twitterviber whatsapp telegramfacebookyoutube instagram
28th March 2024

އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބު ކޮށްފި

May 31, 2014

އޭއެފްސީ ޗެލެންޖް ކަޕް ފަލަސްތީނުން ކާމިޔާބު ކޮށްފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ހިލޭ ޖެހުމަކުން އަޝްރަފް ނޫމާން އަލް ފަވާގްރާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު ފަލަސްތީނުން ފިލިޕީންސްގެ މައްޗަށް ކުރި ހޯދީ 1-0 އިންނެވެ.

ފަލަސްތީނުން މިމުބާރާތް ކާމިޔާބުކުރީ ބައިކޮޅަށް އެއްވެސް ލަނޑެއް ވަނަ ނުދީ މުބާރާތް ނިންމާލައިގެންނެވެ. ފަލަސްތީނުން ވަނީ މުބާރާތުގައި ވާދަކުރަން ޖެހުނު މެޗުތަކުން ދިވެހިރާއްޖެއާ ކުޅެން ޖެހުނު މެޗު ނޫން އެހެން ހުރިހާ މެޗެއް ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ކޮންޓްރޯލް ކުރަމުންދިޔަ ފަލަސްތީނުން ދިޔައީ ވަރަށް ރީތި ޕާސިން ގޭމެއް ކުޅެ އެޓީމުގެ ޑިފެންސް ވެސް ވަރަށް އޮގަނައިޒްކޮށް ބަލަހައްޓާފަ އެވެ. މިގޮތުން ފަލަސްތީނުން މެޗުގެ 15 ވަނަ މިނެޓްގައި އަދި މެޗުގެ 30 ވަނަ މިނެޓްގައި ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ފިލިޕީންސްގެ ގޯލްކީޕަރ ރޮލަންޑް މުލާ އެވެ. ފިލިޕީންސްއަށް ފުރަތަމަ ހާފު ލިބުނު އެންމެ ފާހަގަކޮށްލުވުނު ފުރުސަތަކީ މެޗުގެ 40 ވަނަ މިނެޓްގައި ކުރިން ޗެލްސީ ޓީމުގައި އުޅުނު ޔަންގް ހަސްބަންޑަށް ލިބުނު ފުރުސަތެވެ.

ފަލަސްތީނުން މެޗުގެ ލީޑު ނެގީ މެޗުގެ 57 ވަނަ މިނެޓްގައި މިމުބާރާތުގައި ޖުމްލަ 4 ލަނޑު ކާމިޔާބުކޮށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމަށް ހޮވުނު ފަވަގްރާ އެވެ. މިލަނޑާއެކު ފިލިޕީންސް އިން ލަނޑެއް ޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވެ މެޗު ނިމުނީ 1-0 ފަލަސްތީނު މޮޅުވެގެންނެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފަލަސްތީނުގެ މުރާދު ސައީދެވެ. ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އަފްޤާނިސްތާނެވެ.

މިއީ 1928 ވަނަ އަހަރު އުފެދުނު ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ބައިނަލްއަޤްވާމީ ތައްޓެވެ. މިތައްޓާއެކު ފަލަސްތީނުން ވަނީ އަންނަ އަހަރު ޖެނުއަރީ މަހު އޮސްޓްރޭލިޔާގައި އޮންނަ އޭސިޔަން ކަޕަށް ކޮލިފައިވެފަ އެވެ. ފަލަސްތީނުން ބައިނަލްއަޤްވާމީ ފުޓްބޯޅާގައި ވާދަކުރަން ފެށީ 1998 ވަނަ އަހަރު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355