ބެރީގެ އާއިލާއަށް ނިސްބަތްވާ ދަނބަކީ ހުތްފޮނި ރަހައެއްދޭ އުނި އޮށެއް އޮންނަ ކުޑަ މޭވާ އެކެވެ. ދޮންވުމުން ދަނބު ނުވަތަ ރަތް ކުލައިގައި ހުންނަ މި މޭވާ ގިތިއިރު ހުންނަނީ ފެހި ކުލައިގަ އެވެ.
އިގިރޭސި ބަހުންނަމަ “ޖާވާ ޕްލަމް” ނުވަތަ “ޖެމްބޯލަން” އަކީ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބުވައިދޭ މޭވާއަކަށްވާއިރު އެ މޭވާގެ އޮށުންނާއި ގަހުގެ ތޮށިންވެސް އިންސާނުންގެ ހަށިގަނޑަށް އެތަކެއް ފައިދާތަކެއް ލިއްބުވައިދެ އެވެ. ދަނބަކީ ޗިސްމޭގައި އިންސިއުލިން އުފައްދާ ބީޓާ ސެލްތައް މަރާމާތުކޮށް އާ ސެލްތައް އުފެއްދުން އިތުރުކުރާ މޭވާ އެކެވެ. އަދި މި މޭވާގައި ގުލްކޯސް އާއި ފުރުކްޓޯސް ގިނަ އަދަދަކަށް އެކުލެވިފައިހުރެ އެވެ.
އެގޮތުން ދަނބު އޮށުގައި “ޖަމްބޯލީން” ކިޔާ ގުލްކޯޒުގެ ބާވަތެއް އެކުލެވިފައި ހުރެ އެވެ. އެހެންކަމުން މި ދަނބު އޮށް ވެގެންދަނީ ކުޑަކަމުދާ ތަކެތީގައި ހަކުރުގެ ނިސްބަތް ދަށްކުރުމަށް އެހީތެރިކޮށްދޭ އެއްޗަކަށެވެ. އަދި މިއީ މައިދާ ރައްކާތެރި ކޮށްދިނުމުގެ ބާރު އެކުލެވިފައިވެސް ހުންނަ އެއްޗެކެވެ.
އޮށެކޭ އެއްފަދައިން ދަނބުގެ ފަތަކީވެސް ހަށިގަނޑަށް ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. އެގޮތުން މި ފަތުން ހަށިގަނޑަށް ވިޓަމިން އީ ނެގުމަށް އެހީތެރިކޮށްދޭއިރު މި ފަތުގައި ބެކްޓީރިޔާއާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު އެކުލެވިފައިވާތީ ހިރުގަނޑު ދުޅަވުން ފަދަ ހާލަތްތަކުގައި މި ފަތް އެކަމަށް ފަރުވާއަކަށް ބޭނުންކުރެވެ އެވެ. އަދި ދަނބު ފަތަކީ ދަތާއި ހިރުގަނޑު ވަރުގަދަވެސް ކޮށްދޭ އެއްޗެކެވެ.
ދަނބު ގަހުގެ ތޮށިންވެސް އެތައް ފައިދާތަކެއް ލިބެ އެވެ. އޭގެތެރޭގައި ކުޑަކަމުދާ ތަކެތި ބޭރުވުން އިތުރުކޮށްދީ މައިދާއާއި ގޮހޮރުގައި އާލާވާ ފަނިތައް މާރާލައި ހަޖަމުކުރުމަށް އެހީތެރިވެދިނުމުގެ އިތުރުން ގޮހޮރުގައި ފާރު އުފެދުމުން ދުރުކޮށްދެ އެވެ.
ދަނބަކީ ގިނަ ބަލިތަކަކަށް ހުރި ސިފާއަކަށްވާއިރު ދަނބުން ފަރުވާ ހޯދިދާނެ ބަލިތަކުގެ ތެރޭގައި ހަކުރު ބަލި، ބޭރަށް ހިންގުން، ޑިސެންޓެރީ، ދަދު، އަނގަފާރު އެޅުން، އަނގައިން ނުބައިވަސް ދުވުން އަދި ކަރުތެރޭގެ މައްސަލަތައް ހިމެނެ އެވެ.