twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބަޝީރު ފުޓްބޯލް އެކަޑެމީގެ ނަމުގައި ކުޅުދުއްފުށީގައި ފުޓްބޯޅަ އެކަޑެމީއެއް އުފައްދައިފި

May 22, 2014

ބަޝީރު ފުޓްބޯލް އެކަޑެމީ ނަމުގައި ކުޅުދުއްފުށީގައި ފުޓްބޯޅަ އެކަޑެމީއެއް އުފައްދައިފި އެވެ.

ހަފްތާއަކު ދެ ދުވަހު ތަމްރީނު ސެޝަން ހިންގުމަށް ހަމަޖަހިފައި އޮތް މި އެކަޑެމީއަކީ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތަރައްޤީ ކުރުމުގެ މަޤުސަދުގައި އުފައްދާފައިވާ އެކަޑެމީއެކެވެ. އެގޮތުން 11 އަހަރުން ދަށާއި 15 އަހަރުން ދަށުގެ ގުރޫޕްތަކަށް އަމާޒު ކޮށްގެން ހިންގޭ މިއެކަޑެމީ ހިންގަނީ ކުޅުދުއްފުށީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ބަޝީރު ޔޫސުފް ސާހީނީޒް އަދި އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ސިނާން އިބްރާހީމް ކަނީރުގެ އެވެ.

މި އެކަޑެމީގައި 11 އަހަރުން ދަށުގެ އުމުރު ފުރައިގެ ބަޔަށް ހިންގޭ ސެޝަންގައި ޖުމްލަ 28 ކުދިން ހިމެނެ އެވެ. އަދި 15 އަހަރުން ދަށުގެ ބައިގައި ޖުމްލަ 40 ކުދިން ހިމެނެ އެވެ. ސެޝަންތައް ހިންގެނީ ހޯމަ އަދި ބުދަ ދުވަހުގެ 1600-1700 އަށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

މިއެކަޑެމީގައި ބައިވެރިވުމަށް ފީއެއްގެ ގޮތުން ކޮންމެ މަހަކުވެސް ކުޅުންތެރިއެއް އަތުން 100 ރުފިޔާ ނެގުމަށް ހަމަޖެހިފައިވީ ނަމަވެސް ފުރަތަމަ 3 މަސް ދުވަހު (އޭޕްރީލް 1 އިން ޖޫން 30) އެކަޑެމީ ކުރިއަށް ގެންދާނީ ކުޅުންތެރިން އަތުން އެއްވެސް ފީއެއް ނުނަގައި ކަމަށް ބަޝީރު މައުލޫމާތު ދެ އެވެ. އޭނާ ވިދާޅުވީ އެއީ ކުޅުދުއްފުށީ ޕެނަމާ އަބްދުﷲ އައްބާސް ކުޅުންތެރިންގެ ޖާޒީ ސްޕޮންސަރ ކޮށްދެއްވާފައިވާތީ ކަމަށެވެ. އެހެންކަމުން އަބްދުﷲ އަށާއި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ބަޝީރު އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވި އެވެ.

“އަސްލު ހަޤީޤަތުގައި ބޭސިކް ނޭނގި ކުޅުންތެރިންތަކެއް ފުޓްބޯޅައިގެ ތެރެއަށް މިހާރު މި ވަންނަނީ. އެހެން މި ދިމާވަނީ ސަރުކާރުންވެސް އަދި އެހެން ފަރާތަކުންވެސް ރާއްޖެތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ވައި.ޑީ.ޕީ ޕްރޮގްރާމްތައް ނުޖެއްސޭތީ. އަޅުގަނޑުގެ އަމާޒަކީ ކުޅުދުއްފުށިން ރަނގަޅު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުން. އެކަމުގައި އަޅުގަނޑުގެ ފުޓްބޯޅަ ހަޔާތުން ލިބިފައިވާ ތަޖުރިބާގެ ބޭނުން ހިފާނަން.” އެކަޑެމީއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން މަގުލަސް ކުލަބު އަދި ކުޅުދުއްފުށީ ޒުވާނުންގެ ޖަމިއްޔާއަށް ވަރަށް ގިނަ ދުވަހު ކުޅެ ވަރަށް ގިނަ ކާމިޔާބު ހޯދާދީފައިވާ ބަޝީރު ޔޫސުފް ވިދާޅުވި އެވެ.

ބަޝީރު އިތުރަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ މަހު މާލޭން ރަނގަޅު ކޯޗެއް ގެނެސް ކޯޗިން ކޭމްޕެއް ހިންގުމުގެ ކަންތައް ހަމަޖައްސަމުން ދާ ކަމަށާއި އަދި އެކަޑެމީގެ ރެޖިސްޓްރޭޝަންގެ ކަންތައްވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެމްއެންޑީއެފްއާ ގުޅިގެން ފަތަން ދަސްކޮށްދޭ ކުލާސްތަކެއްވެސް ރާވަމުންދާ ކަމަށް ވިދާޅުވި އެވެ.

ފުޓުބޯޅަ އެކަޑަމީ ފެށުމުގައި ދަނޑުތަކުން ދިިން އެއްބާރުުލުން ފާހަގަކުރައްވާ ބަޝީރު އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ. ހާއްސަ ގޮތެއްގައި ކޮރަލްއިން ދިން އެއްބާރުލުން އޭނާ ފާހަގަ ކުރެއްވި އެވެ.

ކުޅުދުއްފުއްޓަކީ ގިނަ ފުޓުބޯޅަ ދަނޑުތަކެއް އޮތް އަދި ގިނަ އަދަދެއްގެ ޒުވާނުން ފުޓުބޯޅަ ކުޅޭ ރަށެކެވެ.

[yass cats =72]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355