twitterviber whatsapp telegramfacebookyoutube instagram
25th November 2024

ކުރުވާހަކަ: ކަޅު ހިޔަނި

Aug 15, 2014

އާއިޝަތު ލީނާޛް

މެންދަމުގެ ހަމަހިމޭން ވަގުތެވެ. ދުނިޔެ މައްޗަށް ވެރިވެފަވަނީ އަނދިރިކަމާއި ފަޅުކަމެވެ. އައިރިންގެ ލޮލަކު ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާ އެވަނީ ހިތާމައިގެ ފުންކަނޑަކަށް ގެނބިފައެވެ. އައިރިންގެ ލޮލުން އޮހެމުންދާ ވޭނީ ކަރުނަތަކުގެ ސަބަބުން ބާލީސް ވަނީ ތެމިފޯވެފައެވެ. އައިރިނަށް ހިތްވަރު ދޭނެ ޔާރެއް އިޔާރެއް ނެތެވެ. އެންމެންގެ ފަރާތުންވެސް ލިބެމުންދަނީ މަލާމާތާއި ފުރައްސާރަ ކުރުމެވެ. އެނިކަމެތި ފަކީރުގެ ކުށަކީ ކޮބައި ހެއްޔެވެ؟

އައިރިންގެ އުމުރުން އެންމެ ދެ އަހަރުގައި ބައްޕަވަނީ ނިޔާވެފައެވެ. އައިރިންގެ މަންމަ މޫނިސާއަކީ ގާތްތިމާގެ މީހަކުނެތް އެކަނިވެރިއެކެވެ. މޫނިސާ އައިރިންދެކެ އިންތިހާއަށް ލޯބިވެއެވެ. އައިރިންއަކީ މޫނިސާގެ ލޮލުގެ ފިނިކަމެވެ. ހިތުގެ ހަމަޖެހުމެވެ. ކިތަންމެ ދަތީގައި އުޅެންޖެހުނު ނަމަވެސް އައިރިންއަކީ ތައުލީމީގޮތުން މޮޅު ކުއްޖަކަށް ހެދުމަށްޓަކައި މައެއްގެ ހައިސިއްޔަތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް މޫނިސާ ދިޔައީ އައިރިންއަށް ކޮށްދެމުންނެވެ.

ފަގީރު އާއިލާއަކަށް ނިސްބަތްވި ނަމަވެސް އައިރިން ނިސްބަތް ވެގެންދިޔައީ ތައުލީމީ ގޮތުން ވަރަށް މޮޅު ހުނަރުވެރި ކުއްޖަކަށެވެ. މިކަމާ މޫނިސާ މާތްﷲ އަށް ހަމްދު ދަންނަވައެވެ. އައިރިން އަކީ މޮޅު ކުއްޖެކަމުގައި ލެއްވުންއެދި އެކަލާނގެ ހަޟްރަތުގައި މޫނިސާ ދުޢާ ނުދަންނަވާ ދުވަހަކަށް އިރެއް ނާރައެވެ.

އައިރިންގެ ކުލާހުން ދެވަނަ ހޯދަމުން އަންނަ ރިޝްވާނަކީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ. ރިޝްވާން އައިރިންއާ މެދު ހާއްސަގޮތެއް ބަހައްޓާކަން އައިރިން ދަނެއެވެ. ނަމަވެސް އައިރިން އެކަމާ އަޅައެއްނުލައެވެ. އައިރިންއަކީ ޒުވާން ހިތްތަކަށް އަސަރު ކުރާފަދަ ޖާދުވީ އަޑާކާއި ލޫޅާފަތި ހަށިގަނޑެއްގެ ވެރި ޖިންސުލަތީފެކެވެ. ޤުދުރަތުން އޭނާއަށް ލިބިފައިވާ ފަން އިސްތަށިގަނޑުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުވެއެވެ. މި ޖާދުވީ ސިފަތަކުގެ ސަބަބުން ރިޝްވާންގެ ޒުވާން ހިތަށްވެސް އަސަރުކުރަނީކަން ކަށަވަރެވެ.

އެއީ ގްރޭޑް 10 ގެ ފުރަތަމަ ޓާރމްގެ ރިޕޯޓް ފޮތް ދިން ދުވަހެވެ. އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް އެއްވަނަ ލިބުނީ އައިރިން އަށެވެ. ދެވަނަ ލިބުނީ ރިޝްވާނަށެވެ. މިކަމާ މޫނިސާ ވަރަށް އުފާވިއެވެ. އައިރިން ސްކޫލުން ގެއަށް ދާން ނިކުތް ވަގުތެވެ. ފަހަތުން މީހަކު ގޮވާލިއެވެ.

“އޭ އައިރިން! މަޑުކޮށްބަލަ! އަހަރެން އައިރިން ގާތު ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބަ އޮތް” އެއީ ރިޝްވާނެވެ. އެހެންކަމުން އައިރިން މަޑުކޮށްލިއެވެ.

“ކީކޭ؟. ކޮންވާހަކައެއްތަ ބުންނަ ތިއުޅެނީ؟ އަވަހަށް ބުނޭ.. މިހެން ވާހަކައިގައި ތިއްބަސް މީހުން ފާޑު ފާޑު އެއްޗެހި ކިޔާނެ.”.

“އައިރިން ލަދުގަތީތަ؟ އަހަރެންނަށް ވަރިހަމަ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް. އައިރިން! އަހަރެން އައިރިންދެކެ…” ރިޝްވާން އެ ބުނަން އުޅޭ ވާހަކަ އައިރިންއަށް ވިސްނުނެވެ.

“ނޫން ރިޝްވާން. ތިހިޔާލު ދޫކޮށްލާ! އަހަރެން ރިޝްވާން އެކަށީގެން ނުވޭ. އަހަރެންނަކީ ނިކަމެތި ފަގީރެއް” ނަމަވެސް ރިޝްވާން އެގޮތަށް ގަބޫލެއް ނުކުރިއެވެ. އައިރިންގެ ޖަވާބަކަށް އިންތިޒާރު ކުރާކަމަށް ބުނެ ރިޝްވާން އޭނާގެ ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ.

ހަގީގަތުގައި އައިރިންވެސް ރިޝްވާންދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ފަގީރުކަމުގެ ސަބަބުން އެކަން ހާމަކުރަން ބޭނުންނުވަނީއެވެ. ރިޝްވާނާ ދޭތެރޭ ވިސްނާ އޭނާގެ ދިރިއުޅުން އޮޔާލާން އައިރިން ބޭނުން ނުވަނީއެވެ. އެހެނަސް ކަންދިމާވިގޮތުން އައިރިންނަށް ރިޝްވާނާ ދޭތެރޭ ވިސްނެން ފެށުނެވެ. އެކަނިވާ ކޮންމެ ވަގުތަކު އޭނާގެ ހިތުގައި ރިޝްވާންގެ ސޫރައެވެ. ވިސްނެނީ ރިޝްވާނާ ދޭތެރެއެވެ.

އައިރިން އަށް މިއައި ބަދަލު މޫނިސާ ވަރަށް ފަސޭހައިން ދެނެގަތެވެ. އެއްދުވަހެއްގެ މެންދުރު ކެއުމަށް އިންސާފު ކުރަން އިނދެފައި މޫނިސާ ވަރަށް އޯގާތެރިކަމާ އެކު އައިރިންއާ ސުވާލުކުރިއެވެ.

“ދަރިފުޅާ އައިރިން. މިހާކަރަށް އައިސް ދަރިފުޅު ކޮންމެވެސް ކަމަކާ ވިސްނާހެން މަންމައަށް ވަރަށް ހީވޭ. އަނެއްކާ ކަމެއް ގޯސްވީތަ؟” އައިރިން އެކައްޗެކޭވެސް ނުބުނެ މަންމަގެ މޫނަށް ބަލަހައްޓައިގެން އިނެވެ.

“ދަރިފުޅު މަންމައަށް ކޮންމެވެސް ކަމެއް އެބަ ސިއްރުކުރޭ.. ބުނެބަލަ މަންމަގާތު”

އައިރިން އޭނާގެ މަންމައަށް ހަގީގަތް ކިޔައިދިނެވެ. އޭނާ ރިޝްވާން ދެކެ ލޯބިވާ ވާހަކައާއި ރިޝްވާން އޭނާއަށް ލޯބި ހުށަހެޅި ވާހަކައެވެ. މިވާހަކަތައް އަޑުއަހާފައި މޫނިސާ ކޮންމެވެސް ވަރަކަށް ދެރަވިއެވެ. އޭނާގެ ދަރިފުޅަށް ދެރަގޮތެއްވެދާނެތީއެވެ. ނަމަވެސް ދަރިފުޅުގެ އެއްވެސް އުފަލަކަށް ހުރަސް އަޅަން ބޭނުންނުވާތީ މޫނިސާ އައިރިންގެ މި އުފަލަށް ވެސް މަރުހަބާ ކިއެވެ. މިކަމާ އައިރިން ވަރަށް އުފާވިއެވެ.

އައިރިން ޗުއްޓީގެ ދުވަސްތައް ކެތްތެރިކަމެއްނެތި ގުނަން ފެށިއެވެ. ކޮންމެ އިންތިޒާރަކަށް ނިމުން އަންނަ ފަދައިން އައިރިންގެ އިންތިޒާރަށްވެސް ނިމުން އައެވެ. އައިރިން ކުލާހަށް ދިޔައީ ރިޝްވާންއާ ބައްދަލުވުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް ރިޝްވާން ކުލާހަށް ނާދެއެވެ. ކުލާސް ކުއްޖެކަމުގައިވާ ނިހާގެ ފަރާތުން އެނގުނު ގޮތުގައި ރިޝްވާން އުޅެނީ ބަލިވެއެވެ. މިކަމާ އައިރިން ހާސްވާގޮތްވިއެވެ. ރިޝްވާން ނެތުމުން އައިރިންއަށް ފަޅުކަން އިހްސާސްކުރެވެން ފެށިއެވެ. ކުލާސް ގަޑިތައް ފޫހިވާން ފެށިއެވެ. އޭނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ނިމޭ ގަޑިއަށެވެ. މީދުވަހަކުވެސް އައިރިނަށް ވީގޮތެއްނޫނެވެ.

ކުލާސް ގަޑި ނިންމާލުމަށްފަހު ނިހާއާއި އައިރިން ރިޝްވާންއަށް ގޮވާލުމަށްޓަކައި އެގެއަށް ދިޔައެވެ. އެއީ ވަރަށް ފުރިހަމައަށް ހަދާފައިވާ ޒަމާނީ ފެންވަރުގެ ރީތި ގެއެކެވެ. ރިޝްވާންއޮތީ އޭނާއަށް ހާއްސަކޮށްފައިވާ ބޮޑު ކޮޓަރީގައެވެ. އައިރިންމެން ފެނުމުން ރިޝްވާނަށް ބަޔާންކުރަން ދަތި އުފަލެއް ލިބުނެވެ. އެކުދިންނަށް ފިނި ބުއިމެއް ގެނެސް ދިނުމަށް ނޯކަރަށް ރިޝްވާން އެންގިއެވެ. ނިހާއަށް ފޯނެއް އައިސްގެން ބޭރަށް ނުކުތީ އެވަގުތުއެވެ. ކޮޓަރީގައި ރިޝްވާނާއި އައިރިން އެކަންޏެވެ. އައިރިން ލަދުން އިސްޖަހާލިއެވެ. ރިޝްވާންއަށް ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފިއެވެ.

“އައިރިން އަހަރެންނަށް ޖަވާބެއް ނުދޭނަންތަ؟ އަހަރެން އައިރިންދެކެ ހާދަ ލޯބިވެއޭ” އައިރިންގެ މޫނުމަތި ރަތްވެގެން ދިޔައެވެ. މޭ ތެޅެންފެށީ އޮބި ނޯންނަވަރަށެވެ. ނަމަވެސް އޭނާ ހިތްވަރު ގަދަކުރިއެވެ.

“ރިޝްވާން. އަހަރެންވެސް… އަހަރެންވެސް ރިޝްވާންދެކެ..” އައިރިންގެ ޖުމްލަ ފުރިހަމަ ކުރުމުގެ ކުރިން ނިހާ އައިސްވަނެވެ. ނަމަވެސް ރިޝްވާން އޭނާ ބޭނުންވި ޖަވާބު ލިބުނެވެ. އޭނާއަށް ކާމިޔާބީގެ ނޭވާއެއް ލެވުނެވެ.

އައިރިންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރުތައް ފާޅުވާންފެށިއެވެ. މިކަމާ މޫނިސާ ވަރަށް އުފާވިއެވެ. ނަމަވެސް ހިތާމައަކީ އައިރިންގެ އެ އުފާވެރިކަމަށް ކަޅު ހިޔަނިއެޅި ބަނަވެގެންދާނެކަން އެކަކަށްވެސް ނޭނގޭކަމެވެ. އައިރިންގެ ތަގުދީރުގައި ލިޔެވިފައިވަނީ ކޮންފަދަ ބަދު ނަސީބުވެރިކަމެއް ކަން އެކަކަށްވެސް ނޭނގެއެވެ. އެކަން އެނގޭ ނަމަ…..

އެއްރެއެއްގެ ރޭގަނޑެވެ. އާދައިގެ މަތިން ފިލާވަޅުތައް ދަސްކުރުމަށްފަހު އައިރިން ނުކުތީ ބޭރު ޖޯއްޔަށެވެ. އޭނާ އޮތީ ރިޝްވާންގެ ހިޔާލުތަކަށް ގެއްލި ހުސްވެފައެވެ. ފަހަތަށް މީހަކު އައިސް ހުއްޓުނުހެން ހީވެގެން ކުއްލިޔަކަށް އައިރިން ތެދުވިއެވެ. އޭނާއަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ފަހަތުގައި ހުރީ ރިޝްވާނެވެ. މިއީ އައިރިންއާއި ރިޝްވާން މިގޮތަށް ބައްދަލުވާ ފުރަތަމަ ފަހަރެވެ. މި ދެ ލޯބިވެރިންގެ ގުޅުން އަދި އެކަކަށްވެސް ނޭގޭނެއެވެ. މޫނިސާ ފިޔަވައެވެ.

ރިޝްވާން އެދުނީ އޭނާއާއެކު އަތިރި މައްޗަށް ދިއުމަށެވެ. އައިރިން ކުޑަކޮށް ފަސްޖެހުނެވެ. މޫނިސާ ކުޑަކޮށް މޭގައި ރިއްސާތީ އުޅޭ ރެޔަކަށް ވުމާއެކުއެވެ. ނަމަވެސް ލޯބިވެރިޔާ ފުރަތަމަ އެދުމަށް ދެކޮޅު ހަނދާކަށް އައިރިން ބޭނުމެއް ނުވިއެވެ. ވަރަށް އަވަހަށް އަންނާނަމޭ މަންމަ ގާތުގައި ބުނުމަށްފަހު އައިރިން ރިޝްވާނާއެކު އަތިރިއަށް ދިއުމަށް ހިނގައިގަތެވެ. ރިޝްވާނަށް ބަޔާން ކުރަން ދަތި އުފަލެއް ލބުނެވެ. އޭނާއަށް އޭނާއަށް އޭނާގެ މަގުސަދު ހާސިލުވާނެކަމުގެ އުންމީދު އިތުރުވެގެން ދިޔައެވެ. އައިރިން ރިޝްވާންދެކެ ހާދަ ލޯބިވެއެވެ. މަޑުމައިތިރި ހަމަހިމޭން ހިނގުމެއްގައި ވަކި ހިސާބަކަށް ދިއުމަށްފަހު އެ ހަމަ ހިމޭންކަން ފޫދުއްވާލީ ރިޝްވާނެވެ.

“އޯ.. އެއާދެވުނީ ކޮޓަރީގަ ފޯން ވެސް ބާއްވާފަ.. އައިރިނަށް ދައްކާލަންވެފަ އިން ސަޅި ޕިކެއްވެސް އިންނާނެ. ދެން ކިހިނެތް ހަދާނީ”

“އެއީދެން އެވަރުގެ ކަމެއްތަ؟ އެހެން ފަހަރަކުން ދައްކާނީ ދެން” ހިނިތުންވެލުމަށްފަހު އައިރިން ބުންޏެވެ.

“ނޫން ހަމަމިރޭ އަހަރެން ބޭނުމީ. ހިނގާބަލަ އިހަށް އަހަރެމެން ގެޔަށް ގޮސް ފޯން ހިފައިގެން އަންނަން. ލަހެއްނުވާނުން؟”

ރިޝްވާން ބޭނުންވީ ފޯން ބަލައިދާށެވެ. ރިޝްވާން ކުރުނުކުރުމުން އައިރިން އެއްބަސްވިއެވެ. އައިރިންއާ ރިޝްވާންމެން ގެއަށް ދިޔައެވެ. ގޭ އެންމެން ވީ ރިސޯޓަކަށް ގޮހެވެ. ރިޝްވާން ނުދިޔައީ އައިރިންއާ ބައްދަލު ކުރުމަށެވެ.

“އާހް.. ވަރަށް ކަރު ހިއްކާއެބަ.. ދެން ދެވޭނީ އެއްޗެއް ބޯލައިގެން. އަންނާނަން ޖޫސް ތައްޓެއް ހިފައިގެން” އައިރިން ކޮޓަރީގައި ބޭންދުމަށްފަހު ރިޝްވާން ދިޔައީ ކާގެއަށެވެ. ދެތަށި ޖޫސް ހިފައިގެން އައިސް ރިޝްވާން އައިރިނަށް އެއް ތަށި ދިނެވެ. އަދި އައިރިންގެ މޫނަށް ބަލާލިއެވެ. އައިރިން ޖޫސްތަށި ބޯލިއެވެ. ރިޝްވާންގެ މޫނު މައްޗަށް ވެރިވީ ވިހަ ހިނިތުންވެކެވެ.

އިރުކޮޅެއްފަހެވެ. އައިރިން ހޭނެތިގެން ގޮދަނޑިއަށް ވެއްޓުނެވެ. ދެންފެނިގެން ދިޔައީ ވަރަށްވެސް އަނިޔާވެރި ރަހުމް ކުޑަ ޝައިތާނީ އަމަލުތަކެކެވެ. ރިޝްވާނަކީ ހާދަ ރަހުމް ކުޑަ ވަހުޝީ އިންސާނެކެވެ. ކުޑަ ވަގުތު ކޮޅެއްތެރޭގައި ކުށެއްނެތް މައުސޫމް ޖިންސުއްލަތީފެއްގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެލީއެވެ. އަންހެން ކުއްޖެއްގެ ދިރިއުޅުން ބަރުބާދު ކޮށްލީއެވެ. ބޮޑު އޮޅުވާލުން ގަނޑެއް ތެރޭގައި، ލޯބީގެ ދަޅަ ދައްކައިގެނެވެ.

އޭގެ 3 ގަޑި އިރު ފަހެވެ. އައިރިނަށް ލޯ ހުޅުވާ ލެވުނެވެ. އެއާއެކު ވަށައިގެން ހޯދަން ފެށުވެނެވެ. އޭނާ ގަޔަކު އެއްވެސް ނިވާކަމެއް ނެތެވެ. އައިރިން މެޔަށް ހީވީ ތޫނު ހަންޖަރެއް ކޮއްޕާލި ހެންނެވެ. ބާލީހުގައި ބައްދައިގަނެވުނެވެ. ދެ ލޮލުން ހޯސްލާފާ ކަރުނަތައް އޮހޮރިގަތެވެ. ރިޝްވާން ކޮޓަރިއަށް ވަނީ އެވަގުތުއެވެ. އެއާއެކު އައިރިންއަށް ބާރަށް ރޯންފެށުނެވެ. އަނގައިން ބުނާނެހާ ހިތްވަރެއް އެ ހަށިގަނޑަކު ނެތެވެ.

“އަހަރެން ދެރަވާނެކަމަށް ރޯނެ ކަމެއްނެތް! ކަލޭ ހީކުރީ ދޯ އަހަރެން ލޯބިވެޔޭ؟ ކަލޭތީ ކާކު އަހަރެން ލޯބިވާން؟ އެކަމަކު ކަލެޔާ ހެދި ދުވަހަކުވެސް ކާމިޔާބެއް ނުލިބޭ.! އެއީ ކަލޭގެ ކުށް. މިތަނުންދާންއުޅޭ! އެކަމަކު ހަނދާން ކުރާތި! މަ ފަލީހަތް ކުރާނަމޭވެސް ކަލޭ ހީނުކުރާތި. އެކަމެއް ކަލެޔަކަށް ނުވާނެ” ނުބައި ނުލަފާ ރާގެއްގައި ރިޝްވާން ހިތުހުރިހާ އެއްޗެއް އައިރިންއަށް ކިޔެވެ.

އައިރިންގެ ހިތް މުޅިން ކުދި ކުދި ވިއެވެ. އޭނާ ހެދުން ލުމަށްފަހު އެ އަނިޔާވެރި ކިއްލާއިން ނުކުމެ ދުއްވައިގަތީ ގެއަށް ދިއުމަށެވެ. ރޮމުން ގިސްލަމުންނެވެ. ކުދިކުދި ވެފައިވާ ހިތަކާއެކު އައިރިން ގެއަށް އައިސް ވަތްވަގުތު ފެނިގެން ދިޔަ މަންޒަރުން އޭނާގެ މުޅި ހިތް ކުދިކުދިވެ ޗިސް ޗިސް ވިއެވެ. ގޭތެރޭގައި އެއޮތީ މޫނިސާގެ ފުރާނަ ނެތް މަސްގަނޑެވެ. އައިރިން ހޭހުސްވިއެވެ.

އެންމެ ބޭނުންވި ވަގުތު މަންމަ ނިޔާވީއެވެ. މިއީ އައިރިންއަށް ބަރުދާސްތު ކުރެވޭ ވަރުގެ ހިތާމައެއްނޫނެވެ. އޭނާގެ ދިރިއުޅުން މުޅިން ބަނަވީއެވެ. އެޅުނު ކަޅު ހިޏަންޏެއްގެ ސަބަބުންނެވެ. ދުވަސްކޮޅެއް ފަހުން އައިރިންގެ ހަށިނގަޑަށް ބަދަލުތަކެއް އަންނަ ކަމުގެ އިހްސާސް އޭނާއަށް ކުރެވެން ފެށިއެވެ. ރިހޭފައި މައްޗަށް ފޮއެ ވެއްޓުނީއެވެ. ހަމަ އެއާއެކު ރަށުތެރޭ އަޑު ފެތުރެން ފެށީ މޫނިސާގެ އައިރިން ނަހަލާލަށް ބަލިވެއިން ވާހަކައެވެ. މަންމަގެ ކުއްލި މަރުގެ ސިއްރަކީ އެއީ ކަމަށް ބައެއްމީހުން ތުހުމަތު ކުރަމުން ދިއައެވެ. ނަމަވެސް އެކަކަށް ވެސް ހަގީގަތެއް ނޭނގެއެވެ. މިރޭވެސް އައިރިން އަށް ނުނިދިގެން އެއުޅެނީ އެކަމާއެވެ. އޭނާއަށް ދުނިޔޭގައި އެއްވެސް އުފަލެއް އަރާމެއް ނެތެވެ. ހިތާމައިގެ ކަނޑެއްގައި ފީނަން އައިރިންއަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް އެފަކީރުގެ ކުށަކީ ކޮބައި ހެއްޔެވެ؟ ތައުލީމީ ގޮތުން މޮޅުވަމަކީ ކުށެއް ހެއްޔެވެ؟ ދުނިޔެއަކީ ދަށު ދަރަޖައިގެ މީހުންގެ ކިއްލާއެއް ހެއްޔެވެ؟

(ނިމުނީ)

ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 އޭ ގެ ދަރިވަރު އާއިޝަތު ލީނާޛް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355