twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހދ. ހޮނޑާފުށީގައި ރިސޯޓް ހަދަން ދޫކޮށްފައި އޮންނަތާ 10 އަހަރު

Sep 4, 2014

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ޓޫރިޒަމް ތަޢާރަފް ކުރުމުގެ ގޮތުން 2004 ވަނަ އަހަރު 11 ރަށެއް ރިސޯޓްގެ ގޮތުގައި ތަރައްޤީ ކުރަން ސަރުކާރުން ހުޅުވާލިއެވެ. އެފުރުޞަތުގައި ހދ. ހޮނޑާފުށީގެ ބިޑް ކާމިޔާބު ކޮށްފައިވަނީ ހ.ގިރީތެރޭގޭ އަބްދުﷲ ޢަލީއެވެ. އެއީ އެނދަކަށް އަހަރަކު 27،777 ޑޮލަރުގެ ރޭޓުން, 10 އަހަރަށް 55.55 މިލިއަން ޑޮލަރަށެވެ.

3އޭ ކޮންޕެނީ ހަމްޒާގެ ބެލުމުގެދަށުން ތަރައްޤީކުރާ މިރަށުގެ އިމާރާތް ކުރުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 12 ފެބްރުއަރީ 2006 ގައެވެ. ގޯލްފްކޯސްއަކާއެކު 200 އެނދު ތަރައްޤީކުރަން 5 މެއި 2005 ގައި ދޫކޮށްފައިވާ މިރަށުގެ %35 މަސައްކަތް ނިމިފައިވީނަމަވެސް މިހާރު އޮތީ ފައިސާ ނެތިގެން ކަމަށްބުނެ މަސައްކަތް ހުއްޓާލާފަ އެވެ. ރިސޯޓު ހެދުމަށްކަމަށް ބުނެ ހދ. އަތޮޅުން ހަމްޒާ ވަނީ ދެރަށް ނަގާފަ އެވެ. ހދ. އަތޮޅުގައި ނަގާފައިވާ ދެރަށް ހުއްޓިފައިވަނީ ފައިސާނެތިގެން ކަމަށް ބުނާއިރު ށ. އަތޮޅު ދޮޅިޔަދޫގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މަޢުލޫމާތު ވަނީ ލިބިފަ އެވެ.

ހދ. ހޮނޑާފުއްޓަކީ 56.03 ހެކްޓަރުގެ ބޮޑުރަށެކެވެ. ރީތި ބޮޑުފަޅަކާއި, ނަލަ ގޮނޑުދޮށެއް ލިބިފައިވާ މިރަށުގެ ދެކޮޅުގައި ދެ ތުނޑި އޮންނައިރު, އެއާޕޯޓް އޮންނަ ހަނިމާދޫއާ ދާދި ކައިރީގައިވާ ހޮނޑާފުށި ފާހަގަކޮށްލެވެނީ ހދ. އަތޮޅުގައި އޮތް ރީތި ރަށެއްގެ ގޮތުގަ އެވެ. ހޮނޑާފުށި ހުޅުވަން އެގްރީމެންޓްކުރިއިރު ކަނޑައަޅާފައިވާ ތާރީޚަކީ 21 ޖެނުއަރީ 2011 ގަ އެވެ.

11 އޭޕްރީލް 2014 ވަނަ ދުވަހު ހދ. އަތޮޅު ކައުންސިލުން ހޮނޑާފުއްޓަށް ކުރި ޒިޔާރަތުގައި ހަމްޒާއާ ބައްދަލުކޮށް މަޝްވަރާކޮށްފައިވެ އެވެ. މިއަަހަރު ޑިސެމްބަރމަހު އެރަށުގެ %50 ރޫމްތައް ނިންމައި, އޮޕަރޭޝަން އަށް ގެންނާނޭކަމަށް ހަމްޒާ ބުނެފައިވާކަމަށް ހދ. އަތޮޅު ކައުންސިލުން މަޢުލޫމާތު ދީފައިވެ އެވެ. ޖޭވީ އުސޫލުން ބަޔަކާއި ގުޅިގެން މަސައްކަތް ކުރާކަމަށް ވިދާޅުވެ ތިންމަސްތެރޭގައި އަމަލީ މަސައްކަތް ފަށާނޭކަމަށް އެއިރު ވިދާޅުވެފައިވީނަމަވެސް މިއަދާއި ހަމައަށް އެރަށުގެ މަސައްކަތް ފެށިފައެއް ނުވެ އެވެ.

މިހާރު އެރަށުގައި ކޮށްފައިވާ މަސައްކަތަށް ބަލާލާއިރު ފާހަގަ ކޮށްލެވެނީ ރަށުގައި ބިންގާ އަޅާފައިވާ ރޫމް ތަކަކީ މިހާރުގެ ފަތުރުވެރިކަން ކުރާ ރަށްރަށުގެ ރޫމްތަކާ އަޅާބަލާއިރު ވަރަށް ކުދި ރޫމްތަކެއްގެ ގޮތުގަ އެވެ. މިސްކިތާއި, ސްޓާފް އޭރިޔާގެ ބައެއް ސަރަޙައްދު ނިމިފައިވީ ނަމަވެސް ގިނަ ތަންތަން އަލުން ހުރީ މަރާމާތު ކުރަންޖެހޭވަރު ވެފަ އެވެ. އެގޮތުން އެރަށުގައި ރިސޯޓެއް އޮޕަރޭޝަން އަށް ގެންނަން ބޭނުން ނަމަ ކުރަންޖެހޭ ވަރަށް ބައިވަރު މަސައްކަތް ހުރިކަން ފާހަގަ ކޮށްލެވެ އެވެ. އިންތިޒާރު ކުރަންވީ ކިހާދުވަހެއް ވަންދެން ހެއްޔެވެ؟ 10 އަހަރުދުވަސް މަދީހެއްޔެވެ؟

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިޔަމުން ދާ ސިލްސިލާގެ ރިޕޯޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355