twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޖައު ޕިކްސް: ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް

Aug 18, 2014

ފޮޓޯ ނެގުމަކީ ކުޅުދުއްފުށީ ޒުވާނުންގެ ތެރޭގައި މަގުބޫލުވަމުން އަންނަ ކަމެކެވެ. އިންސްޓަގްރާމާއި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުގައި ތަފާތު ގޮތްގޮތަށް ފޮޓޯތައް ހިއްސާނުކުރާ ޒުވާނަކު މިހާރު މަދުވާނެ އެވެ. އަދި ޕްރޮފެޝަނަލް ފޮޓޯގްރަފީގެ ދާއިރާއިން ވެސް ޒުވާނުން އަންނަނީ ކުރިއަރަމުންނެވެ.

އިންސްޓަގްރާމަށް ފޮޓޯލައިގެން ކުޅުދުއްފުށީގައި މިފަހަކަށް އައިސް އެންމެ މަޝްހޫރުކަމެއް ހޯދާފައިވާ ޒުވާނަކީ ހދ. ކުޅުދުއްފުށީ ގާޑެނިޔާވިލާ ޖައުފަރު އަލީ އެވެ. ކުޅުދުއްފުށީގައި ޖައުފަރު ނުވަތަ “ޖައު ޕިކްސް” މަގުބޫލުކަން އިންތިހާއަށް ގޮސްފައިވަނީ އޭނާގެ ފޮޓޯތައް މީހުންނަށް ބަލައިގަނެވުމުން ކަން ޔަގީނެވެ.

ޖައުފަރާ އެކު “ކުޅުދުއްފުށި އޮންލައިން” އިން ހޭދަކޮށްލި ވަގުތު ކޮޅުގައި ޖައުފަރު ވަނީ އޭނާގެ އެތައް ވާހަކަތަކެއް މި ނޫހާ ހިއްސާކޮށްފަ އެވެ. އެގޮތުން ޖައުފަރު ބުނި ގޮތުގައި ފޮޓޯ ނެގުމަކީ އޭނާ އަބަދުވެސް ކުރާހިތްވާ ކަމެކެވެ. އޭނާ އިންސްޓަގްރާމަށް ފޮޓޯ އެންމެ ފުރަތަމަ ލާން ފެށީ 2011 ގަ އެވެ. އޭނާ އިންސްޓަގްރާމަށް ފޮޓޯ ލާން ޝައުގުވެރިކަން އުފެދުނީ ހަނީމޫން، މުހައްމަދު އިންސްޓަގްރާމަށް ލާ ފޮޓޯތައް ރީތިވެގެން އެއިން “އިންސްޕަޔާވެގެން” ކަމަށް ޖައުފަރު ބުންޏެވެ.

ޖައުފަރުގެ ފޮޓޯތައް ޒުވާނުންގެ މެދުގައި މަޝްހޫރުވެގެންދިޔައީ “ޖައު ޕިކްސް”ގެ ނަމުގައި ފޮޓޯތައް ލާން ފެށުމުންކަން ފާހަގަކޮށްލެވެ އެވެ. ޖައުފަރު ބުނި ގޮތުގައި “ޖައު ޕިކްސް” އަކީ ރައްޓެއްސަކު ކިޔަން ފެށި ނަމެކެވެ. އަދި “ޖައު ޕިކްސް”ގެ ނަމުގައި ފޮޓޯ ނަގަން ފެށީ މިދިޔަ އަހަރު ކަމަށްވެސް ޖައުފަރު ބުންޏެވެ.

ކުޅުދުއްފުށީގައި އައުޓް ޑޯ ލޮކޭޝަންތަކުގައި ފޮޓޯ ނެގުން ތައާރަފުކުރި ޖައުފަރު މިދިޔަ ޖުލައި މަހާ ޖެހެންދެން ފޮޓޯ ނައިގައިދެމުންދިޔައީ ހިލޭ އެވެ. އެހެންނަމަވެސް މިދިޔަ މަހުން ފެށިގެން ފޮޓޯ ނަގައިދެމުންދަނީ އަގަށެވެ.

23 އަހަރުގެ ޖައުފަރު އަލީ އަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ތަރުޖަމާނެއްގެ ވަޒީފާއަދާކުރަމުން އަންނަ ހީވާގި ޒުވާނެކެވެ. ޒިންމާދާރު ވަޒިފާއެއްގައި އުޅެމުން ފޮޓޯ ނެގުމަށް ވަގުތު ހޯދަނީ ކިހިނެއްތޯ ސުވާލު ކޮށްލުމުން ޖައުފަރު ބުނީ އާންމުކޮށް ފޮޓޯ ނަގަނީ ހުސްވަގުތަކުގައި ކަމަށާއި ގިނައިން ފޮޓޯ ނަގަން ހުރިއްޔާ ހުކުރު ދުވަސް އެކަމަށް ހާއްސަ ކުރަނީ ކަމަށެވެ.

“ޖައު ޕިކްސް” ފެށިގެން ދިޔައީ ތިރީގައިވާ ދެ ފޮޓޯއިން ކަމަށް ޖައުފަރު ބުންޏެވެ. މި ދެ ފޮޓޯއަށްފަހު ގިނަ އަދަދެއްގެ ޒުވާނުން “ޖައު ޕިކްސް”ގެ ހިއްސާއަކަށް ވެފައިވެ އެވެ. ކުޅުދުއްފުށީގެ ޒުވާނުން ފޭސްބުކް ޕްރޮފައިލް ފޮޓޯތައް ޖައުފަރު ނަގާފައިވާ ފޮޓޯތަކަށް ބަދަލުވެ “ޖައު ޕިކްސް” ކުޅުދުއްފުށީގައި ވިދާލި އެވެ.

އަގަކާއި ނުލާ ފޮޓޯ ނަގައިދިން ދުވަސްތަކުގައި ފޮޓޯ ނަގައިދީފައި ހުންނާނީ މަގުމަތިން ފެނިގެން ނުވަތަ އެހެން ގޮތަކަށްވެސް ރިކްއެސްޓް ކޮށްލި ކުދިންނަށް ކަމަށް ޖައުފަރު ބުނެ އެވެ.

ނޫ ކުލަ އެންމެ ރީތި ޖައުފަރު ބުނި ގޮތުގައި ފޮޓޯ ނަގައިދިނުމަށް އެދުނު އެއްވެސް ކުއްޖަކަށް ނޫނެކޭ ބުނެފައިނުވާނެ އެވެ. އެހެންނަމަވެސް ވަގުތު ނުލިބިގެން ނަގައިނުދެވި ހުރެދާނެ ކަމަށް އޭނާ ބުންޏެވެ.

ޖައުފަރު މިހާތަނަށް އެތައް ކުދިންނަކަށް ފޮޓޯ ނަގައިދީފައިވާއިރު ފޮޓޯއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައިވަނީ “ހަމަ އެކަނި” އެންމެ ކުއްޖެކެވެ.

ޖައުފަރު ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން އެންމެ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވަނީ މީހަކު (އަބުދުލް ގުއްދޫސް އުމަރު، ނޫރަލީ) އިސްތިރި ކުރަން ހުއްޓައި ނަގާފައިވާ ފޮޓޯއަކާއި ކުޅުދުއްފުށީ ކުޅީގައި ނަގައިފައިވާ، ހަމްދޫން އަދި ރޫފާގެ ފޮޓޯއަށް ކަމަށް އޭނާ ހާމަކުރެ އެވެ.

ޖައުފަރުގެ ފޮޓޯތަކަށް މިހާ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާއިރު އޭނާގެ ފޮޓޯތައް އެހެން ފޮޓޯ ގްރާފަރުންގެ ފޮޓޯތަކާ ތަފާތު ވުމަކީ އެ މަގުބޫލުކަން އިތުރުކޮށްދިން ކަމަކަށް ވަނީވެފަ އެވެ. އެގޮތުން އޭނާ ނަގާ ކޮންމެ ފޮޓޯއެއްގައި ހިމަނާފައި ހުންނަ ބަސްކޮޅު (ކޯޓް) އަކީ މީހުންގެ ހިތްތައް އެ ފޮޓޯތަކަށް ލަންބުވާލާ ކަމަކަށް ވަނީވެފަ އެވެ. ޖައުފަރު ބުނި ގޮތުގައި ފުރަތަމަ ކޮޅު “ކޯޓް” ހިމަނަނީ “ގޫގްލް”އިން ހޯދައިގެންނެވެ. ނަމަވެސް މިހާރު ފޮޓޯތަކުގައި ހިމަނާފައި ހުންނަ ހުރިހާ “ކޯޓް”އަކީ ވެސް އޭނާ އަމިއްލަ ލިޔެފައި ހުންނަ “ކޯޓް”ތަކެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނާގޮތުގައި އޭނާއަށް އެންމެ ހިތްހަމަ ޖެހިގެން ނެގެނީ “ދަންނަ” މީހުންގެ ފޮޓޯ އެވެެ. އަދި އޭނާ އަމިއްލަ އިންސްޓަގްރާމަށް ލާން ނަގާ ފޮޓޯތަކަކީ އެއީ އެންމެ ހިތްހަމަޖެހޭ ފޮޓޯތައް ކަމަށް ޖައުފަރު ބުންޏެވެ. އެގޮތުން އޭނާ ނަގާފައިވާ މާކަނާ ފޮޓޯއަކީ އޭނާ މިހާތަނަށް ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ހިތްހަމަޖެހޭ ފޮޓޯކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

ޖައުފަރުގެ ފޮޓޯތަކުގެ ތީމަކީވެސް ފާހަގަ ކޮށްލެވޭ ތަފާތު ގޮތްތަކެއް ހުންނަ ތީމްތަކެކެވެ. އެގޮތުން ތީމް ކަނޑައަޅަނީ ކާކުތޯ ސުވާލިކޮށްލުމުން ޖައުފަރު ބުނީ އާންމުކޮށް ތީމް ކަނޑައަޅަނީ އޭނާ ކަމަށެވެ. ނަމަވެސް ފޮޓޯ ނަގާ މީހާ ކައިރީ ވަކި ހާއްސަ ތީމެއް އޮތްތޯ އަހާލާ ކަމަށްވެސް އޭނާ ބުންޏެވެ.

ކުޑަކުދިންނާއި “ކަޕްލްސް”ގެ ފޮޓޯ އެންމެ ނަގާ ހިތްވާ ޖައުފަރު، ފޮޓޯ ނަގާނެ ލޮކޭޝަންތައް ގިނަ ފަހަރަށް ކަނޑައަޅަނީ އޭނާ އަމިއްލައަށެވެ.

އޭނާގެ ބައެއް ފޮޓޯތަކައް މީހުން ފާޑު ކިޔުންތައް އަމާޒުވާ ކަމަށާއި ނަމަވެސް އުފެންދުންތެރި ފާޑުކިޔުންތައް އޭނާ ޝުކުރުވެރިކަމާއެކު ބަލައިގަންނަނީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި ކަމަށް ޖައުފަރު ބުންޏެވެ. ނަމަވެސް އޭނާގެ ފޮޓޯތައް ރީތިކަމަށް ގިނަ މީހުން ބުނާކަމަށްވެސް ޖައުފަރު އުފަލާއެކު ފާހަގަކުރި އެވެ.

އެންމެ ހަނދާނުން ފިލުވާލަން އުނދަގޫވީ ނުވަތަ އޭނާގެ ބަހުންނަމަ އެންމެ މަޖާވީ “ރަމަޟާން މުބާރިކް” ފޮޓޯ ނެގިއިރު އެވެ.

“އެންމެ މަޖާވީ ރަމަޟާން މުބާރިކު ފޮޓޯ ނެގިއިރު. ވަރަށް މަޖާ. ފަތްޖެހި ގޮނޑި ފުލުހުން ހިފަހައްޓަންވެސް އުޅުނު. އޭތި ވަރަށް މަޖާ. “

ރާއްޖެއިން ނަޖޫ އަދި ރުޝްގެ ފޮޓޯތަކަށް ލޯބިކުރާ ޖައުފަރު ފޮޓޯ ނަގަން ދަސްކުރީ އަމިއްލައަށެވެ. އަދި ފޮޓޯ ނަގަން ދަސްކުރަން ބޭނުންވެގެން އޭނާ ކައިރީ އެދުނު މީހަކަށްވިޔާ އޭނާ ވާނީ ފޮޓޯ ނަގަން ދަސްކޮށްދީފަ އެވެ.

މި ދާއިރާއިން އޭނާއަށް ލިބޭ ކާމިޔާބީއަކީ މީހުންގެ ފަރާތުން ލިބޭ ސަޕޯޓެވެ. ފޮޓޯ ނެގުމުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ އޭނާގެ ބޭބެ މުހައްމަދު އަލީ އާއި ގޮމަށިގޭ، މުހައްމަދު ހަސަން އެވެ.

ފޮޓޯ ނަގަން އޭނާ އެންމެ ފުރަތަމަ ބޭނުންކުރީ މުހައްމަދު ހަސަންގެ ކެމެރާއެއް ކަމަށާއި ފަހުން ބޭބެ ކައިރީ އެދުމުން ބޭބެ ކެމެރާއެއް ހޯދައިދިނީކަމަށްވެސް ޖައުފަރު ބުންޏެވެ. އަދި އެ ދެމީހުން ޖައުފަރަށް ވަމުންގެންދާ އެހީތެރިކަމަށް ޝުކުރުއަދާކުރި އެވެ.

“ފުރަތަމަ ގޮމަށިގޭ މުހައްމަދުގެ ކެމެރާ ޔޫސްކުރީ. ދެން ބޭބެ ކައިރީ ރިކުއެސްޓް ކުރީމަ އޭނަ ކެމެރާއެއް ހޯދައިދިނީ. ދެން އަސްލު ކުރިއަށް ދާން ފެށީ. އެ ދެމީހުންގެ ވަރަށް ބޮޑު އެހީއެއް ލިބޭ.”

ޖައުފަރު މިހާރު ނިންމައިގެން ހުރީ “ޖައު ޕިކްސް” ކުރި އެރުވުމުގެ ގޮތުން ސްޓޫޑިއޯއެއް ހުޅުވުމަށެވެ. ކައިރި ކުރިމަގެއްގައި ދެން އޭނާ ފެނިގެން ދާނީ “ސްނެޕްސް ސްޓޫޑިއޯ”ގެ ފޮޓޯ ގްރާފަރެއްގެ ގޮތުގައި އެވެ.

އަންނަ ސެޕްޓެމްބަރ މަހު ހުޅުވަން ހަމަޖެހިފައިވާ “ސްނެޕްސް ސްޓޫޑިއޯ” ގައި ފޮޓޯ ނެގުމުގެ އިތުރުން ޕާޓީތަކާއި ކައިވެނި ހަފުލާތައް ޕްލޭންވެސް ކޮށްދޭނެ ކަމަށް ޖައުފަރު ހާމަކުރި އެވެ. އޭނާ ބުނި ގޮތުގައި “ސްނެޕްސް ސްޓޫޑިއޯ” އަކީ “މޯ ދެން އަ ފޮޓޯ ސްޓޫޑިއޯ” އެއް ކަމަށެވެ. އެގޮތުން އެތައް ބައިވަރު އައު ހިދުމަތްތަކެއް “ސްނެޕްސް ސްޓޫޑިއޯ”އާއެކު ތައާރަފު ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި ދާއިރާއިން ޖައުފަރު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އޭނާ ނަގާ ފޮޓޯ ގެ “އަސްލު އަގު” ލިބޭނެ ދުވަހެކެވެ. ޖައުފަރު ބުނީ ކޮންމެ މީހަކުވެސް ހިތަށް އަރަނީ ކެމެރާއެއް ހިފައިގެން ދިއުމުން އެންމެންނަށްވެސް ފޮޓޯ ނެގޭނެ ކަމަށް ކަމަށާއި ނަމަވެސް އެއީ ހަގީގަތް ނޫންކަން އޭނާ ފާހަގަކުރި އެވެ. އަދި އޭނާ ބުނާގޮތުން ނަމަ ފޮޓޯ ނެގޭނީ އެކަމުގެ ހުނަރު ހުރެގެންނެވެ.

ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ލޯބިކުރާ ޖައުފަރު ގަބޫލުކުރާ ގޮތުގައި މި ދާއިރާއަކީ ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެކެވެ. ނަމަވެސް ފެންވަރު އޮޅިގެން ނުދިއުމަށް ޖައުފަރު ނަސޭހަތްތެރިވި އެވެ. އޭނާ ބުނި ގޮތުގައި ވަކި ހިސާބަކަށް ދެވޭއިރަށް އެކަމެއް ދަސްކޮށްދިން މީހާ މަތިން ހަނދާންނެތި ފެންވަރު އޮޅުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އޭނާ ދެކެ ރުޅިއަންނަ ފޮޓޯ ގްރާފަރުން ރަށުގައި އުޅޭކަން ގަބޫލުކުރާ ކަމަށާއި އެއީ މައްސަލައެއް ނޫން ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެހެންމީހުން ކުރިއެރުމުން އެކަމާ އުފާވާ ކަމަށްވެސް އޭނާ ބުންޏެވެ.

ނިންމާލަމުން ޖައުފަރު ބުނީ “ޖައު ޕިކްސް”އަށް ލޯބި ކުރާ ހުރިހާ ކުދިން ދެމުން އަންނަ ސަޕޯޓަށާއި ތާއީދަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ ވެސް ރީތި ފޮޓޯތަކެއް ފެނިގެން ދާނެ ކަމުގެ ޔަގީންކަންވެސް ޖައުފަރު އޭނާގެ ސަޕޯޓަރުންނަށް ދިނެވެ.

[yass cats=103]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355