ހޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން އެކްޓަރ ރޮބިން ވިލިއަމްސް މަރުވެފައިވަނީ އަމިއްލައަށް ކަމަށް ޝައްކު ކުރެވޭ ކަމަށް މިކަން ތަހުގީގުކުރާ އޮފިޝަލުން ބުނެފި އެވެ.
އިއްޔެ 11:55ގައި ރޮބިން އޭނާ ގޭގައި މަރުވެފައިވަނިކޮށް ފެނިފައިވާއިރު އޭނާ މަރުވިކަމަށް އިއުލާން ކޮށްފައިވަނީ 12:02 ގަ އެވެ.
ރޮބިން އެންމެ ފަހުން ފެނިފައިވަނީ އާދިއްތަ ދުވަހުގެ ރޭ 10 ޖަހާކަންހާއިރު ކަމަށް މައުލޫމާތުލިބެ އެވެ.
އޭނާ އަމިއްލައަށް މަރުވެފައިވާކަމަށް ބެލެވޭއިރު އޭނާގެ ތަރުޖަމާނު މާރާ ނެރުނު ބަޔާނެއްގައިވާ ގޮތުން ރޮބިން މި ފަހަކަށް އައިސް އުޅެމުން ދިޔައީ ޑިޕްރެޝަންގެ ޝިކާރައަކަށް ވެގެން ކަމުގަ އެވެ.
ރޮބިންގެ އަންހެނުން ސުޒާން ބުނެފައިވަނީ އޭނާއަށް އެ ގެއްލުނީ އޭނާގެ ގާތް ރަހުމަތްތެރިޔާ ކަމަށާއި ދުނިޔެއަށް ގެއްލި އެދިޔައީ މޮޅު އާޓިސްޓެއްގެ އިތުރުން ރަނގަޅު އިންސާނެއް ކަމަށެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި އެ އާއިލާއަށް “ޕްރައިވަސީ” ދިނުމަށްވެސް އޭނާ އެދިފައިވެ އެވެ.
ރޮބިންގެ މަރުވުން ބަރަކް އޮބާމާވެސް ވަނީ އެކަމާ ހިތާމަފާޅުކޮށް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި އޮބާމާ ވިދާޅުވެފައިވަނީ ރޮބީން އަހަރެމެން އެންމެން ހެއްވިކަމާއި މަރުވެ އެދިޔައީ ރޮއްވާފަ ކަމުގަ އެވެ.
ރޮބިން އަކީ ޑުރަގާއި ބަނގުރަލުގެ ދެވި 1970ގެ އަހަރުތަކުން ފެށިގެންވެސް ހިފާފައިވާ މީހަކަށްވާއިރު 2006 ގައި އޭނާ ރީހެބިލިޓޭޝަން ސެންޓަރަކަށްވެސް ގޮސްފައިވެ އެވެ.
ރޮބިން މަރުވެފައި މިވަނީ އޭނާގެ 1993ގެ ހިޓް ފިލްމް “މިސިސް ޑަބްޓްފަޔާ” ގެ ދެވަނަ ފިލްމެއް އޭނާއާއެކު ހަދަން ތައްޔާރުވަމުން ދަނިކޮށް ކަމަށް ފާހަގަ ކޮށްލެވެ އެވެ.
އެންމެ ފަހުން ރޮބިން ފެނިގެން ދިޔައީ އޭނާގެ އަމިއްލަ ޓީވީ ޝޯވއެއް ކަމަށްވާ “ދަ ކުރޭޒީ ވަންސް” އިންނެވެ.
ރޮބިން ވަނީ ހަތަރު ފަހަރަށް އޮސްކާއަށް ނޮމިނޭޓްވެ އޮސްކާގެ ބެސްޓް އެކްޓަރ އިން ސަޕޯޓިން ރޯލުގެ އެވޯޑް “ގުޑް ވިލް ހަންޓިންގ” ގައި ރޮބިން ކުޅެފައިވާ ރޯލުން ހޯދާފަ އެވެ.
63 އަހަރުގައި ރޮބިން މަރުވެފައިވާއިރު އޭނާގެ އަންބަކާ 3 ދަރިންކަމަށްވާ ޒާޗަރީ، ޒެލްޑާ އަދި ކޯޑީ ދުނިޔޭގައި އެބަ ތިއްބެވެ.