ރިޔާން ގިގްސްގެ މެނޭޖަރ ކަމުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗު 4-0 ގެ ބޮޑު ނަތީޖާ އަކުން މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބު ކޮށްފި އެވެ.
ރޭ ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި ނޯވިޗާ ދެކޮޅަށް ކުޅުނު މި މެޗުގައި ޔުނައިޓެޑުން ނެރުނު މި ނަތީޖާއަކީ މި ސީޒަނުގައި ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
ޔުނައިޓެޑުން ރޭ ޖެހި ފުރަތަމަ ލަނޑަކީ ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑްގެ ވެލްބެކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ޖެހި ލަނޑެކެވެ. މި ގޯލް އެޓީމަށް ކާމިޔާބު ކޮށްދިނީ ވޭން ރޫނީ އެވެ.
ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއްނުވެ ވޭން ރޫނީ ވަނީ މި ސީޒަނުގައި ލީގުގައި އޭނާ ޖެހި 17 ވަނަ ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑަށް 2-0 ގެ ލީޑެއް ނަގައިދީފަ އެވެ. އަދި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ހުއާން މާޓާ ޖަހައިދިން 2 ލަނޑާއެކު މެންޗެސްޓަރ ޔުނައިޓެޑްއިން ރޭ ވަނީ ސަޕޯޓަރުންނާއި ޓީމުގެ އާ މެނޭޖަރ ރިޔާން ގިގްސްގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްދީފަ އެވެ.
ރޭ ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސައުތެމްޕްޓަން އަތުން 2-0 އިން ބަލިވެ އެވަޓަންގެ ޗެމްޕިއަންސް ލީގު ކުޅުމަށް ކުރަމުން އަންނަ އުއްމީދު ފަނޑުވެފަ އެވެ. ޓޮޓެންހަމް އިން ވަނީ ރަށުން ބޭރުގައި ސްޓޯކް ގެ މައްޗަށް 1-0 އިން ކުރިހޯދާ އެވަޓަންއާ 3 ޕޮއިންޓް ގާތަށް ޖެހިލައިފަ އެވެ.
ފުލަމް އަދި ހަލް ސިޓީ ކުޅުނު މެޗް 2-2 އިން އެއްވަރުވި އިރު އެސްޓަން ވިލާ ވަނީ 4-1 އިން ސްވެންސީ އަތުން ބަލިވެފަ އެވެ. އަދި ވެސްޓް ބްރޮމް ވަނީ 1-0 އިން ވެސްޓް ހޭމް ބަލިކޮށްފަ އެވެ.
ލީގުގެ އެންމެ ކުރީގައި އޮތް ޗެލްސީ އާއި ލިވަޕޫލް މިއަދު 18:05 ގައި ކުޅޭއިރު 16:00 ގައި ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ސަންޑަލޭންޑާއި ކާޑިފް އެވެ. އަދި ކްރިސްޓަލް ޕެލަސް ނުކުންނާނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށެވެ.
ރޭ ލަ ލީގާގައި ރިއަލް މެޑްރިޑުން ވަނީ 4-0 އިން އޮސަސޫނާ ބަލިކޮށްފަ އެވެ. މިރޭ ތާވަލުގެ ކުރީގައި އޮތް އެތުލެޓިކޯ މެޑުރިޑުން ނުކުންނާނީ ވެލެންސިޔާއާ ދެކޮޅަށެވެ. އަދި މާދަމާރޭ ބާސެލޯނާ ނުކުންނާނީ ވިލަރެއާލްއާ ދެކޮޅަށެވެ.