އާލިމް ހުސެއިން
އެފްއޭކަޕް ފައިނަލް މެޗްގައި ރޭ 3-2 ލަނޑުން ހަލް ސިޓީ ބަލިކުރުމަށްފަހު އެފްއޭކަޕްގެ ތަށި އާސެނަލް އިން އުފުލާލައިފި އެވެ.
ރޭ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗްގައި ފުރަތަމަ 10 މިނެޓުގައި އާސެނަލްގެ ގޯލަށް 2 ލަނޑުޖަހައި ހަލްސިޓި ވަނީ އާސެނަލް ސިއްސުވާލާފަ އެވެ. މި ދެ ލަނޑު ކާމިޔާބު ކޮށްދިނީ ޖޭމްސް ޗެސްޓާ އާއި ކާޓިސް ޑޭވިސް އެވެ.
އޭގެފަހުން މެޗް ކޮންޓުރޯލްކުރަމުން ގެންދިޔަ އާސެނަލްއަށް ލަނޑުޖަހައިދީ ހަލްގެ ލީޑު ހަނިކޮށްދީފައިވަނީ ލިބުނު ހިލޭ ޖެހުމަކުން އާސެނަލްގެ މިޑްފީލްޑަރ ކަޒޯލާ އެވެ. އަދި މެޗް އެއްވަރު ކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ އާސެނަލްގެ ފުރާންސްގެ ޑިފެންޑަރ ކޮސިއެލްނީ އެވެ. އޭގެ ފަހުންވެސް އާސެނަލްއަށް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ގެއްލިފަ އެވެ.
މެޗްގެ 90 މިނެޓު ކުޅެ މެޗު އެއްވަރު ވުމުން އިތުރު ވަގުތުގެ 30 މިނެޓު ކުޅުން ފެށިއެވެ. އަދި 109 ވަނަ މިނެޓުގައި އާސެނަލްގެ ވޭލްސްގެ ޒުވާން މިޑްފީލްޑަރ ރަމްސީ ލަނޑު ކާމިޔާބު ކޮށްދީ އާސެނަލް އަށް ފުރަތަމަ ފަހަރަށް މެޗްގެ ލީޑު ހޯދައިދިނެވެ.
އިތުރު ވަގުތުގެ 30 މިނެޓު ނިމެން ދަނިކޮށް އާސެނަލްގެ ކީޕަރަށް ހެދުނު ގޯހެއްގެ ސަބަބުން ހަލްސިޓީގެ ފޯވާރޑް ސޯނެ އަލޫކޯއަށް ލިބުނު ރަނުގެ ފުރުސަތު، ބޯޅަ ގޯލާ ދިމާނުވުމުގެ ސަބަބުންވަނީ ބޭކާރުވެފަ އެވެ.
މިއީ ތައްޓެއް ނުލިބި މާޔޫސްވެފައި ތިބި އާސެނަލް ސަޕޯޓަރުންނަށާއި ކްލަބަށް ރަނގަޅު ފެށުމެއްކަމަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ. އެންމެ ފަހުން އާސެނަލްއަށް ތައްޓެއް ލިބިފައިވަނީ މީގެ 9 އަހަރު ކުރިންނެވެ.