އައިލަންޑާސް ކަޕްގެ ގްރޫޕް ސްޓޭޖްގެ ދެވަނަ މެޗުގައި ކުޅުދުއްފުށީ ޓީމު ލ ގަމާ ދެކޮޅަށް ކުޅެ ބަލިވެއްޖެ އެވެ.
އިއްޔެ ހަވީރު 17:00 ގައި މާފަންނު އެކުވެނި ދަނޑުގައި ލ ގަން ޓީމާ ދެކޮޅަށް ކުޅެ ކުޅުދުއްފުށީ ޒިގްޒެގް ޓީމު ބަލިވީ 4-5 ގެ ނަތީޖާއަކުންނެވެ.
ގުރޫޕްގެ އެންމެ ވަރުގަދަކޮށް ބެލެވޭ ގަން ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ކުޅުން ފެށުމާއެކު ގަން ޓީމުން ވަނީ ދެ ލަނޑުޖަހާ 2-0 ގެ ލީޑެއް ހޯދާފަ އެވެ. ބީޖީގެ ޕްރެކްޓިހުގެ ސަބަބުން މެޗުގައި ބައިވެރި ނުވެވުނު ކުޅުދުއްފުށީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަބްދުﷲ އަބޫބަކުރު (ބަކާ) ނުލައި ކުޅުދުއްފުށީ ޓީމުން ކުޅުނު މި މެޗުގައި ކުޅުދުއްފުށީ ޓީމުން ކުޅުން ރަނގަޅުކޮށް ލަނޑެއްޖަހާ ނަތީޖާގެ ފަރަޤު ކުޑަކުރި އެވެ. މި ލަނޑަކީ މެދު ރޮނގާ ހިސާބުން ކުޅުދުއްފުށީ ޓީމުގެ މުހައްމަދު އަލީ (ރުއްކެ) ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ރުއްކެ އަކީ މިއަހަރުގެ ކުލަބު މޯލްޑިވްސްގެ ފައިނަލުގައި ކުޅުނު ޕޮލިސް ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ކުޅުދުއްފުށީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޒައިދު މުހައްމަދެވެ. މި ގޯލާއެކު ކުޅުދުއްފުށީ ޓީމުންވަނީ ޓައިމް އައުޓެއް ނަގާފަ އެވެ. ނަމަވެސް ޓައިމް އައުޓުން އަރައި މާ ގިނައިރުތަކެއްނުވެ ގަން ޓީމުން ވަނީ އަނެއްކާވެސް ލަނޑެއްޖަހާ 3-2 އަކަށް ނަތީޖާ ބަދަލު ކޮށްފަ އެވެ. ކުޅުދުއްފުށީ ޓީމުން ފުރަތަމަ ހާފު ނިމުމުގެ ކުރިންވަނީ ދެވަނަ ފަހަރަކަށް ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ކުރިން ރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިޔާ މުހައްމަދު ޒަކަރިއްޔާ (ކެރިކް) އެވެ.
ފުރަަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުވެސް ގަން ޓީމުން ފެށީ 2 ގޯލާ އެކު 5-3 ގެ ލީޑެއް ހޯދައިގެންނެވެ. ނަމަވެސް ކުޅުދުއްފުށީ ޓީމުން އަލުން ކުޅުން ރަނގަޅުކޮށް ނަތީޖާގެ ފަރަޤު ކުޑަކުރި އެެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ޒައިދު މުހައްމަދެވެ. ނަމަވެސް ކުޅުދުއްފުށީ ޓީމުން ނަތީޖާ ހަމަހަމަ ކުރުމަށް ކުރަމުން ދިޔަ ބުރަ މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
“ޓީމު މިއަދު ކުރި ހިތްވަރާ މެދު ވަރަށް ހިތްހަމަ ޖެހޭ. ދެ ހާފުވެސް ފެށުން ރަނގަޅު ކޮށްލެވުން ނަމަ ނަތީޖާ ތަފާތުވީސް ކަމަށް ޤަބޫލު ކުރެވޭ. ބަކާ ނެތުމުން ޑިފެންސް އެހާ އޮގަނައިޒްއެއް ނޫން. އެކަމަކު މި ނަތީޖާއަކީ ރަނގަޅު ނަތީޖާއެއް ކަމަށް ޤަބޫލުކުރެވޭ. އަދި ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިއުމަށް ކުރެވޭ އުއްމީދު ބޮޑު. އަދި ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކޮށްލަން ބޭނުން.” މެޗަށް ފަހު ވާހަކަ ދައްކަވަމުން ޓީމުގެ ކޯޗު މުހައްމަދު މޫސާ(އޮޓްޕޯ) ވިދާޅުވި އެވެ.
މި ގްރޫޕްގެ މިއަދު ކުޅުނު އަނެއް މެޗު 3-1 އިން ވާދޫއިން ވަނީ ވިލުފުށި މައްޗަށް ކުރި ހޯދާފަ އެވެ. މި ގްރޫޕްގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު ކޮންމެ ޓީމަކަށްވެސް ވަނީ 3 ޕޮއިންޓް ލިބިފަ އެވެ. ގޯލު ތަފާތުން މި ވަގުތު ގްރޫޕްގެ އެއްވަނާގައި އޮތީ ކުޅުދުއްފުށީ ޒިގްޒެގް އެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ވިލުފުށި މައްޗަށް ކުރި ހޯދައިފިނަމަ ކުޅުދުއްފުށީ ޓީމަށް ދެވަނަ ބުރަށް ދެވޭނެ އެވެ. މި މެޗު ކުޅެވޭނީ 19 މޭ ދުވަހުގެ 1700 ގަ އެވެ. އަދި އެ މެޗު އެއްވަރު ވީ ކަމުގައި ވިޔަސް ފުރުސަތު އޮންނާނެ އެވެ.