twitterviber whatsapp telegramfacebookyoutube instagram
26th May 2020

އަތޮޅު ފެންވަރުގައި ހިންގާ “ކުދި” ނޫސްތަކަށް ހުރި ގޮންޖެހުންތައް

May 3, 2014

މިއަދަކީ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ ދުވަހެވެ. ދުވަހާ ގުޅުވައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކާއި، ނޫސްވެރިންނަށް ހުރި ދަތިތަކާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ސަބަބުތަކަކާ ބެހޭގޮތުން އަންނަނީ ވާހަކަ ދައްކަމުންނެވެ.

މިފަދަ މުނާސަބު ދަނޑިވަޅެއްގައި، “ކުޅުދުއްފުށި އޮންލައިން” ފަދަ އަތޮޅު ފެންވަރުގައި ނުވަތަ ސަރަހައްދީ ފެންވަރެއްގައި ނޫސްވެރިކަން ކުރަމުން އަންނަ ނޫސްތަކަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ރާއްޖޭގައި އަދިވެސް ބޮޑެތި ނޫސްތަކުގެ ގޮތުގައި ހިފަހައްޓާލެވިފައިވާ ހަމައެކަނި ނޫހަކީ ނުވަތަ މީޑިޔާއަކީ “ހަވީރު” ނޫހާއި “ޓީވީ މޯލްޑިވްސް” ކަމުގައި ދެންނެވުމަކީ ގޯހަކަށް ނުވާނެއެވެ. އޭގެ ކުރިން ހިންގަމުން އައި އާފަތިސް ނޫހާއި މިއަދު ނޫސް މިހާރުވަނީ އޮއްސިފައެވެ. މިހާރު މައިގަނޑުގޮތެއްގައި ބޮޑެތި ނޫސްތަކުގެ ގޮތުގައި ގުނާލެވެނީ، ހަވީރު ނޫހާއި ސަން އޮންލައިން އަދި ސީއެންއެމް ފަދަ މަދު ނޫސްތަކެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަކުރަމުން އަންނައިރު، މިފަދަ ކުދި ނޫސްތަކަށް ދިމާވަމުން އަންނަ ގޮންޖެހުންތަކަކީ ނިސްބަތުން ގިނަ އެހެންނަމަވެސް އެކަމުގެ ހައްލު ހޯދަން ފަސޭހަ ކަންކަމެއް ނޫނެވެ. ސަރުކާރުގެ އިދާރާއަކުން މައުލޫމާތެއް ހޯދަން ގުޅާލުމުންވެސް، “ކުޑަ” ނޫހަކަށް ވީތީ މައުލޫމާތު ދޭން ދެކޮޅުހަދާ ފަހަރު އާދެއެވެ. ގިނަ ދުވަސްވެ އޮފީސްތަކާ ގުޅުން ބަދަހިވި ވަރަކަށް މި މައްސަލައާ ކުރިމަތިލާން މިހާރު ކުރިއަށްވުރެ ފަސޭހައެވެ. މި ފަދަ ކަންތައްތަކަށް ބަލާއިރު މޯލްޑިވްސް ޕޮލިސް ސާރވިސަސް އަކީ މައުލޫމާތު ދިނުމުގައި މީޑިޔާގެ ސައިޒަށް ބަލައިގެން މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ނެތް، އެންމެ ގާތް މުއައްސަސާ ކަމުގައި ފާހަގަކޮށްލަންޖެހެއެވެ.

ކުދި ނޫސްތައް ބައެއް ފަރާތްތަކުން ބަލައި ނުގަތުމުގައި ވެސް ސަބަބުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ނޫސްވެރިކަމުގެ ހަމަތަކާ ހިލާފަށް ބައެއްގެ އަބުރު ނަގާލުމަށް ނަމެއްގައި ނޫސްތަކެއް ނެރެވެން ފެށުމެވެ. ނުވަތަ ސިޔާސީ ފައިދާއެއް ހޯދުމަށް، ނުވަތަ ބަޔަކު ކަމެއް ކުރާތީ އެކަމާ ދެކޮޅަށް ވަކި ކަމަކަށް އަމާޒުކޮށްގެން ނޫސްތަކެއް ނެރެވެން ފެށުމެވެ. އެހެންނަމަވެސް އެފަދަ ނޫސްތަކަކީ މާ ގިނަ ދުވަހު އެއް ފެންވަރެއްގައި ހިންގާލެވޭނެ ނޫސްތަކެއް ނޫނެވެ.

ނޫސްވެރިކަމަކީ ފުރިހަމަ ޑިމޮކްރަސީއެއް ހިންގުމަށް މުހިއްމު ގުނަވަނެކެވެ. ރާއްޖޭގެ ވެރިރަށުގައި ހިންގަމުން އަންނަ ބޮޑެތި ނޫސްތަކަށް އަތޮޅު ފެންވަރުގައި ހިނގާ ކަންކަމާއި އަތޮޅު ފެންވަރުގައި ޑިމޮކްރަސީ ފުރިހަމަކުރުމަށް މީޑިޔާ އަދާކުރަންޖެހޭ ދައުރު އޮންނަނީ އަދާނުކުރެވިފައެވެ.

މިފަދަ ކަންކަން ކުރުމަށް ރަށު ފެންވަރުގައި ހިންގަމުން އަންނަ ނޫސްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ހުރަހަކީ ރަނގަޅު ފެންވަރުގެ ނޫސްވެރިން ނުލިބުމެވެ. އަދި ނޫސްވެރިކަމަކީ ކޮބައިކަމާއި ނޫސްވެރިންގެ ކިބައިގައި ނޫސްވެރިކަން ކުރުމަށް ހުންނަންޖެހޭ ޝައުގުވެރިކަމާއި އެ ހުނަރު ލިބިފައިތިބި މީހުން ނުލިބުމެވެ. ބޮޑެތި ހުރިހާ ނޫސްތަކެއްގެ ނޫސްވެރިންވެސް ގަބޫލުކުރާނެ ފަދައިން މި ކަމަކީ އާމްދަނީ ހޯދުމަށް ކުރަންއޮތް އެންމެ ރަނގަޅު މަސައްކަތް ކަމަށް ނުވެދާނެއެވެ. ނުވަތަ ނޫސްވެރިކަން ކޮށްގެން ލިބޭ އާމްދަނީ އަކީ އެކުރަންޖެހޭ މަސައްކަތާ އަޅާބަލާއިރު އެއް ހަމައަކުން ވަޒަންކުރެވޭނެ އެއްޗެއް ނޫނެވެ.

ރަށު ފެންވަރުގައި ހިންގާ ނޫސްތަކަކީ ވެސް މީޑިޔާގެ މުހިއްމު ވަސީލަތެއްކަން ގަބޫލުކުރަންޖެހެއެވެ. އަދި އެފަދަ ނޫސްތައް ހިންގާ ފަރާތްތަކުން އެކުރާ މަސައްކަތް ބަލައިގަނެ އެފަދަ ނޫސްތައް ކުރިއެރުވޭނެ ގޮތްތައް ނޫސްވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުން ކޮށްދޭންޖެހެއެވެ. އަތޮޅު ތެރޭގެ “ކުދި” ނޫސްތަކަކީވެސް އެ ނޫހެއްގެ ފެންވަރުން ނޫސްވެރިކަމުގައި ހިއްސާވާ އަދި ނޫސްވެރިކަމަށް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ބޮޑެތި ނޫސްތަކުގެ އަތޮޅު ތެރޭގެ އެޖެންޓުންގެ ދައުރު ކަމުގައި ވީނަމަވެސް، ނުވަތަ އަތޮޅު ތެރޭގެ ހަބަރުތަކާއި މުހިއްމު ބޮޑެތި ކަންކަމަށް މައުލޫމާތު ހޯދުމުގައި ބޮޑެތި ނޫސްތަކަށް އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ. ނޫސްވެރިކަން ކުރިއަރުވާ ނޫސްވެރިކަމަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކާއިރު، މިފަދަ ކަންކަމަށް ވެސް ވިސްނާލުމަކީ ވެސް ހަމަ މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355