twitterviber whatsapp telegramfacebookyoutube instagram
18th April 2024

ހދ. އަތޮޅުގެ ރައްޔިތުންގެ މައްޗަށް އިހްމާލު ވެވިފައި ނުވޭތޯއެވެ؟

Sep 7, 2014

ލިޔުނީ: ހަނިމާދޫ ދާއިރާގެ މެމްބަރ ހުސެއިން ސަހުދީ

މިލިޔުމަކީ ހދ. އަތޮޅުގައި ފަތުރުވެރިކަމުގެ ރިސޯރޓެއް ތަރައްޤީކޮށްއޮޕަރޭޓްކުރަން ފެށިފައިނުވާތީ އަތޮޅުގެ އޮންލައިން ނޫސްތަކާއި، ހދ. އަތޮޅު ކައުންސިލުން ކުރަމުންދާ ހިތްވަރުގަދަ މަސައްކަތުގައި އަޅުގަނޑުގެ ބައިވެރިވުންދީ، އަތޮޅުގެ ދަރިއެއްގެ ހައިސިއްޔަތުން އެމަސައްކަތުގައި ބައިވެރިވުމަށް އަޅުގަނޑުގެ ގަލަން އުފުލާލައި، ލިޔަންފަށާ ސިލްސިލާ ލިޔުންތަކުގެ ތެރެއިން ދެވަނަ ލިޔުމެވެ.

25 މެއި 2005 ވަނަ ދުވަހަކީ ހދ. އަތޮޅު ރައްޔިތުންނަށް އުފާވެރިކަންގެނުވި އުންމީދީ ދުވަހެކެވެ. 200 އެނދުގެ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދެވުނު ދުވަހެވެ. އަތޮޅުން ބޭރުގައި ވަޒީފާއަދާކުރަމުންދިޔަ އެތައް އަތޮޅުގެ ރައްޔިތުންނަކާއި އެރައްޔިތުންގެ ޢާއިލާތަކަށް ހިނތުންވުން ގެނެސްދިން ދުވަހެކެވެ. އަތޮޅުގައި ތިބެ ވަޒީފާއަދާކުރުމަށް ބޭނުންވާ އެތައްޒުވާނުންނަކާއި އެތައްރައްޔިތުންނަށް އައު އުންމީދެއް ގެނުވި ދުވަހެކެވެ. ހދ. އަތޮޅުގެ ތަރައްޤީއަށްއެދި ތިބި އެތަށް ދަރިންނެއްގެ އުންމީދު އައުވި ދުވަހެކެވެ.

އޭގެ އަހަރެއްހާދުވަސްފަހަށް ސޮއްސާލަމާތޯއެވެ! 25 ޖޫން 2006 ވަނަ ދުވަހަކީ އަތޮޅުގެ ރައްޔިތުންގެ އުންމީދަށް އުންމީދުގެ ބޮޅެއް އިތުރުވި ދުވަހެކެވެ. ހދ. ކުޑަމުރައިދޫގައި 250 އެނދުގެ ރިސޯޓެއް ތަރައްޤީކުރުމަށް ކުއްޔަށް ދެވުނީއެވެ. މިހިތްހަމަޖެހުމުގައި ހަމަނުޖެހިވިއުޅެނިކޮށް އޭގެ ތިންމަހެއްހާ ދުވަސްފަހުން 600 އެނދުގެ ރިސޯޓެއްގެ ގޮތުގައި 17 ސެޕްޓެމްބަރ 2006 ގައި ހދ. ނާގޯށި ކުއްޔަށްދިންކަން ޢިއުލާން ކުރެވިގެން ދިޔައެވެ. އޭގެ ދެއަހަރެއްހާ ދުވަސްފަހުން 12 މާރޗް 2008 ގައި ހދ. ނޮޅިވަރަމްފަރުގައި ޓްރެއިނިންގ ރިސޯޓެއް ތަރައްޤީކުރުމަށް ކުއްޔަށްދެވުނެވެ.

އަތޮޅުގެ ރައްޔިތުން އުފަލުން ފޮޅުނެވެ. އަތޮޅުގެ “މާ” ތިން ފަޅުރަށުގައި ފެށުމަށް ހަމަޖެހުނު ފަތުރުވެރިކަމުގެ މަސައްކަތަކީ އަތޮޅު ހަމައިސްކޮޅަށް ތެދުވެލަން ލިބުނު ރަނުގެ ފުރުޞަތެކެވެ. އަތޮޅުން ވަޒީފާލިބުމުގެ ދަތިކަންފިލައި، އަތޮޅުގެ ރައްޔިތުންގެ ޖީބުތަށް ތިޔާގިކޮށްލަން ލިބުނު ފުރުޞަތެކެވެ. އަތޮޅުގައި ހުރި އިޖުތިމާއީމައްސަލަތައް މުލުން ލުހުލުމެއް ހުޅުވާލެވުނު ދޮރާއްޓެކެވެ.

އަޅުގަނޑުމެން 25 މެއި 2005 ވަނަ ދުވަހުން ފެށިގެން އުންމީދުގައި ފީނަމުން، ފޮނި ހުވަފެންތައް ދެކެމުން، އަތޮޅަށްޓަކައި ހިތުގައި ކުރެހުން ކުރަހަމުން 2014 ވަނަ އަހަރުގެ ސެޕްޓެމްބަރމަހުގެ މިއަދާހަމައަށް ވާސިލްވެވުނުއިރު އަތޮޅުގެ ކޮންމެރައްޔިތަކަށް ލިބިފައިވަނީ މާޔޫސްކަމެވެ. އަޅުގަނޑުމެން ދުއް ހުވަފެންތައްވީ ބިލާހަކަށެވެ. ކުރެހި ކުރެހުންތައް ހުދާއި ކަޅަށް ބަދަލުވީއެވެ.

ފަންސަވީސް ހާހަށްވުރެމަތީގައި އޮތް، ދިވެހިރާއްޖޭގެ އާބާދީގެ ގޮތުން އެންމެބޮޑު އަތޮޅުގެ ރައްޔިތުންގެމައްޗަށް އިޙްމާލްވެވިފައިވަނީ އިއްތިފާޤަކުންނޫނެވެ. އަތޮޅުގެ ރައްޔިތުން އެދިއެދިތިބި ފަތުރުވެރިކަން އަތޮޅުގައި ނުފެށިވުމުންބާރުލެވިދާނެ ކޮންމެ މީހަކު ވެފައިވާ އިޙްމާލަށް އަތޮޅުދެކެ ލޯބިވާ އެއްވެސް ދަރިއަކު މަޢާފެއްނުކުރާނެއެވެ. އަޅުގަނޑުމެންގެ ވާހަކަ އަޅުގަނޑުމެން ނުދައްކާނަމަ ދައްކާނެ މީހަކު ނާންނާނެއެވެ.

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެލިޔުމެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355