އިޒްރޭލާއި އަރަބިން މެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކަށް އެތައް ގަރުނެއް ވެފައިވާއިރު މި ހަމަނުޖެހުންތަކަށް މިހާތަނަށްވެސް ވަނީ ހައްލެއް ނުހޯދިފަ އެވެ.
ތާރީހީ ބިމެއްކަމުގައިވާ ފަލަސްތީނަކީ އެތައް ދީނެއްގެ ބައެއް އެއީ އެމީހުންގެ އަމިއްލަ ބިންކަމުގައި ދައުވާ ކުރަމުންދިޔަ ބިމެކެވެ. އިސާގެފާނު އުފަންވުމުގެކުރިން ޔަހޫދީން މި ބިމުގައި ދިރިއުޅެފައިވެ އެވެ. ރޯމަނުން ފަލަސްތީނު ހިފާ ޔަހޫދީން އެ ބިމުން ބޭރުކޮށްލުމުން އެމީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެން ފެށި އެވެ.
މުސްލިމުންގެ މުގައްދަސް ބިމެއްކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންވެސް ވެރިކަން ކޮށްފައިވެ އެވެ. އެގޮތުން 19 ވަނަ ގަރުނުގެ ތެރޭގައި ފަލަސްތީނުގައި އޮތީ އުސްމާނީގެ ވެރިކަމެވެ. މި ދުވަސްވަރު އެތަކެއް އަރަބިންނެއް ވަނީ ފަލަސްތީނަށް ހިޖުރަކޮށްފަ އެވެ. 19 ވަނަ ގަރުނުގެ މެދާ ހަމާގައި ޔަހޫދީން ފަލަސްތީނަށް އެނބުރި އައުމުގެ ހިޔާލު ފާޅުކޮށް ދުރުރާސްތާ ނުބައި ޕްލޭންތަކެއް ހަދަން ފެށި އެވެ. މި ހިޔާލަށް “ޒައޮނިޒަމް” ގެ ނަމުން ނަންދެވުނެވެ. 20 ވަނަ ގަރުނު ފެށުމާއެކުހެން ޔަހޫދީން ފަލަސްތީނަށް އެނބުރި އައިސް އެ ބިމުގައި ދިރިއުޅެން ފެށި އެވެ.
ފުރަތަމަ ބޮޑު ހަނގުރާމަގައި އިނގިރޭސިން އުސްމާނީންގެ ވެރިކަން ނިމުމަކަށް ގެނެސް އެ ބިމުގައި ވެރިކަން ކުރަން ފެށި އެވެ. މި ދުވަސްވަރު އިނގިރޭސީން ވަނީ ޔަހޫދީންނަށް އެމީހުންނަށް ވަކިން ގައުމެއް އުފެއްދުމަށް އެހީތެރިވެދީފަ އެވެ. ދެވަނަ ބޮޑު ހަނގުރާމާގައި ޖަރުމަނުން ވަނީ 6 މިލިއަނަށްވުރެ ގިނަ ޔަހޫދީން މަރާލާފަ އެވެ.
1947 ގައި ފަލަސްތީނު ދެ ބަޔަކަށް ވަކިކޮށް ދެ ގައުމަކަށް ހެދުމަށް އދ އިން ނިންމި އެވެ. ޔަހޫދީނަށް އިޒްރޭލް އަދި އަރަބީންނަށް ފަލަސްތީނެވެ. އިޒްރޭލުން މިކަމަށް އެއްބަސްވިއިރު އަރަބީން އެމީހުންގެ ބިން ޔަހޫދީންނަށް ދިނުމަށް އެއްބަހެއް ނުވި އެވެ.
1948ގައި އިގިރޭސިން ފަލަސްތީނު ދޫކޮށްދިއުމުން އިޒްރޭލުންވަނީ އެމީހުންގެ މިނިވަންކަން އިއުލާންކޮށްފަ އެވެ. މި ދުވަސްވަރު އަރަބި ގައުމުތަކުން އިޒްރލުއާ ދެކޮޅަށް ހަނގުރާމަ ކޮށްފައިވެ އެވެ. ނަމަވެސް އިޒްރޭލުން ވަނީ މި ހަނގުރާމަ ތަކުން މޮޅުވެފަ އެވެ.
އދ އިން އިޒްރޭލުގެ ގޮތުގައި ކަނޑައަޅާފައިވާ ބިންތަކުގެ އިތުރަށް އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން އެހެން ބިންތައް ވެސް ވަނީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފަ އެވެ. މި ދުވަސްވަރު އަރަބީންގެ ފަލަސްތީނުވަނީ އެހެން އަރަބި ގައުމުތައް ކަމުގައިވާ މިސްރު، ސީރިއާ އަދި ޖޯޑަންގެ ބާރުގެ ދަށުގަ އެވެ. މި ދުވަސްވަރު 700000 ފަލަސްތީނުގެ ރަށްޔިތުން ރެފުއުޖީންނަށްވެ ކައިރި ގައުމުތަކަށް ގޮސްފައިވެ އެވެ.
1956 ގައި މިސްރުން ވަނީ ސުއޭޒް ކެނަލް އެމީހުންގެ ކޮންޓްރޯލުގެ ދަށަށް ގެނެސްފަ އެވެ. އޭރު އެތަން އޮތީ އިނގިރޭސިން އަދި ފަރަންސޭސީންގެ ބާރުގެ ދަށުގަ އެވެ. އެކަމާ ގުޅިގެން އިޒްރޭލުން ވަނީ އެ ދެ ގައުމާ ގުޅިގެން މިސްރަށް ހަމަލާތަކެއް ދީފަ އެވެ.
1967 ގައި އޭރުގެ މިސްރުގެ ރައީސް ނާސިރު ވަނީ އިތުރު ހަމަލާތަކެއް އިޒްރޭލަށް ދީފަ އެވެ. މިސްރުން ވަނީ އިޒްރޭލަށް ހަމައެކަނި ވަދެވެން އޮންނަ ކަނޑުގެ މަގު ބަންދުކޮށްފަ އެވެ. އަރަބި ހުރިހާ ގައުމެއްގެ ސިފައިން ވަނީ އެދުވަސްވަރު އިޒްރޭލުގެ ބޯޑަރު ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ. އެހެންނަމަވެސް 6 ދުވަހަށް ދެމިގެންދިޔަ މި ހަނގުރާމާގައި ފުރަތަމަ ހަމަލާއެއްދީ މޮޅުވެފައިވަނީ އިޒްރޭލެވެ. މިއަށްފަހު އިޒްރޭލުން ވަނީ އަރަބީންގެ ބާރުގެ ދަށުގައި އޮތް ފަލަސްތީނުގެ އިތުރު ބިންތަކެއްވެސް ހިފާފަ އެވެ. އޭގެ ތެރޭގައި ސީރިއާގެ އަތުން ގޯލާން ހައިޓްސް، ޖޯޑަންގެ އަތުން ވެސްޓު ބޭންކް އަދި މިސްރުގެ އަތުން ޣައްޒާ އަތުލި އެވެ.
1973 ގައި މިސްރު އަދި ސީރިއާއިން ވަނީ އިޒްރޭލު ސިއްސުވާލާފަ އެވެ. މިސްރު އަދި ސީރިއާއިން ވަނީ އިޒްރޭލުގެ ޔަހޫދީންގެ އީދު ދުވަހު އިޒްރޭލަށް ހަމަލާދީފަ އެވެ. ނަމަވެސް އިޒްރޭލުން ވަނީ މި ހަނގުރާމަގައިވެސް ކާމިޔާބުވެފަ އެވެ. މިއަށްފަހު މިސްރުންވަނީ އިޒްރޭލު ބަލިނުކުރެވޭނެކަމަށް ނިންމާ، އިޒްރޭލާ އެކު ސުލްހަ ގާއިމުކޮށްފަ އެވެ. މިސްރުވެގެންދިޔައީ އިޒްރޭލާއެކު ސުލްހަ ގާއިމުކުރި ފުރަތަމަ އަރަބި ގައުމަށެވެ.
1982 ވަނަ އަހަރު އިޒްރޭލުންވަނީ ލުބްނާނުވެސް ހިފާފަ އެވެ. އިޒްރޭލުގެ ސިފައިން 2000 ވަނަ އަހަރާ ހަމައަށް ލުބުނާނުގައި ތިއްބެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގު ހޯދުމަށް އުފެދުނު ޖަމާއަތެއްކަމުގައިވާ ޕީއެލްއޯ އިން ވަނީ އިޒްރޭލުން އެކި ފަހަރުމަތިން ލުބުނާން މިނިވަންކުރުމަށް ހަމަލާތަކެއް ދީފަ އެވެ.
1980 ގެ ފަހުކޮޅުގައި ފަލަސްތީނުގެ ރައްޔިތުންވަނީ އިޒްރޭލުން ހިފާފައިވާ ބިންތަކުގައި އެމީހުންގެ ހައްގަށްޓަކައި މުޒާހަރާތަކެއް ކޮށްފަ އެވެ. މި ދުވަސްވަރު އަރަބީން ވަނީ ޔަހޫދީންނަށް މަސައްކަތްކޮށް ދިނުން ހުއްޓާލާ، އިޒްރޭލު ސަރުކާރަށް ޓެކްސް ދިނުން ހުއްޓާލާފަ އެވެ. މި ހަމަނުޖެހުންތައް ހުއްޓުވުމަށް އިޒްރޭލުން ވަރުގަދަ ބާރުގެ ބޭނުން ކޮށްފައިވެ އެވެ.
1990އެއްގެ ކުރީކޮޅު ޕީއެލްއޯ އިން ވަނީ އިޒްރޭލުއާ އެކު ސުލްހަ ގާއިމުކުރުމަށް މަސައްކަތްކޮށްފަ އެވެ. 1993 ގައި ވަނީ ޕީއެލްއޯ އަދި އިޒްރޭލުން އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި އިޒްރޭލުން ވަނީ އެމީހުން ހިފާފައިވާ ފަލަސްތީނުގެ ބައެއް ބިންތައް ދިނުމަށް އެއްބަސްވެފަ އެވެ. އެ ބިންތައް ފަލަސްތީނަށް ލިބުމުން ފަލަސްތީނުންވަނީ އެމީހުންގެ ސަރުކާރެއް ގާއިމުކޮށްފަ އެވެ.
2000 ގައި ސުލްހައިގެ ވާހަކަ ދެއްކުންތައް ނެތިދިއުމުން އަނެއްކާވެސް ދެ ގައުމު ދޭތެރޭ ހަމަނުޖެހުންތަށް އުފެދިގެންދިޔަ އެވެ. އިޒްރޭލުގައި ފަލަސްތީނުގެ އެތައް ބައެއް މަރުވެގެންދިޔަ އެވެ. މި ދުވަސްވަރުވަނީ އިޒްރޭލުގެ ބޮޑު ބައެއް ޔަހޫދީންގެ ބާރުގެދަށަށް ގެނެސްފަ އެވެ.
2006 ގައި ހިޒްބުﷲގެ ނަމުގައި އުފެދުނު ޖަމާއަތަކުން ލުބުނާނު ވަނީ އެމީހުންގެ ކޮންޓުރޯލުގެ ދަށަށް ގެނެސްފަ އެވެ. ހަމަ މި ދުވަސްވަރު ހަމާސް ޖަމާއަތުން ވަނީ ޣައްޒާ ކޮންޓުރޯލުކުރަން ފަށާފަ އެވެ.
ފަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އަކީ ފަލަސްތީނުގެ އަރަބިންގެ ހައްގުތަކަށް މަސައްކަތްކުރާ ސިޔާސީ ގުރޫޕެކެވެ. މި ގުރޫޕުގެ މައިގަނޑު މަގުސަދަކީ ފަލަސްތީނު މިނިވަންކުރުމެވެ. ޕީއެލްއޯ ވުޖޫދަށް 1964 ގައި އައިސްފައިވާއިރު ޔާސިރު އަރަފާތަކީ މި ގުރޫޕުގެ ލީޑަރެވެ. ޔާސިރު އަރަފާތު އަވަހާރަވެފައިވަނީ 2004 ގައެވެ. މިހާރު ޣައްޒާގެ ބައެއް ހިސާބުވެސް އޮތީ މި ގުރޫޕުގެ ކޮންޓުރޯލުގެ ދަށުގަ އެވެ. އެ ގުރޫޕުގެ ސަރުކާރެއްވެސް މިހާރު ފަލަސްތީނުގާ އޮވެ އެވެ. މިހާރު މި ގުރޫޕުގެ ލީޑަރަކީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެވެ.
އިޒްރޭލާއި މިސްރާ ދެމެދު އޮންނަ ކުޑަ ބިމެއް ކަމުގައިވާ ޣައްޒާ ވަނީ އިޒްރޭލުން 1967 ން 1994 އެމީހުންގެ ބާރުގެ ދަށުގައި ބާއްވާފަ އެވެ. އެ ދުވަސްވަރު ފަލަސްތީނުގެ ރައްޔިތުންގެ ފަގީރުކަމުގެ ސަބަބުން އެމީހުން އިޒްރޭލުގައި މަސައްކަތްކޮށްފައިވެ އެވެ.
2005ގެ ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު އިޒްރޭލުގެ ކެބިނެޓުންވަނީ ޣައްޒާގައި އެމީހުން ހިންގަމުންދާ ހަމަނުޖެހުންތައް ރަސްމީކޮށް ހުއްޓާލުމަށް ނިންމާފަ އެވެ. އިޒްރޭލުގެ ސިފައިންވަނީ ސެޕްޓެމްބަރުމަހުގައި ޣައްޒާއިން ފައިބާފަ އެވެ. ނަމަވެސް އިޒްރޭލުން ޣައްޒާއަށް ދަނީ އެކި އެކި ހަމަލާތަށް އެކި ދުވަސްވަރު ދެމުންނެވެ.
މިއަހަރުގެ ކުރީކޮޅުގައިވެސް އިޒްރޭލާއި ފަލަސްތީނާ ދެމެދު ސުލައިގެ ވާހަކަ ދެއްކުންތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވެ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބުނެފައިވަނީ އިޒްރޭލުން ދަނީ އެމީހުންނަށް ކުރެވެން ހުރި ކަންކަންތައް ކުރަމުންކަން ނަމަވެސް ފަލަސްތީނުން އެކަމަށް މަސައްކަތް ނުކުރާކަމަށެވެ.
އެހެންނަމަވެސް އިޒްރޭލުން މީހާރުދަނީ ހަމާސް ޖަމާއަތުން އިޒްރޭލަށް ދެމުންދާ ހަމަލާތަކުގެ ދިފާއުއަށް ކުރާކަމެއްގެ ނަމުގައި ޣައްޒާގެ މައުސޫމް އެތައް ބައެއް ޝަހީދުކުރަމުންނެވެ. ފަލަސްތީނުގެ އެތައް ކުޑަކުދިންނެއްވެސް މި ހަމަލާތަކުގެ ޝަހީދުވެފައިވާއިރު އިޒްރޭލުގެ ސިފައިންގެ ތެރެއިން މިހާތަނަށް މަރުވެފައި ވަނީ އެންމެ މީހެކެވެ. އަދި އިޒްރޭލުން ދަނީ ދުނިޔޭގެ އެކި އެކި ގައުމުތަކަށް ބީރުކަންފަތެއްދީ ހަމަލާތަށް ވަރުގަދަ ކުރަމުންނެވެ.