twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ފެންވަރު ދަށްވެ، ރައްޔިތުންގެ ޝަކުވާ އިތުރުވަނީ

Jun 10, 2014

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ދޭ ހިދުމަތާމެދު ރައްޔިތުން ކުރާ ޝަކުވާގެ އަޑު ދުވަސްދުވަހުން ގަދަވެއެވެ. ބައެއް ފަހަރު ހޮސްޕިޓަލުގައި ހިނގާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން މިފަދަ އަޑުތައް ގަދަވެއެވެ. އަނެއްބައި ފަހަރު ހޮސްޕިޓަލުގައި ބައެއް ބަލިތަކަށް ހާއްސަ ޑޮކްޓަރުން މަދުވުމުގެ ސަބަބުން ހޮސްޕިޓަލާމެދު ކުރާ ޝަކުވާތަކުގެ އަޑު ގަދަވެއެވެ.

“މި ރަށުގައި ހުންނަ ހޮސްޕިޓަލުގެ އައިސީޔޫއިން ލިބޭ ފަރުވާ އައިޖީއެމްގެ ވޯޑަކުން ލިބޭ ހިދުމަތަކަށް ވުރެ ދަށް މިހާރު. މިދެން ނަމަކަށް ހުންނަ ތަނެއް އެއްވެސް ހިދުމަތެއް ނުލިބޭ ގިނަ ކަންތައްތަކެއް ވަނީ ބޮއްސުންލައިގެން ގޮސްފަ” ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި މީގެ ދެ ހަފުތާ ކުރިން ހިދުމަތް ހޯދުމަށް ފަހު އައިޖީއެމްއެޗުން ފަރުވާ ހޯދި ފިރިހެނަކު ބުންޏެވެ.

މިއީ އެންމެ ރައްޔިތެއްގެ ޝަކުވާއެއް ނޫނެވެ. އުތުރުގެ ހުރިހާ ރައްޔިތުންގެ ޝަކުވާ އެކެވެ. ކޮންމެ ދުވަހު އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ އެތައް ސަތޭކަ ރައްޔިތުންގެ ޝަކުވާއެކެވެ. އެކަށީގެންވާ ސިއްހީ ހިދުމަތަކީ ކޮންމެ ރައްޔިތަށްކަށް ލިބިދީފައިވާ އަސާސީ ހައްގެއް ނަމަވެސް ރަގަޅު ސިއްހީ ހިދުމަތެއް ކުޅުދުއްފުށީ ރީޖަނަލު ހޮސްޕިޓަލުން ދާއިމީގޮތެއްގައި ނުލިބެ އެވެ.

ސިއްހީ މަރުކަޒުން، އަތޮޅު ހޮސްޕިޓަލުން ފެށިގެން ރީޖަނަލް ހޮސްޕިޓަލާ ހަމައަށް ބަލިމީހާ ގެންނައިރު، އެ ބަލިމީހާގެ ބަލި ދެނެގަތުމަށް ބޭނުންވާ ވަސީލަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން އަދި އެތަށް އިރެއް ފަރުވާނުދެވި ހޭދަވެއެވެ. މިހެން ދިމާވާ ބައެއް ފަހަރު ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ނުދެވުމުގެ ސަބަބުން ހިތާމަވެރި ކަންކަން ހިނގައެވެ. މި ނޫހާ މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ނުގުޅޭ ބޭސް ދިނުމާއި، ރަނގަޅަށް ބަލި ޑައިގްނޯސް ނުކޮށް ބޭސް ދިނުންފަދަ ނުރައްކާތެރި އެތައް ކަމެއް އަންނަނީ ހިނގަމުން ނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތް ދަށްވެގެން ޝަކުވާ ކުރަނީ މިއަދު ނޫނީ އިއްޔެ އެއް ނޫނެވެ. މިދިޔަ ސަރުކާރުތަކުން ވެސް ހޮސްޕިޓަލުގެ ތަރައްގީއަށް ބޮޑެތި ވާހަކަތައް ދެއްކުން ފިޔަވައި އިތުރު ކަމެއް ވީތަނެއް ނުފެނުނެވެ. މިއީ މިއަދު ގަބޫލުކުރަންޖެހޭ ހަގީގަތެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަކީ އެންމެ އުތުރުގެ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ސަރަހައްދުގެ މައި ހޮސްޕިޓަލަށް ވާއިރު މިހާރުވެސް އެ ހޮސްޕިޓަލުގައި އެތެރެހަށީގެ ޑޮކްޓަރެއް ނެތްތާ 7 މަސް ވަނީއެވެ. މީގެ ކުރިން އަންހެނުންގެ ދެ ޑޮކްޓަރަކު ހުރި ނަމަވެސް މި ވަގުތު މަސައްކަތްކުރަނީ އެންމެ ޑޮކްޓަރެކެވެ. މައުލޫމާތު ލިބޭގޮތުގައި، އެ ޑޮކްޓަރަކީ އުތުރުގެ ތިން އަތޮޅުގައި ވެސް މިއަދު ހުރި ހަމައެކަނި އަންހެނުންގެ ޑޮކްޓަރެވެ. 24 ގަޑިއިރު ހިދުމަތް ދޭން ޖެހިފައިވާއިރު އެންމެ ޑޮކްޓަރަކަށް އެހާ ބުރަކޮށް މަސައްކަތްކުރަންޖެހުމަކީ އެކަމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާއެއް ހިނގައިދާނެ ކަމެކެވެ.

އުތުރުގެ މައި ހޮސްޕިޓަލުގައި ހުންނަ ދަތުގެ ކްލިނިކުގެ ހިދުމަތަކީވެސް މިހާރު ބަލައިގަނެވޭ ފެންވަރެއްގައި ދެވޭ ހިދުމަތެއް ނޫނެވެ. ދަތެއްގައި ފުޓުނިކޮޅެއް ވެސް އެ ކްލިނިކުން އަޅައިނުދެވޭ ކަމަށް ހިދުމަތް ހޯދާ ފަރާތްތަކުން ބުނާއިރު، ދަތުގެ ފަރުވާދިނުމަށް ބޭނުންވާ ކެމިކަލްސް އާއި އެހެނިހެން ބައެއް އާލާތްތައް ވެސް ނެތްކަމަށް އެނގިފައި ވެއެވެ. އެހޮސްޕިޓަލުގައި ހުންނަ ދަތުގެ ކުލިނިކުގެ ފެންވަރަކީ ކޮބާތޯ އެވެ. ދަތުގެ ދެ ޑޮކްޓަރުން ތިބިނަމަވެސް މިފަދަ ހާލަތެއްގައި ހުރި ތަނަކުން އެކަށީގެންވާ ހިދުމަތެއް ނުލިބޭނެ ކަން އެއީ އެންމެންވެސް ދަންނަ ހަގީގަތެކެވެ.

ހޮސްޕިޓަލުގެ އެކްސްރޭ ރޫމުގެ ހާލަތަކީ ކޮބާތޯ އެވެ. ބޮޑެތި އެކްސްރޭތައް ނުނެގޭތާ ދުވަސް ތަކެއް ވަނީ ވެފަ އެވެ. ހަމަ އެކަނި ނެގެނީ ކުދިކުދި އެކްސްރޭ ތަކެވެ. އެކްސްރޭ ނެގުމަށް ބޭނުން ކުރާ ބޮޑު މެޝިނު މަރާމާތަށް ބޭނުންވެފައި ހުންނަތާ މިހާރު 3 އަހަރު ވަނީ ވެފައި އެވެ. ކުދި އެކްސްރޭތައް ނަގަނީ ހޮސްޕިޓަލުގައި ގެންގުޅޭ ޕޯޓަބަލް އެކްސްރޭ މެޝިނަކުންނެވެ.

މުޅި ހޮސްޕިޓަލުގެ 4 ވޯޑުގައި ބޭނުންކުރުމަށް ހުންނަނީ އެންމެ އީސީޖީ މެޝިނެކެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން މިހާރުވެސް ފަރުވާ ހޯދަމުން އަންނަ މާބަނޑު އަންހެނަކު ބުނީ ބަނޑު ބޮޑުކަން އެނގުނު ހިސާބުން ޑޮކްޓަރަށް ބަރާބަރަށް ދައްކަމުން އަންނަ ކަމަށާއި އަދި 10 ދުވަހުން ދުވަހުން ސްކޭން ހަދާ ކަމަށެވެ. އެހެނަމަވެސް ބަޑުގައިވާ ދަރިފުޅުގެ ހާލަތު ޑޮކްޓަރުންނަން ބުނެދޭން ނޭގޭކަމަށެވެ.

ހޮސްޕިޓަލުގެ މުވައްޒަފެއް ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބުނީ ހޮސްޕިޓަލުގައި ހުންނަ ސްކޭން  މެޝިނުން ބަނޑުގައިވާ ދަރިފުޅުގެ ރަގަޅަށް ނޭނގޭ ކަމަށެވެ.

” ބައެއް ފަހަރު ބަޑުގައިވާ ދަރިފުޅުގެ ކަރުގައި ފޫޅުދަނޑި އޮޅިފަ އޮތަސް ނޭގޭ. ކުއްޖާ އޮތީ ބަންޑުން ކަމެއް އުއްޑުން ކަމެއް ވެސް މިއެގެނީ ހަމަ ލޮލަށް ފެންނަ ހިސާބަށް ނިކުތީމަ. އޭރުދެން އަވަސް އަރުވާލާފައި ކޮންމެވެސް ވޭނީ ގޮތަކަށް ކުއްޖާ ޖެހެނީ ނަގަން. ނޫނީ ކޮންމެވެސް އެހެން ގޮތެއް ހަދަން” އަތުން މަންޒަރު ދައްކަމުން ވީހާވެސް ސިފަވާނޭ ގޮތަށް އޭނާ ކިޔާދިނެވެ.

ސިޔާސީ ބޭފުޅުން އެބޭފުޅުންގެ ވައުދު ތަކެއްގެ އެންމެ ކުރިއަށް އަންނަނީ ސިއްހީ ދާއިރާ އެވެ. ޕީޕީއެމްގެ ސަރުކާރެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހިދުމަތް މާލޭގެ މަރުކަޒީ ހޮސްޕިޓަލާ އެއް ފެންވަރު ކުރާނެ ކަމަށް ރައީސް ޔާމީނު ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އަދި މިވީ މުއްދަތުގެ ތެރޭގައި ހޮސްޕިޓަލުގެ ކުރިމަގާ ބެހޭގޮތުން ސަރުކާރުގެ ފަރާތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.

މީގެ ކުރީގެ ސަރުކާރުތަކުން އަދި މިހާރުގެ ސަރުކާރުންވެސް ދައްކަނީ ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްގީކުރަން ޖެހޭ ވާހަކައެވެ. ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލަށް ހުންނަންޖެހޭ ވާހަކަ އެވެ. އެކަން ގަބޫލުނުކުރަނީ ކޮން ރައްޔިތެއްތޯ އެވެ. އެހެންނަމަވެސް، ދައްކާ ވާހަކަތަކަށް އަމަލީ ސިފައެއް އަންނަތަނެއް ނުފެނެއެވެ. މި ސަރުކާރުގެ ކުރިއަށް އޮތް ދުވަސްވަރު އުއްމީދީ ވާހަކައެއް އަދި އަމަލީ މަސައްކަތެއް ކުޅުދުއްފުށީ ހޮސްޕިޓަލާމެދު ފެންނާނެކަމުގެ އުއްމީދުގައި އެތައް ރައްޔިތުންނެއް އެބަތިއްބެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355