twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސްކޫލުތަކުގެ ވާދަވެރިކަން ތަފާތު ގޮތަކަށް!

Jul 20, 2014

ސްކޫލުތަކުގެ ހަބަރުތައް ޖެހުމާއެކު، އެ ހަބަރަކަށް ކިޔުންތެރިން ފޮނުވާ ހިޔާލުތަކުން، ސްކޫލުތަކުގެ މެދުގައި އޮންނަ ވާދަވެރިކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. ސްކޫލުގެ ސްޓާފުންނާއި އެ ސްކޫލަކަށް ތާއީދުކުރާ މީހުން އެ ސްކޫލަކަށް ތައުރީފުގެ ބަސް އޮއްސަމުން އަންނައިރު، އޭގެ އިދިކޮޅަށް އެހެން ކިޔުންތެރިން ހިޔާލުތައް ފޮނުވަމުންދެއެވެ. މި ނޫހުގެ ސިޔާސަތަކީ ކިޔުންތެރިން ފާޅުކުރާ ހުރިހާ ހިޔާލެއްވެސް ޝާއިއު ކޮށްދިނުމެވެ. އަދި މި ނޫހުގެ އެޑިޓޯރިއަލް ސިޔާސަތަކީ އެ ހަބަރަކީ ނޫސްވެރިކަމުގެ މިންގަނޑަށް ފެތޭ ހަބަރެއްނަމަ، ހަބަރު “މަރާނުލައި” ޝާއިއު ކުރުމެވެ.

ދާދި ފަހުން ހިނގި މިފަދަ ހާދިސާއެއް މިތަނުގައި ލިޔެލާނަމަވެ. އަޅުގަނޑުވެސް ތައުލީމީ ހަޔާތުގެ ބިންގާ އެޅި ހދ. އަތޮޅު ތައުލީމީ މަރުކަޒު (އޭއީސީ) ގައި ރޯދަމަހުގެ ބަންދާ ދިމާކޮށް ދަރިވަރުން ގޭގައި ތިބެގެން ކިޔަވާނެ ފިޅާވަޅު ސްކޫލުން ނުދޭ ކަމަށް ބުނެ ޝާއިއުކުރި ހަބަރެވެ. އެ ހަބަރު، ރިޕޯޓަރު ފޮނުވުމާއެކު، އެޑިޓަރުން ބަލަނީ އެ ހަބަރެއްގައި ހިމެނޭ އެންމެހައި ފަރާތެއްގެ ބަސް އެ ހަބަރުގައި ހިމެނިފައިވޭތޯ އެވެ. އެގޮތުން ހަބަރު ޝާއިއުކުރަން ފޮނުވިއިރުވެސް، އެ ހަބަރުގައި، އޭއީސީގެ އެންމެ އިސް ފަރާތުގެ ބަސް ހިމަނާފައި އޮތެވެ. އަދި އޭއީސީގެ އިތުރުން ކުޅުދުއްފުށީ އަފީފުއްދީން ސްކޫލާއި ޖަލާލުއްދީން ސްކޫލުގެ ބަހެއްވެސް ހިމަނާފަ އޮތެވެ. ހަބަރުގައި މަދުވަނީ ހަމައެކަނި އެޑިއުކޭޝަން މިނިސްޓްރީގެ ބަހެކެވެ. އެހެންނަމަވެސް އެ މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާރކިއުލަރ ލިބިފައި އޮތުމުން އެކަމުގައި އެޑިއުކޭޝަންގެ ބަހަކީ ކޮބައިކަން އެނގެއެވެ.

އޭއީސީގެ ދަރިވަރުން ގޭގައި ތިބެގެން ކިޔަވާނެ ފިޅާވަޅު ސްކޫލުން ނުދޭ ކަމަށް ބުނެ ލިޔާ ހަބަރެއްގައި، ގެނެސްދޭނީ އެ މައުޟޫގެ ވާހަކަތަކެވެ. އެ ހަބަރުގައި، ސްކޫލުގެ ހޯލުހަދަން ފަށާފަ އޮތް ހަބަރާއި ސްކޫލުގެ ސްޓާފުން ރޯދަވީއްލުމެއް ބޭއްވި ވާހަކައެއް ނުވަތަ އެސްކޫލުން ކުރާ އެހެނިހެން ކަންކަމުގެ ވާހަކައެއް އެ މައުޟޫގައި ގެނެސްދޭކަށް ނުޖެހެއެވެ. 2009 ގެ ފަހުން ހދ. އޭއީސީއާ ގުޅޭ 286 ހަބަރެއް ހަދާފައިވާއިރު، އޭގެތެރޭގައި ގިނައީ އެ ސްކޫލުން ހިންގާފައިހުރި ހަރަކާތްތަކުގެ ހަބަރެވެ. އެކިއެކި ޕްރޮގްރާމުތަކުގެ ހަބަރާއި ސްކޫލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ހަބަރުތަކެވެ. ސްކޫލުގެ ހޯލުގެ މައްސަލަައިގައި ގެނެސްދީފައިވާ ހަބަރުތަކެވެ. އެހުރިހާ ހަބަރެއްގެ ވާހަކަ ސްކޫލުން އެޑިއުކޭޝަނުގެ ސާރކިއުލާރއާ އެއްގޮތަށް އަމަލުނުކުރި ވާހަކަ ގެނެސްދޭ ހަބަރެއްގައި ނުލިޔާނެއެވެ.

މި ނޫހުން ވެސް އަދި ޒިންމާދާރު ނޫސްވެރިކަމެއް ކުރާ ކޮންމެ ނޫހަކުންވެސް ނުވަތަ ނޫސްވެރިންވެސް، ހަބަރު ހަދަނީ މީހުން ރުއްސުމަކަށް ނޫނެވެ. ކަމެއް ހިނގީމަ އެކަމެއް ރިޕޯޓުކުރުމާއި، އިޖްތިމާއީ، އިގްތިޞާދީ ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް މައުޟޫތަކަށް ހަބަރު ހަދަނީ އެ ހަބަރާގުޅުންހުރި މީހުންގެ ރުހުން ހޯދާކަށް ނޫނެވެ. އެހެންނަމަވެސް، ހަގީގަތަކީ، ސްކޫލުތަކުގެ ގިނަ ހަބަރުތަކަކީ، ހަމައެކަނި އެ ސްކޫލުތަކުން ހިންގާ ހަރަކާތްތައް ގެނެސްދީފައިވާ ހަބަރުތަކެވެ. ސްކޫލުތަކުގައި ހުންނަ މައްސަލަތައް، ކުޅުދުއްފުށީގެ ތައުލީމީ ދާއިރާގައިހުރި މައްސަލަތައް ގެނެސްދޭންޖެހޭ މިންވަރަށް ގެނެސްދެވިފައިނުވާކަން އެންމެންވެސް ގަބޫލުކުރެއެވެ.

ދަރިވަރުން ގޭގައި ތިބެގެން ކިޔަވާނެ ފިޅާވަލުތައް ތައްޔާރުކޮށް ބެލެނިވެރިންނާ ހަވާލުކުރުމަށް މިނިސްޓްރީން އެންގި އެންގުމާ އެއްގޮތަށް އަމަލުނުކުރާ ކަމަށް އެ ތަނެއްގެ އެންމެ އިސްވެރިޔާ ޔަގީން ކޮށްދެއްވުމުން ދެން އެ ހަބަރުލިޔާ ނޫސްވެރިއެއް ނުވަތަ އެ ހަބަރު ޝާއިއުކުރާ ނޫހެއް ކުށްވެރިވާންވީ ސަބަބެއް ނުވިސްނެއެވެ. ނުވަތަ އެއީ “ބަދުނާމު” ކުރުމަށް ނުވަތަ ބައެއް ބޭފުޅުން ވިދާޅުވާ “ފަނާކުރުވަނިވި” ނޫސްވެރިކަމަކަށް ވާންޖެހޭ ސަބަބެއް ނުވިސްނެއެވެ.

ސްކޫލުތަކުން ކުރާ ރަނގަޅު ކަންތައްތަކާއި ރަނގަޅުކުރަން ހުންނަ ކަންތައްތަކުގެ ވާހަކަ ކުރިއަށް އޮތްތަނުގައި ވެސް މި ނޫހުން ގެނެސްދޭނެ އެވެ. އެފަަދަ މައުލޫމާތުތައް ދިނުމުގައި ސްކޫލުތަކުން ބަހައްޓާ ގާތްކަން ފާހަގަވެސް ކުރަންޖެހެއެވެ. އަދި މައުލޫމާތު ދިނުމަށްފަހު އެ މައުލޫމާތަކަށް ބިނާކޮށް ހަގީގަތާ އެއްގޮތަށް ހަބަރު ގެނައުމަކީ ހަގީގީ ޒިންމާދާރު ބިނާކުރުވަނިވި ނޫސްވެރިކަން ކުރުންކަން ގަބޫލުވެސް ކުރަންޖެހެއެވެ.

ސްކޫލުތަކުގެ ވާދަވެރިކަން އޮންނަންޖެހޭނީ އެ ސްކޫލަކުން ދަރިވަރުވެގެން ނުކުންނަ ދަރިވަރުގެ ފެންވަރު ރަނގަޅުކުރުމުގައެވެ. ހޮޅިއަށިތަކުގައި ޒުވާބުކުރާ އުސޫލުން، ތަރުބިއްޔަތު ދޭން ތިބި ބަޔަކު އުޅުމަކީ ރިވެތި އުޞޫލެއް ނޫނެވެ.  ކުޅުދުއްފުށީގެ ހުރިހާ ސްކޫލުތަކަކުންވެސް އަމާޒު ހިފަންޖެހެނީ ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ނަތީޖާތަކެއް ހޯދާ ދަރިވަރުންތަކެއް އުފެއްދުމަށެވެ. ތައުލީމީ ދޭ ތަންތަނުގައި ހުރި ބޯދާ ހިޔާލުތައް އެއްފަރާތްކޮށް ތަނުގެ ކުރިއެރުމަށް މަސައްކަތްކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355