ރައްޔިތެއްގެ ޝުއޫރު
ކުޅުދުއްފުއްޓަކީ އުތުރުގެ އެންމެ އާބާދީ ބޮޑު ރަށެވެ. ކުޅުދުއްފުއްޓަކީ 60,000 މީހުންގެ ބޮޑު އާބާދީއެއް އޮންނަ މި ބޮޑު ތިލަދުންމަތީގެ މައި ހަބެއްގެ ގޮތުގައި އޮންނަ ރަށެވެ. ކައިރި އަތޮޅު ތަކުގެ މީހުން “ކުޑަ މާލެ” ކަމުގައި ބުނަމުންދާ ރަށެވެ. ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ބޮޑު ތިލަދުންމަތީގައި ހުރި ހަމައެކަނި ރަށްވެސް މެއެވެ. ނަމަވެސް އަދި މިހާތަނަށް މި ޔުނިވަރސިޓީ އަކީ ތިލަދުންމަތީގެ ދަރިންގެ ހިތްތަކަށް ފިނިކަން ލިބޭފަދަ ޚިދުމަތެއް ދެވޭ ތަނަކަށް ވެފައެއް ނުވެއެވެ.
2013 ވަނަ އަހަރު ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖްމެންޓް ބަދަލުވެގެން ދިއުމާއެކު ރަށުގެ ރައްޔިތުން އުއްމީދުކުރަމުން ދިޔައީ ރަނގަޅު ބަދަލު ތަކަކަށެވެ.
ވިޔަފާރީގެ ރޮނގުން ކުރިޔަށްދާން ގިނަބަޔަކު ބޭނުންވެފައި ތިއްބާ، ފުރަތަމަ ފަހަރަށް ބެޗެލަރސް ޑިގްރީ އިން ބިޒްނަސް މެނޭޖްމަންޓް ކުޅުދުއްފުށީ ކެމްޕަހުގައި މި އަހަރުގެ ޖޫން މަހު ކިޔަވައިދޭން ފެށުމަށްވަނީ ހަމަޖެހިފައެވެ. އެތަކެއް ޒުވާނުންތަކެއް އިސްނަގައިގެން ބިޒްނަސް ސްޓްރީމްގެ ބެޗްލަރ ކޯހެއް ފަށައިދިނުމަށް އެދި ހުށަހެޅި ޕެޓިޝަންގައި ހަޤީޤީ ކުލަޖެހެމުންދާ ކަމުގެ އުއްމީދުތައް އާލާވެގެން ދިޔައެވެ. ރަށުގައި ތިބެގެން އެ މީހުންގެ ކިޔެވުން ކުރިއަށް ގެންދެވޭނެ ގޮތް ވާކަމުގެ މަގު ތަނަވަސް ވެގެން ދާ ކަމުގެ އުއްމީދީ ފެހި ސިގުނަލްވެސް ލިބުނީއެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އިޢުލާންގައި ވާ ގޮތުން، މި ކޯސް ކުރިއަށްދާނީ ހަވީރު ދަންފަޅީގައެވެ. ބެލެވޭ ގޮތުގައި މިގަޑި ހަމަޖައްސައިފައި އޮތުމުގެ އެންމެ ބޮޑު މަޤުޞަދަކީ، އޮފީސްތަކުގައި ވަޒީފާ އަދާކުރަމުންގެންދާ ޒުވާނުންނަށް ވަޒީފާގައި ތިބެގެން މަތީ ތަޢުލީމު ހާސިލު ކުރެވޭނެ މަގު ތަނަވަސް ކޮށްދިނުމެވެ..
ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން، އެންމެ ފުރަތަމަވެސް ގުޅައިލެވުނީ ކެމްޕަސްގައި މިހާރު ބިޒްނަސް ކިޔަވައިދެމުންގެންދާ ބިޒްނަސް ކޯޑިނޭޓަރަށެވެ. އެ ފަރާތުން ދިން ޚަބަރަކީ ޤަބޫލުކުރަން ދަތި ޚަބަރެކެވެ. ސަބަބަކީ ހަވީރު ދަންފަޅިކަމަށް ޔުނިވަރސިޓީ އިޢުލާންގައި ޖަހައިފައި އޮތް އިރު، ކުޅުދުއްފުށީ ކެމްޕަހުގައި އެ ކޯހުގެ ކުލާސްތައް ނަގަމުން ގެންދާނީ މެންދުރު ފަހު 2 އަކުން ފެށިގެން ކަމަށް އެބޭފުޅާ މައުލޫމާތު ދެއްވުމުންނެވެ.
މި ކޯހަށް ކުރިމަތިލާނެ ގިނަ ބޭފުޅުންނަކީ ކޮންމެވެސް އޮފީހެއްގައި މަސައްކަތްކުރާ ކުއްޖެއްކަން ޔަޤީނެވެ. ސަރުކާރުގެ އޮފީސްތައް ނިމެނީ މެންދުރުފަހު 3 ނުވަތަ 4 ޖަހާއިރުއެވެ. އަދި ގިނަ ކުންފުނިތައް އަދި އަމިއްލަ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ނިމެނީ 5 ޖަހާ ފަހުންނެވެ. ކަން މިހެން އޮތްކަން އެނގޭއިރު އަދި މާލޭގައި ވެސް ހަވީރު ދަންފަޅީގެ ކުލާސްތައް އިރުއޮއްސި 06:30 ގައި ފަށާއިރު، ކުޅުދުއްފުށީ ކެމްޕަހުގައި މެންދުރުފަހު 2 ޖަހާއިރު ފަށަނީ ކީއްވެގެންތޯ އެއީ ކޮންމެ ބޭފުޅެއްގެވެސް ހިތުގައި އުފެދޭނެ ވަރަށް ބޮޑު ސުވާލެކެވެ.
މި ކޯހަކީ ކުޅުދުއްފުށީގެ އެތަކެއް ޒުވާނުންތަކެއްގެ ބުރަ މަސައްކަތުން ކެމްޕަހަށް ގެނެސްފައިވާ ކޯހެއްކަމީ ސުވާލު އުފެއްދޭނެ ކަމެއް ނޫނެވެ. މެންދުރުފަހު 2 ޖަހާއިރު ކުލާސްތައް ފަށާނަމަ މި ކޯހައް ކުރިމަތިލާނެ މީހުންގެ އަދަދު ހަމަ ޔަޤީނުންވެސް ވަރަށް މަދު ވާނެއެވެ. ދެން ވާނެ ގޮތް އެންމެންނަށްވެސް އެނގެއެވެ. މި ސަރަހައްދުގައި މި ކޯހަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ އަދަދު ކޯސް ފެށޭ ވަރަށް ވުރެ މަދު ކަމަށް ނިންމާ ކޯސް ކެންސަލް ކޮށްލާނީ އެވެ. އެހެން ވެއްޖެނަމަ މި ކޯސް އަލުން އަނބުރާ ކުޅުދުއްފުށީ ކެމްޕަހަށް ގެނައުމަކީ ވަރަށް ދުރުގައިވާ ކަމެކެވެ. ސަބަބަކީ މީގެ ކުރިން ކަންތައް ހިނގައިފައިވަނީ މި ބީދައިން ކަމުގައި ވާތީއެވެ.
ޓީޗިން ކޯސް ހަދަމުންދާ ކުދިންނަށް ބަދުބަހެއް ބުނުމުގެ ނިޔަތަކާ ނުލާ ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ކުޅުދުއްފުށީ ކެމްޕަހުގައި ޓީޗިން ކޯސްތައް ކުރިއަށް ގެންދަނީ ހަވީރު ނުވަތަ ރޭގަނޑު ކަމެވެ. އެހެން ކަމަށް ވާ ނަމަ ބިޒްނަސް ކޯސްތައްވެސް ރޭގަނޑު ކުރިއަށް ނުގެންދެވެންވީ ސަބަބަކީ ކޮބާ ކަމާމެދު ސުވާލު އުފެދެ އެވެ.
ކެމްޕަސް ހުންނަތާ އަޅުގަނޑުގެ އުމުރުން ވީ ދުވަހެއްވީ އެވެ. ނަމަވެސް ރަނގަޅު ފެންވަރަށް ކިޔަވަން ބޭނުންކަމުގައި ވާނަމަ ހިޖުރަ ކުރަންމިޖެހެނީ ތޮއްޖެހިފައިވާ މާލެއަށެވެ. ނަމަވެސް މީ ނިކަމެތި ރާއްޖެތެރޭ މީހާ އިނދަ ޖެހުމެވެ. ސަބަބަކީ ކޯސް ފީ ދައްކަމުން މާލޭގައި ދިރިއުޅުމަކީ ކުރެވޭ ވަރުގެ ކަމަކަށް ނުވާތީ އެވެ. ކަންތައް މިހިސާބަށް ދިއުމުން ދެންނެވޭނީ ކަންނުވެ ނަން ވެވެނީ ކަމުގައެވެ. ކުޅުދުއްފުށީގެ ދަރިންނާއި ތިލަދުންމަތީގެ އެންމެހާ ދަރިން މިކަމަށް ސަމާލުވެ ‘ގޮނޑި ކޮއްކޮ’ ހެދިގެން ނުތިބެ މިފަދަ މައްސަލަ ތަކަށް ހައްލެއް ހޯދަން އަތުކުރި އޮޅާލަމާތޯއެވެ.