twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފީފާ ވޯލްޑް ކަޕް 2014- ގްރޫޕް ސްޓޭޖްގެ އުސްއަލިތައް

Jun 27, 2014

ފީފާ ވޯލްޑް ކަޕް 2014 ގެ ގްރޫޕް ސްޓޭޖް ބުރާސްފަތި ދުވަހު ނިމުނުއިރު ޔޫރަޕްގެ ގިނަ ޓީމުތަކެއްވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ. މީގެ ބަދަލުގައި މުބާރާތުގެ ދެވަނަ ބުރަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ އެމެރިކާ ބައްރަށް ނިސްބަތްވާ ޤައުމުތަކެވެ. މިގޮތުން ސައުތު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ބްރެޒިލް، އާޖެންޓީނާ، ޗިލީ، ކޮލަމްބިއާ އަދި އުރުގުއާއީ ދަތުރުކުރިއިރު މި ބައްރުން ހަމައެކަނި ކަޓާފައިވަނީ ހަނިގޮތަކަށް ކެޓި އެކުއެޑޯ އެވެ.

ފީފާ ރޭންކިންގެ ގަދަ ދިހައެއްގައި އުޅޭ 4 ޓީމެއް ކެޓިއިރު މީގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން، 2006 ގެ ޗެމްޕިއަން އިޓަލީ، ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ޕޯޓްގަލްގެ އިތުރުން އެއްވެސް މެޗަކުން މޮޅުނުވެ ކެޓި އިންގްލެންޑެވެ. މީގެ އިތުރުން ޔޫރަޕްގެ ޓީމްތައް ކަމުގައިވާ ރަޝިޔާ، ބޮސްނިއާ، އަދި ކުރޮއޭޝިޔާވެސް ވަނީ ގްރޫޕް ސްޓޭޖުން ކަޓާފަ އެވެ.  ޔޫރަޕް ސަރަހައްދުން ދެވަނަ ބުރަށް ދަތުރުކުރީ ބެލްޖިއަމް، ޖާމަނީ، ފްރާންސް އަދި ސްވިޒަލެންޑްގެ އިތުރުން ގްރީސް އެވެ.

އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ 4 ޓީމު ކަމުގައިވާ އެމެރިކާ، މެކްސިކޯ، ކޮސްޓާ ރިކާ އަދި ހޮންޑްރަސް ގެ ތެރެއިން ހޮންޑްރަސް ނޫން އަނެއް ތިން ޓީމު ވަނީ ދެވަނަ ބުރަށް ދަތުރު ކޮށްފަ އެވެ. އެފްރިކާ ސަރަހައްދުން އަލްޖީރިއާ އަދި ނައިޖީރިއާ ދެވަނަ ބުރަށް ދަތުރުކުރިއިރު ކެމަރޫން އަދި ގާނާ ދިޔައީ އެ ޓީމުތައް ނިސްބަތްވި ގްރޫޕްގެ ފުލަށެވެ. މީގެ އިތުރުން ގްރޫޕްތަކުގެ ފުލަށް ދިޔައީ އޭޝިޔާ ސަރަހައްދުން ކޮލިފައިވީ 4 ޓީމު ކަމުގައިވާ ސައުތު ކޮރެއާ، ޖަޕާން، އީރާން، އޮސްޓްރޭލިޔާގެ އިތުރުން މަޝްހޫރު އިންގްލެންޑް އަދި ހޮންޑްރަސް އެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި ކުޅެވޭ މެޗުތަކުގައި ބައްދަލުކުރާނީ ބްރެޒިލް-ޗިލީ، ނެދަލޭންޑްސް-މެކްސިކޯ، ކޮލަމްބިއާ-އުުރުގުއޭ، ކޮސްޓާރިކާ-ގްރީސް، ފްރާންސް-ނައިޖީރިއާ، އާޖެންޓީނާ-ސްވިޒަލެންޑް، ޖާމަނީ-އަލްޖީރިއާ އަދި ބެލްޖިއަމް-ޔޫއެސްއޭ އެވެ. ދެވަނަ ބުރުގެ މެޗުތައް ޖޫން 28 އިން 1 ޖުލައި އަށް ކުރިއަށް ދާއިރު މެޗުތައް ކުޅެވޭނީ ރާއްޖެ ގަޑިން 21:00 ގައި އަދި 01:00 ގަ އެވެ.

2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖްގައި 101 ލަނޑު ޖަހާފައިވާއިރު މިއަހަރުގެ ވޯލްޑްކަޕްގައި މިހާތަނަށް 136 ލަނޑުވަނީ ޖަހާފަ އެވެ. މީގެ ތެރޭގައި ތޯމަސް މުލާ އަދި ޝެގީރީ ހެދި ހްޓްރިޖްތައް ހިމެނޭއިރު 4 ލަނޑު ޖަހައިގެން ގޯލްޑަން ބޫޓް ރޭހުގެ ކުރީގައި އުޅެނީ މެސީ، މުލާ އަދި ނޭމާ އެވެ. ގްރޫޕް ސްޓޭޖްގެ 5 މެޗެއްވަނީ 0-0 އިން އެއްވަރުވެފަ އެވެ. މި މުބާރާތުގައި އެވްރެޖްކޮށް މެޗެއްގައި 0.3 ރަތްކާޑު ދައްކާފައިވާއިރު އެވްރެޖްކޮށް 2.7 ރީނދޫ ކާޑުވަނީ ދައްކާފަ އެވެ.

ކުޅުމުގެ ތެރޭގައި ބޯޅަ އޮންނަ ވަގުތު 2010 ވަނަ އަހަރުގެ ވޯލްޑްކަޕާ އަޅާ ބަލާއިރު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮސްފަ އެވެ. އެއީ 69.8 މިނެޓުން 55.6 މިނެޓަށެވެ. ނެދަލޭންޑްސް، އާޖެންޓީނާ އަދި ބެލްޖިއަމް ހުރިހާ މެޗަކުން މޮޅުވެފައި ވާއިރު، 10 ގޯލް ކާމިޔާބުކޮށް އެންމެ ގިނަ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ނެދަލޭންޑްސް އެވެ. އެންމެ ގޯލެއް ކާމިޔާބުކޮށްގެން މި ލިސްޓްގެ ފުލުގައި އުޅެނީ އީރާން، ކެމަރޫން އަދި ހޮންޑްރަސް އެވެ. އެންމެ މަދުން ގޯލު ވަދެފައިވަނީ ބެލްޖިއަމް، މެކްސިކޯ އަދި ކޮސްޓާ ރިކާގެ ކޮޅަށެވެ. އެއީ 1 ގޯލެވެ.

ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު 48 މެޗަކީވެސް ފޯރިގަދަ މެޗުތަކެކެވެ. ކުރިއަށް އޮތް މެޗުތަކަކީ އަދި މިއަށްވުރެ ފޯރިގަދަވާނެ މެޗުތަކަކަށްވާނެކަމީ ޝައްކެއްވެސް އޮތްކަމެއް ނޫނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355