ސަން ފަރްމިން ފެސްޓިވަލް ނުވަތަ ރަނިންގ އޮފް ދަ ބުލް އަކީ ކޮންމެ އަހަރެއްގެ ޖުލައި 6 ވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރު ފަށާ ފެސްޓިވަލް އެކެވެ. ފެސްޓިވަލް ފެށުމުގެ ގޮތުން ސްޕެއިންގެ ޕަމްޕުލޯނާ ސިޓީގެ މޭޔަރ ފެސްޓިވަލް ފެށުންކަމަށް އިއުލާންކޮށް ރޮކެޓެއް ފޮނުވާލަ އެވެ.
ކުރީގައި އޮކްޓޯބަރ 10 ގައި ފަށާ މި ފެސްޓިވަލް ޕަމްޕޮލޯނާ ސިޓީގެ ކައުންސިލުން ވަނީ ޖުލައި 6 އަކަށް ބަދަލުކޮށްފަ އެވެ. އެއީ އެ ދުވަސްތަކުގެ މޫސުން ރީތިވީމާ ގެނެވުނު ބަދަލެކެވެ.
މި ފެސްޓިވަލުގެ އެންމެ މުހިންމު ހަރަކާތްކަމުގައިވާ “ބުލް ރަނިންގ” ކުރިއަށްދަނީ ޖުލައި 7 ން ޖުލައި 14 އާ ހަމައަށެވެ. ކޮންމެ ދުވަހަކު ހެނދުނު 8 ޖަހާއިރު މި ދުވުން ފަށަ އެވެ.
13 ވަނަ ގަރުނުން ފެށިގެން ކުރިއަށްދާ މި ފެސްޓިވަލުގައި 700 ކިލޯ ގްރާމް ގެ 6 ބުލް ނުވަތަ ފިރިހެން ގެރި ބޭނުންކުރާއިރު މި ދުވުމުގައި ބައިވެރިވާ ހުރިހާ ދުވުންތެރިން ހެނދުނު 7:30 އަށް އެ ސަރަހައްދަށް ދާންޖެހެ އެވެ. 825 މީޓަރަށް ދުވަން ޖެހޭއިރު މި ދުވުމުގެ ދިގުމިނަކީ އާންމު ގޮތެއްގައި 3 މިނެޓެވެ.
ހެނދުނު 8 ޖެހުމާއެކު ދޫކޮށްލެވޭ ރޮކެޓަކާއެކު ގެރިތައް ދޫކޮށްލާއިރު ދުވުންތެރިން ތިބެނީ ހުދު ހެދުން ލާފައި ރަތްކުލައިގެ ސްކާފެއް ކަރުގެ ވަށައިން އަށްސައިގެންނެވެ. ގެރިތައް ދޫކޮށްލެވުމާއެކު ދުވަން ކަނޑައަޅާފައިވާ މަގުން ދުވުންތެރިންނާއި އެ ގެރިތައް ދުވަންފަށަ އެވެ.
ތިރީގައި މިވަނީ މި ދުވުން ދުވަން ހަމަޖައްސައިފާ އޮންނަ މަގެވެ.
ހުރިހާ ގެރިތަކަށް “ބުލް ރިންގް”އަށް އާދެވުމުން ރޮކެޓެއް ދޫކޮށްލެވެ އެވެ. މި ރޮކެޓުން މި އިއުލާން ކުރަނީ ދުވުން ނިމުނުކަމެވެ.
މި ބެލުން ބެލުމަށްޓަކައި ރަނގަޅު ތަނެއް ބޭނުންނަމަ ހެނދުނު 6 ޖަހާއިރަށް އެ ސަރަހައްދަށް ދާންޖެހޭއިރު މި ދުވުން ބެލުމަށްޓަކައި ތިބެން ޖެހެނީ ޖަހާފައި ހުންނަ ފެންސްތަކެއްގެ ފަހަތުގަ އެވެ. އޭގެ އިތުރުން ބެލުކަނީތަކުގައިވެސް މި ދުވުން ބަލައިލެވެ އެވެ.
“ބުލް ރިންގް” ކައިރީ ދުވުން ނިމޭތަން ބަލަން ފުރުސަތުލިބޭއިރު މި ދުވުން ސްޕޭއިންގެ ގައުމީ ޓީވީން ދުރަށް ދައްކަ އެވެ. މި ދުވުމުގެ ތެރޭގައި އުފެދޭ ހާސްކަމާއި “އެކްސައިޓްމެންޓް”ގައި އެތައް ބަޔަކަށް އަނިޔާވެ ފުރާނަ ވެސް ގޮސްފައިވެ އެވެ. މި އަހަރުގެ ފުރަތަމަ ދުވަހުގެ ދުވުމުގައިވެސް ފަސް މީހަކަށް އަނިޔާވެ އޭގެ ތެރެއިން 4 މީހުން ހޮސްޕިޓަލްއަށް ގެންދަންޖެހިފައިވެ އެވެ. އަދި 1924 ވަނަ އަހަރުން މިހާތަނަށް 15 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް ބޮޑެތި އަނިޔާ މި ދުވުމުގައި ލިބިފައިވެ އެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު ބުލް ފައިޓެއް އޮންނައިރު 14 ވަނަ ދުވަހުގެ ރޭގަނޑު ނިންމުމުގެ ގޮތުން ކުލަގަދަ ހަފުލައެއް ބާއްވަ އެވެ. މި ހަފުލާގައި ބަޑިބޭހުގެ ކުޅިވަރު ފެނިގެންދެ އެވެ.
މި ފެސްޓިވަލްއާ ދިމާކޮށް މި ސިޓީގެ ހުރިހާ ހޮޓެލަކެއް ފުރިގެންދާއިރު ކައިރީގެ ސިޓީތަކުގެ ހޮޓެލްތަކަށްވެސް ބާރު ބޮޑުވެގެންދެ އެވެ. މި ފެސްޓިވަލުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތައް ބައެއް ކޮންމެ އަހަރަކުވެސް ބައިވެރިވެ އެވެ.