twitterviber whatsapp telegramfacebookyoutube instagram
25th July 2021

ބަޔާން މިއުނިކު ލަދުގަންނަވާލުމަށްފަހު ރިއަލް މެޑްރިޑް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

Apr 30, 2014

ބަޔާން މިއުނިކު ލަދުގަންނަވާލުމަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ރިއަލް މެޑްރިޑް ދަތުރު ކޮށްފި އެވެ.

ރޭ ބަޔާން މިއުނިކުގެ އަލައަންޒް އެރީނާގައި ކުޅުނު މި މެޗުގައި 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް 5-0 ގެ އެގްރިގޭޓް ސްކޯރ އަކުން މޮޅުވެ 12 އަހަރަށްފަހު ރިއަލް މެޑްރިޑުން ވަނީ ފައިނަލްގެ ޖާގަ ހޯދާފަ އެވެ. މިއީ ވޭތެވެދިޔަ އަހަރުގެ ސެމީ ފައިނަލުގައި ބަޔާން އިން 7-0 ގެ އެގްރިގޭޓް ސްކޯރ އަކުން ބާސެލޯނާ ބަލިކޮށް އެޓީމު ލަދުގަންނަވާލިފަދަ ގޮތަކަށް ރެއަލް އިން ބަޔާން ލަދުގަންނަވާލި ފަދަ ރެއެކެވެ.

ރޭގެ މެޗުގައި ރިއަލް މެޑްރިޑަށް ގޯލް ހުޅުވައިދިނީ މެޗުގެ 16 ވަނަ މިނެޓްގައި ލޫކާ މޮޑްރިޗް ނަގާދިން ކޯނަރެއް ސާޖިއޯ ރާމޯސް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ފުރަތަމަ ލަނޑާ ވަރަށް އެއްކަހަލަ ގޮތަކަށް ސާާޖިއޯ ރާމޯސް ވަނީ ދެވަނަ ލަނޑެއް ޖަހާ ބަޔާންގެ ސަޕޯޓަރުން ހަމަހިމޭން ކޮށްލާފައެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އެންޖަލް ޑި މާރިއާ ނަގާދިން ހުރަހެއް ސާޖިއޯ ރާމޯސް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ރޭގެ މެޗުގައި ލަނޑެއް ޖަހަން ކެތްމަދުވެފައިހުރި ރޮނާލްޑޯ ވަނީ 33 ވަނަ މިނެޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވެފަ އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ގެރެތް ބޭލް ރޮނާލްޑޯއަށް މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ކާމިޔާބު ކުރި ލަނޑެކެވެ.

ފައިނަލަށް ދިއުމަށްޓަކައި 5 ލަނޑު ޖަހަން ޖެހިފައި އޮތް ބަޔާން މިއުނިކަށް ދެވަނަ ހާފުވެސް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ. މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ރޮނާލްޑޯއަށް ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ލިބުނު ހިލޭޖެހުން ރޮނާލްޑޯ ވަނީ ވަރަށް ހަމަޖެހިލައިގެން ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. މި ލަނޑަކީ ދިފާޢީ ފާރު ސިއްސުވާލުމަށްފަހު ވޯލުގެ ތިރިން ވައްދާލި ހިލޭ ޖެހުމެކެވެ. ރޮނާލްޑީނިއޯ ގެ ފުޓްބޯޅަ ހަޔާތުގައި މިފަދަ ގޮތަކަށް ތިން ހިލޭ ޖެހުން ކާމިޔާބު ކޮށްފައިވެ އެވެ. މިއީ ރޮނާލްޑޯ މި ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ޖެހި 16 ވަނަ ލަނޑެެވެ.

ކާލޯ އެންޗެލޯޓީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ރިއަލް މެޑްރިޑަށް ޕޯޗުގަލްގެ ލިސްބަންގައި އޮންނަ ފައިނަލުގައި ވާދަކުރަން ޖެހޭ ޓީމެއް އެނގޭނީ މިރޭގެ ދެވަނަ ސެމީ ފައިނަލަށް ފަހު އެވެ. މިރޭގެ ދެވަނަ ސެމީ ފައިނަލް ޗެލްސީގެ ސްޓެމްފޯޑް ބުރިޖްގައި އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ޗެލްސީ ނުކުންނައިރު މިދެ ޓީމު ކުޅުން ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މިމެޗު ފެށޭނީ ރާއްޖެ ގަޑިން 23:45 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355