޅުވި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 81 ވަނަ މިނެޓްގައި ބޮރިނީ އެވެ.
މި މެޗުން ބަލިވުމުން ޗެލްސީއަށް ތާވަލުގެ ކުރިއަށް ލިބުނު ފުރުސަތު ގެއްލި ލީގު ހޯދުމަށް އިތުރު ހުރަސް ތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލީގުގައި ސަންޑަލޭންޑަށް ބާކީ 4 މެޗު އޮތްއިރު ސަންޑަލޭންޑުން މި މެޗުން މޮޅުވުމުން ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.
ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅެވުނު އެހެން މެޗުތަކަށް ބަލާއިރު ޓޮޓެންހަމް އިން ވަނީ 3-1 އިން ފުލަމް ބަލިކޮށް ޔޫރޮޕާ ލީގު ޖާގަ ހޯދުމުގެ ރޭހުގައި އިތުރު ފިޔަވަޅެއް ކުރިއަށް އަޅާފަ އެވެ. މި މޮޅާއެކު 63 ޕޮއިންޓާއެކު 6 ވަނާގައި ޓޮޓެންހަމް އޮތްއިރު ފުލަމް ވަނީ ތާވަލުގެ 19 ވަނަ އަށް ވެއްޓި ރެލިގޭޓް ވުމުގެ ބިރު ބޮޑުވެފަ އެވެ.
ރޭ ނިއު ކާސަލް ޔުނައިޓެޑް ވަނީ ސްވެންސީ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ބަލިވެ ލީގުގައި ޖެހިޖެހިގެން 5 ވަނަ ބައްޔެއް ވެފައެވެ. މީގެ އިތުރުން ކާޑިފް އަދި ސްޓޯކް މެޗް 1-1 އިން އެއްވަރުވި އިރު ސައުތެމްޕްޓަން އާއި އެސްޓަން ވިލާ ކުޅުނު މެޗުވެސް ވަނީ އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމިފަ އެވެ. ކްރިސްޓަލް ޕެލަސް އިން ވަނީ ރަށުން ބޭރުގައި ވެސްޓް ހޭމް 1-0 އިން ބަލިކޮށްފަ އެވެ.
ލީގުގައި މާދަމާ 1600 ގައި ނޯވިޗް އަދި ލިވަޕޫލް ބައްދަލު ކުރާއިރު 1805 ގައި ކުޅޭނީ ހަލް ސިޓީ އަދި އާސެނަލް އެވެ. 2010 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ އެވަޓަން އަދި މެންޗެސްޓަރ ޔުނައިޓެޑެވެ.
ސްޕެއިންގެ ލަ ލީގާގައި އެތުލެޓިކޯ މެޑްރިޑުން އެލްޗޭ 2-0 އިން ބަލިކޮށް ތާވަލުގެ އެއްވަނަ ވަނީ ދަމަހައްޓާފަ އެވެ. މާދަމާ ރޭ 0000 ބާސެލޯނާ އެތުލެޓިކޯ ބިލްބާއޯއާ ދެކޮޅަށް ނުކުންނާނެ އެވެ.