އައިލެންޑާސް ކަޕްގެ ދެވަނަ ބުރަށް ކުޅުދުއްފުށީ ޒިގްޒެގް ޓީމުން ދަތުރު ކޮށްފި އެވެ.
ކުޅުދުއްފުށީ ޓީމު ދެވަނަ ބުރަށް ދަތުރު ކުރީ އިއްޔެ ހަވީރު 1700 ގައި ތ ވިލުފުށީ ޓީމާ ދެކޮޅަށް ކުޅުނު މެޗު 2-1 އިން ކާމިޔާބު ކޮށް ގުރޫޕްގެ އެއްވަނަ ހޯދައިގެންނެވެ.
ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަބްދުﷲ އަބޫބަކުރު (ބަކާ) (ބީޖީ ޕްރެކްޓިސްގައި) އަދި ހަސަން މުހައްމަދު (ނޫވިލޭ) (އެމް.އެން.ޔޫ އިމްތިހާނުގައި) ނުލައި ކުޅެންފެށި މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނީ ކުޅުދުއްފުށީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޒައިދު މުހައްމަދެވެ. މިއީ މިއަދު އަލަށް ޓީމާ ގުޅުނު އަސްވަދު ރަޝީދު (އަސްލޭ) ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. އަސްލޭއަކީ ފުޓްސަލްގައި ކުޅުދުއްފުށީގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ އެވެ.
ދެވަނަ ހާފު ފަށައިގެން ކުޅުދުއްފުށީ ޓީމަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުނީ ކުޅުދުއްފުށީ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ މުހައްމަދު ޒަކަރިއްޔާ (ކެރިކް) އަށް ރަތްކާޑު ދެއްކުމުންނެވެ. އެއާއެކު ކުޅުދުއްފުށީ ޓީމުން 2 މިނެޓް ހަމަވަންދެން ކުޅެން ޖެހުނީ 4 ކުޅުންތެރިންނާ އެކު އެވެ. މިވަގުތު ޓީމުންވަނީ ވަރަށް ކެތްތެރިކަމާއެކު ޑިފެންސަށް އިސްކަން ދީގެން ކުޅެފަ އެވެ. އަދި ދެ މިނެޓް ހަމަވުމާއެކު ވިލުފުށި ޓީމު ކުރިއަށް ޖެހިއޮތް ވަގުތު ބަލާ، ކުޅުމުގެ ތެރެއަށް އަސްލޭ ނެރެ ކައުންޓަރ އެޓޭކެއްގައި އަސްލޭގެ ކަޓަކުން ޒައިދުވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް 2-0 ގެ ލީޑެއް ނަގާފަ އެވެ.
ކުޅުމުގެ ތެރެއިން ވިލުފުށީ ޓީމަށް ލިބުނު ޕެނަލްޓީއެއް ކުޅުދުއްފުށީ ޓީމުގެ ކީޕަރ އަހްމަދު މުހައްމަދު (ޕީކޭ ) ވަނީ ދިފާއު ކޮށްފަ އެވެ. ނަމަވެސް ކުޅުދުއްފުށީ ޓީމުން ހަ ފައުލް ހަމަވުމާ ގުޅިގެން ލިބުނު ދުރު ޕެނަލްޓީއެއްވަނީ ވިލުފުށީ ޓީމުން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އިތުރު ގޯލެއް އެއްވެސް ޓީމަކަށް ކާމިޔާބު ނުކުރެވި މެޗުވަނީ 2-1 އިން ނިމިފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅުދުއްފުށީ ޓީމުގެ ޖާޒީ ނަންބަރު 13 މުހައްމަދު އަލީ(ރުއްކެ) އެވެ.
“ޓީމުގެ ޑިފެންސް ވަރަށް އޮގަނައިޒް ކޮށް މިއަދު ފެނުނީ. ޚާއްސަކޮށް ބަކާ އަދި ހަސަން ނުލައި ކުޅުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. ޓީމުގެ ކުޅުން ދުވަހެއް ދުވަހަކަށް އިމްޕްރޫވް ވަމުންދާ ކަމަށް ފާހަގަވި. ޓީމަށް މިއަދު ލިބުނު އެންމެ ބޮޑު އެއް ހިތްވަރަކީ ޓީމާ އަލަށް ގުޅުނު އަސްލޭގެ ތަޖްރިބާއާއި ހިތްވަރު. އަދި ޓީމަށް ރަށުގައި ތިބެގެންނާއި ދަނޑަށް ހާޒިރުވެ ސަޕޯޓްދެމުންދާ އެންމެހާ ސަޕޯޓަރުންނަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރަން ބޭނުން” މެޗަށް ފަހު ވާހަކަ ދައްކަވަމުން ޓީމުގެ ކޯޗު މުހައްމަދު މޫސާ (އޮޓްޕޯ) ވިދާޅުވި އެވެ.
މިއަދު މި ގުރޫޕްގައި ކުޅުނު އަނެއް މެޗުގައި ވާދޫ އަދި ގަން ބައްދަލުކޮށް 3-3 އިން މެޗުވަނީ އެއްވަރު ވެފައެވެ. އެހެންކަމުން މި ގުރޫޕްގެ ދެވަނާގައި ދަތުރުކުރީ ލ ގަމެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ކުޅުދުއްފުއްޓަށް ވާދަކުރަން ޖެހޭނީ ބ އޭދަފުއްޓާ އެވެ. މި މެޗު އޮންނާނީ މިމަހުގެ 22 ވަނަ ދުވަހު 1700 ގައި މާފަންނު އެކުވެނި ދަނޑުގަ އެވެ.
ފޮޓޯ ގެލެރީ