twitterviber whatsapp telegramfacebookyoutube instagram
8th May 2024

ތެލެސީމިއާ ކުދިންނާ ދޭތެރޭ މުޖުތަމައުގައި ގެންގުޅޭ ތަފާތު ކުރުންތައް ބަދަލުވުމަކީ ހުޝާގެ އުއްމީދު

Sep 7, 2014

ލޭ އަޅާ ކުދިންނަށް ދެވޭ ހިދުމަތް ރަގަޅު ކުރުމަށްޓަކައި އެފަދަ ކުދިންނާ ދޭތެރެ މުޖުތަމައު ދެކޭގޮތް ވަނީ ބަދަލު ކުރަންޖެހިފަ އެވެ. މީހުންގެ މަލާމަތް އެފަދަ ކުދިންނަށް ރައްދު ވަނީ މަދު ފަހަރަކު ނޫނެވެ. އަދި އެފަދަ ކުދިންނަކީ އެހެން ކުދިން ފަދައިން އުޅެވޭނެ ބައެއްނޫން ކަމަށް މިހާރުވެސް ގިނަ ބަޔަކު ދެކެއެވެ. އެހެން ނަމަވެސް އުމުރުން 22 އަހަރުގެ ހުޝާމަތު އަބްދުﷲ (ހުޝާ) މި ވާހަކަތަކަށް އެއްބަހެއް ނޫނެވެ. ލޭ އަޅާކުއްޖަކަށް ވެ ހުރެ ހުޝާ ދަނީ އެފަދަ ކުދިންނަކީ ވެސް އެހެން ކުދިން ފަދައިން ކަންކަން ކުރެވޭނެ ބެއެއްކަން ސާބިތު ކޮށްދެމުންނެވެ.

ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުން އޯ ލެވެލް ހެދުމަށް ފަހު މިތުރު ކޮންޕެނީއާ ހުޝާ ގުޅުނީ 2008 ވަނަ އަހަރު އެވެ. ވަޒީފާ އަދާކުރާތާ 5 އަހަރުވެފައިވާ އިރު މަސައްކަތުގެ މާހައުލާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށް ހުޝާ ބުންޏެވެ

“ވަރަށް އުފާވި މިތުރު ކޮންޕެނީން އަޅުގަނޑަށް ވަޒީފާ ލިބުނު ދުވަހު. އެމީހުން ވަރަށް ކެއާރ ކުރޭ. ލޭ އަޅަން ދާން ޖެހޭ ދުވަސްތަކަށް މުސާރަ ނުކަނޑާ ގޮތަށް ފޮނުވައިދޭ. އެކަމަށްޓަކައި މިތުރު ކޮންޕެނީގެ އިސްވެރިންނަށް ޝުކުރު އަދާކުރަން..” ކުޅުދުއްފުށި އޮންލައިނާ ވާހަކަ ދައްކަމުން ހުޝާ ބުންޏެވެ.

ޕްރީ ސްކޫލްގެ ދާއިރާއިން ކުރިޔަށްދާ ހިތްވާ ހުޝާ އެންމެ ދެކެން ބޭނުންވަނީ ލޭއަޅާ ކުދިންނަކީވެސް ހަމަ އެހެން މީހުންނެކޭ އެއްގޮތަށް މުޖުތަމައުގެ ތެރޭގައި އުޅެވޭނެ ބައެއްކަން މީހުން ގަބޫލުކުރާނެ ދުވަހެކެވެ. އަދި ވަޒީފާގެ މައިދާނުގައި ވެސް ޒަވާޖީ ހަޔާތުގައި ވެސް އެހެން ކުދިން ފަދައިން ފައިތިލަ ސާބިތު ކުރެވޭނެ ބައެއްކަމަށް މުޖުތަމައު ގަބޫލް ކުރާނެ ދުވަހެކެވެ.

ހުސްވަގުތު ތަކުގައި ކުރެހުމާއި ރިބަނުން މާ ޖެހުން އަދި ފޭސް ބުކްގައި ވަގުތު ހެދާ ކުރާ ހުޝާ ބުނީ ލޭ އަޅާބައްޔަކީ ކޮބައިކަން ނެނގޭ މީހުން ފާޑު ފާޑު ގެ ވާހަކަ ދައްކާތީ ވަރަށް ދެރަވާ ކަމަށާއި އާންމުންގެ ތެރޭގައި މި ބައްޔާ މެދު ހޭލުންތެރިކަން ވަރަށް ކުޑަކަމަށެވެ.

ހުޝާ ބުނިގޮތުގައި ވަޒީފާގައި އެކުގައި މަސައްކަތްކުރާ ކުދިންގެ އިތުރުން އާއިލާގެ މީހުންގެ ފަރާތުން ކޮންމެ ކަމެއްގައި ވެސް އެހީތެރިކަމާ އެއްބާރުލުން ލިބެއެވެ.

“ހާއްސަކޮށް ފާހަގަ ކޮށްލަން މިތުރު ހާރޑްވެއާރ ގައި މަސައްކަތްކުރި އިރު އެތަނުގެ ސްޓާފުންގެ ފަރާތުން ލިބުނު އެއްބާރުލުން އޭގެ އިތުރުން މިތުރު ޓިކެޓް އޮފީސް އަދި މިތުރު ހޯމް ވެއާރގަ އެކުގައި އުޅުނު އެންމެން ވެސް އަޅުގަނޑަށް ވަރަށް ގާތްކޮށް ދެކެނީ. ކުރުކޮށް ބުނަންޏާ ތަނުގެ ހުރިހާ ސްޓާފުން ވެސް ވަރަށް ކެއަރިން” މިހާރު މިތުރު ކުންފުނީގެ މައި އޮފީހުގައި މަސައްކަތް ކުރާ ހުޝާ ބުންޏެވެ.

އެހެންނަމަވެސް އެއިރުވެސް ކަސްޓަމަރުންގެ ފަރާތުން މަލާމާތުގެ ބަސްތައް ރައްދުވާ ކަމަށް ބުންޏެވެ.

ހުޝާ އެންމެ އުފާ ވަނީ ރަހުމަތްތެރިންނާއި އާއިލާ މެންބަރުން އަބަދުވެސް ހިތްވަރު ދިނުމުގައި ދެމިތިބޭތީ އެވެ. އަދި އެގޮތުގައި ދެމިތިބުމަށް އެމީހުންގެ ފަރާތުން ހުޝާ އެދެ އެވެ.

ސްކޫލްގައި އުޅުނުއިރު އެންމެ ފުރަތަމަ ދުވަސްކޮޅު ކުދިންގެ ފަރާތުން އެކިކަހަލަ ނުރުހުމުގެ ބަސްތައްރައްދުވި ކަމަށާއި ނަމަވެސް ފަހުން ލޭ އަޅާކުއްޖެއްކަން އެނގުމުން ބައެއްކުދިން ވަރަށް އެހީތެރިވި ކަމަށް ހުޝާ ބުންޏެވެ.

“ތެލްސީމިޔާ ކުއްޖެއްކަން ކުދިންނަށް ފުރަތަމަ ނޭނގޭ އިރު މަންމަ ދަބަސް ހިފައިގެން ސްކޫލަށް ވަންނާތީ ކުދިން ވަރަށް މަލާމަތް ކުރި. އެކަމަކު ފަހުން އެގުނީމާ ވަރަށް ކެއަރިން” ހުޝާ ކިޔައިދިނެވެ. ނަމަވެސް ކުޅިވަރުތަކުގެ ބައިވެރިވާން ފެށުމުން ހުޝާއަށް ނުކުޅެވޭނެ ކަމަށް މީހުންބުނާތީ އޭނާ ވަަރަށް ދެރަވިއެވެ.

ހުޝާގެ ރަހުމަތް ތެރިންނާ ބެހޭ ގޮތުން ސުވާލު ކުރުމުން ހުޝާ ބުނީ މިހާރުވެސް ލޭ އަޅާކުއްޖެއްކަން އެގުމުން ބައެއް ކުދިން ދުރުވާ ކަމަށާއި އަދި ބައެއް ކުދިން ތަންކޮޅެއް ބޮޑަށް އެހީތެރިވެ ކެއަރ ކުރާކަމަށެވެ.

ހުޝާ ބުނިގޮތުގައި މިހާރު މަހަކު އެއް ފަހަރު ލޭ އަޅަންޖެހޭ ނަމަވެސް ކުރިން މަހަކު ދެ ފަހަރު ވެސް ލޭ އަޅަންޖެހޭ ކަމަށެވެ. އަދި ލޭ އަޅަން ދާއިރު ޖެހޭ އެންމެ ބޮޑު މައްސަލައަކީ ލޭ އަޅަން ބޭނުންވާ ފިލްޓާރ އަދި ދަގަނޑުގެބައި މަދުކުރަން ޖަހާ އިންޖެކްޝަން ރަށުން ނުލިބޭތީ ދިމާވާ އުނދަގޫ ތަކެވެ.

2005 ވަނަ އަހަރު ހުންކޮށިނަގަން އޮޕްރޭޝަން ކުރުމުގެ ކުރިން މަހަކު 2 ފަހަރު ވެސް ލޭ އަޅަން ޖެހެއެވެ. އޯ ޕްޒްޓިވް ލޭ ހުންނަ ހުޝާ އެންމެ ހަދާނުން ނުފިލާ ދުވަހަކީ ހުންކޮށި އޮޕްރޭޝަން ކުރިދުވަސް ކަމަށް އެދުވަހުގެ ކަންތައްތައް ހަނދާން އައު ކުރަމުން ކިޔައިދިނެވެ.

ލޭ ދޭން އިންކާރު ކުރާމީހުންނަށް ހުޝާ ބުނެލަން ބޭނުން ވަނީ ކީކޭތޯ ސުވާލުކުރުމުން ހުޝާ ބުނީ ލޭ ދިނުމަކީ ވަރަށް މާތް ކަމެއް ކަމަށާއި އެއީ ލޭ އަޅާ ހުރިހާ ކުދިންނަށްވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ލޭ ދިނުމަކީ ލޭ ދޭފަރާތަށް ގެއްލުންވާނެ ކަމެއް ނޫން ކަމަށާއި މިހާރުވެސް ތެލެސީމިއާ ކުއްޖެއްކަން އެނގުމުން ލޭ ދިނުމަށް މީހުން އިންކާރު ކުރާކަމަށް ހުޝާ ބުންޏެވެ. މުޖުތަމައު ތެރޭގައި ގެންގުޅޭ މިފަދަ ތަފާތު ކުރުންތައް ނައްތާލައި ލޭ އަޅާ ކުދިންވެސް އެހެންކުދިންނެކޭ އެއްފަދައިން އުޅެވޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށް ހުޝާ ބުންޏެވެ.

“އެންމެން ވެސް ރިލޭޝަންޝިޕަކަށް ނުވަތަ މެރީޑް ލައިފަކަށް ދިއުމުގެ ކުރިން ތެލަސީމިއާ ޓެސްޓްކުރާށޭ ބުނެލަން ބޭންވަނީ”. ނިންމާލަމުން ހުޝާ އެންމެނަށް ތެލަސީމިޔާ ޓެސްޓް ކުރުމަށް ނަސޭހަތްތެރިވި އެވެ.

އޭނާ ދިރިހުރުމުގެ އަސްލުކަމަށްވާ އޭނާގެ މަންމަ އާއި ބައްޕައަށް އެމީހުން ހުޝާއަށްޓަކައި އެކުރާ ބުރަ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރުވެރި ވެއެވެ.

މިތުރު ހެޑް އޮފީހުގައި އޮފީސް އެސިސްޓެންޓެއްގެ ވަޒީފާ އަދާކުރާ ހުޝާ އަކީ ތެލެސީމިއާ އެހެން ކުދިންނަށް ނަމޫނަ ދައްކަމުން ޒިންމާ ދާރު މަގާމެއްގައި ހިތްވަރާއެކު މަސައްކަތްކުރަމުން އަންނަ މުރާލި ކުއްޖެކެވެ.

ލޭ އަޅާކުދިންނަށް ދޭންޖެހޭ ސަމާލުކަން ކަމާ ގުޅުންހުރި މުއައްސަސާތަކުން އެންމެ އެދެވޭ ގޮތުގައި ދޭތަނެއް ނުފެނެއެވެ. މިފަދަ ކުދިންނަކީ މި މުޖުތަމައުތެރޭގައި އެތަކެއް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވަ ބަޔަކަށް ވާއިރު މިފަދަ ކުދިންގެ އިހުސާސްތައް ދެނެގަނެ އެފަދަ ކުދިންނަށް އެހީތެރިވެ މިފަދަ ބަލިތަކަށް ހޭލުންތެރިންކަން އިތުރުކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355