twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޣައިރުޒިންމާދާރީ ސަރުކާރާއި ދައުލަތެވެ.

May 13, 2014

ރައްޔިތެއްގެ ޝުޢޫރު

މިވަރަށް ލަދުނުގަންނަ ސަރުކާރެއް، ދައުލަތެއް މި ނޫނިއްޔާ އޮންނާނެހެނެއް ހީއެއްނުވެއެވެ. ދައުލަތެއް އަދި ސަރުކާރެއް އުފައްދައި ދެމި މިއޮންނަނީ ކިޔެއްވެކަން ނޭނގޭ ދައުލަތެއް އަދި ސަރުކާރެއް އޮންނަ ރާއްޖެއެއްވެސް މިނޫނިއްޔާ އޮންނާނެ ހެނެއް ހީއެއް ނުވެއެވެ.

މިތާ މި އޮންނަނީ އެންމެ ނިކަމެތިމީހާ ނިކަމެތިކުރުމެވެ. މުޖުތަމައުގައި އެންމެ ނިކަމެތިމީހާއަކީ ޚާއްސައެހީއަށް ބޭނުންވެފައިވާ މީހާ އާއި ކުޑަކުދިންނެވެ. މުސްކުޅިންނެވެ. ނަމަވެސް ސަރުކާރާއި ދައުލަތްވެސް އެދަނީ، ޚާއްސަ އެހީއަށް ބޭނުންވާ މީހާގެ ހައްގުތަކަށް އަރައިގަންނަމުންނެވެ. އެނގިހުރެ އަނިޔާ ލިބޭ ކުޑަކުދިން އަނިޔާވެރި ވެއްޓެއްގައި ބައިތިއްބަމުންނެވެ. ފާޅުގައެވެ.

ހައިރާންވެ ރުޅިއަންނަންޖެހުނީ، އިހަށް ދުވަހު، އާޓްގެލަރީގައި، ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބާއްވަމުންދާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަޑުއެހުންތަކަށް ސަރުކާރުގެ ފަރާތުން ހަމައެއްވެސް ‘ބޭފުޅަކު’ ވަޑައިނުގެންނެވީމައެވެ. މި ދައްކަނީ ޢާއްމު މަސްވެރިޔާގެ ވާހަކައެއް ނޫނެވެ. ސަރުކާރުގެ ވާހަކައެވެ. އަޅުގަނޑު ހިތުން ސަރުކާރުގެ އިސް ފަރާތްތަކާއިމެދު މި މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅަން އެބަޖެހެއެވެ.

ނޫސް ބަލާލިއިރު މި ފެނުނީ ޚާއްޞައެހީއަށް ބޭނުންވާ ކުއްޖަކަށް ޖިންސީގޮތުން އަނިކުރިވާހަކައެވެ. ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އާއްމުކޮށް ހުޅުވައިލައިގެން ބާއްވަމުންދާ، ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަޑުއެހުންތަކަށް ހާޒިރުވެއްޖެނަމަ، ކޮންމެ ދުވަހަކު ނޫހުން ކިޔަން މިޖެހޭ ވަރަށްވުރެ، މާ އަނިޔާވެރި ހާދިސާތައް އަޑުއިވޭނެއެވެ. ހުރިހާ ހާދިސާތަކެއްވެސް ގޮސް ހުއްޓެނީ، އަހަރެމެން އިންތިޚާބުކުރި ސަރުކާރުތަކާއި ދައުލަތުގެ އިހުމާލުވުމާއެވެ.

ކުޅުދުއްފުށީގައި ބޭއްވި އަޑުއެހުންތައް

ކުޅުދުއްފުށީގައި މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބޭއްވި ޚާއްސައެހީ އަށް ބޭނުންވާ މީހުންގެ އަޑުއެހުންތައް ފެށުމުގެ ގޮތުން ބޭއްވި ‘ރަސްމިއްޔާތަށް’ އޭރުގެ ކައުސިލްގެ ރައީސް ބެގީކުރައްވައިގެން ދުރުވިއެވެ. ވާހަކަވެސް ދެއްކެވިއެވެ. ނަމަވެސް އެއަށްފަހު ބަޚަބަރެވެ. ރަށުކައުންސިލުގެ ފަރާތުން ބަޔާންތައް އަޑުއަހަން އެއްވެސް ކައުންސިލަރަކު ހާޒިރެއް ނުވެއެވެ. ކައުންސިލްގެ ފަރާތުން ސުވާލަށް ޖަވާބުދިނުމަށް ހާޒިރުވީ އެތާންގެ އާދައިގެ ސިވިލް ސާވިސް މުވައްޒަފެކެވެ. އޭނާ މަސައްކަތްކުރީ، އޭރު އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލް ދިފާއުކުރާށާއި، ހުރިހާކަމެއް ގޯސްވަނީ ބާޣީ ސަރުކާރެއް އޮތުމުންކަން ބުނެދިނުމަށެވެ. ރަށުފެންވަރުގައި ހާލަތުހުރި ގޮތަކީމިއެވެ.

ކުޑަކުދިންނަށްނަށްވެސް ވަނީ އިހުމާލު

ށ. ފޭދޫގައި ކުޑައަހެންކުއްޖަކަށް ތަކުރާރުކޮށް ޖިންސީ އަނިޔާދީ އޭނާ ވިހޭ ދަރިފުޅު މަރާލައި ދެން ހިނގައިދިޔަ ހުރިހާ ކަމަކުން ސަރުކާރާއި ދައުލަތް އިހުމާލުވެފައިވާ މިންވަރު މުޅި ދުނިޔެއަށް ބޭޒާރުވިއެވެ. މި ހާދިސާއިން އެނގުނީ ތަކުރާރުކޮށް އަނިޔާލިބެމުން ދިޔައިރުވެސް ސަރުކާރުގެ ކަމާބެހެންޖެހޭ އޮފީސްތަކުގެ ވެރިން ތިބީ އަޅައިނުލައެވެ.

ދެން މިއިވުނީ އުމުރުން ބާރަ އަހަރުގައި ރޭޕްކުރި ކުއްޖަކު ދެވަނަ ފަހަރަށް ވިހޭ ޚަބަރެވެ. ސަރުކާރާއި ދައުލަތް މިއޮތީ އަނިޔާއިން ސަލާމަތްކޮށްދިނުމުގައި ފެއިލްވެފައެވެ. މި ޚަބަރު ނޫސްތަކުގައި ޖެހުމުން ނޫސްތަކުގެ ކޮމެންޓް ސެކްޝަން ބަލާލުމުން އަހަރެމެންގެ އިންސާނިއްޔަތުކަމެއްނެތް، ވިސްނުން ކިތަންމެ ރީއްޗަކަށްވެސް އެބަ ހާމަވެއެވެ. ކޮށްފައިވާ ކޮމެންޓްތަކުން މުޅި އިންސާނިއްޔަތު ލަދުގަންނަހާވެއެވެ.

‘ހައްދު’ ޖަހަންޏާ އެކަންކުރަންވީ، ސަރުކާރުގެ ކަމާބެހެންޖެހޭ އޮފީސްތަކުގެ ވެރިންގެ ގައިގައެވެ. ޖަލަށްލަންޏާ ޖަލަށްލާންވީވެސް ސަރުކާރުގެ ކަމާބެހެންޖެހޭ އޮފީސްތަކުގެ ވެރިންނެވެ. ހުރިހާ ރައީސުންވެސް ވެސް ހިމެނޭ ގޮތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355