twitterviber whatsapp telegramfacebookyoutube instagram
24th April 2024

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް – ވަޒީފާއަކަށް ތައްޔާރުވުމަށް އޮތް ރަނުގެ ފުރުސަތެއް

Sep 8, 2014

މުޖުތަމައުއަށާއި ތިމާވެއްޓަށް ކޮށްފާނެ އަސަރުތަކުގެ މައްޗަށް ރިޔާއަތްކޮށް، ކުންފުނީގެ ވިޔަފާރިއާއި ގުޅުންހުރި ނިންމުންތައް ނިންމުމަކީ ދިރާގުގެ މައިގަނޑު އެއް އަސާސް ކަމަށްވެފައި އޮތުމާއެކު ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މިގޮތުން ދިރާގުން ހިންގަމުން އަންނަ މުހިއްމު އެއް ޕްރޮގްރާމް އެވެ. މިގޮތުން ދިރާގް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނުވަތަ ޑެޕް އަކީ އޭ ލެވެލް ނިންމުމަށްފަހު ވަޒީފާގެ ތަމްރީނު ހޯދުމަށް ނުކުންނަ ޒުވާނުންނަށް ދިރާގުން ހުޅުވާލާފައިވާ ރަނުގެ ފުރުސަތެކެވެ.

2009 ވަނަ އަހަރުން ފަށައިގެން ދިރާގުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މިހާތަނަށް ޖުމްލަ 98 ކުދިން ބައިވެރިވެފައިވާއިރު މީގެ ތެރެއިން ގިނަ ކުދިންނަކީ މިހާރު ތަފާތު ކުންފުނިތަކުގައި ޒިންމާދާރު ވަޒީފާތައް އަދާކުރަމުން އަންނަ ޒުވާނުންނެވެ. އަދި މީގެ ތެރެއިން ބައެއް ޒުވާނުންނަކީ ދިރާގުގައި ޒިންމާދާރު ވަޒީފާތައް އަދާކުރަމުން އަންނަ ޒުވާނުންނެވެ. އެގޮތުން ޕްރޮގްރާމްގައި ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާކެޓިންގ، ޓްރާންސްޕޯޓް، ސޭލްސް، ކަސްޓަމަރ ސާވިސް، ނެޓްވޯކްސް، ޕްރޮކިއުމަންޓް އެންޑް ސްޓޯރސް އަދި ފައިނޭންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދެ އެވެ.

ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމަށް ކުދިން ހޮވަމުން އަންނައިރު ކޮންމެ އެޕްރެންޓިސް އަކުވެސް މަސައްކަތް ކުރާނީ އެއް އަހަރު ދުވަހު އެވެ. އަދި އެ އެޕްރެންޓިސް އަކުގެ މަސައްކަތް އިވެލުއޭޓް ކުރުމަށްފަހު ދެވަނަ އަހަރަކަށް އިތުރު ކުރުމުގެ ފުރުސަތުވެސް ލިބިގެންދެ އެވެ. ދިރާގު އެޕްރެންޓިސް ޕްރޮގްރާމްގެ އެންމެ ހާއްސަ އެއް ކަމަކީ އެލަވަންސެއް ލިބެމުން ދިއުމާއެކު ރަގަޅަށް އިންތިޒާމް ކުރެވިފައިވާ މާހައުލެއްގައި ރަސްމީކޮށް ތަމްރީނު ލިބުމާއި ވަޒީފާގެ ދާއިރާއިން ކުރިއެރުން ހޯދުމުގެ ފުރުޞަތު އިތުރުވެގެން ދިއުމެވެ. އަދި މީގެ އިތުރުން ކޮންމެ ކުއްޖަކަށްވެސް ދިރާގުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ އެ ކުއްޖަކަށް ހާއްސަ މެންޓަރއެއް (އެ އެޕްރެންޓިސްެއެއްގެ މަސައްކަތުގައި އިރުޝާދުދީ އެހީތެރިވާ ބޭފުޅެއް) އައްޔަން ކުރެވިފައި ހުރެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް މި ޕްރޮގްރާމް ނިމިގެންދާއިރު މަސައްކަތުގެ މާހައުލުގައި އަދި އަމިއްލަ ދިރިއުޅުމުގައި ދިމާވެދާާނެ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން އެނގި ގިނަ ހުނަރުތަކެއް ދަސްވެގެން ދެއެވެ. އޭގެ ތެރޭގައި މުއާމަލާތް ކުރުމުގެ ހުނަރާއި، ކަންކަން ރާވާ ހިންގުމުގެ ހުނަރާއި، ކަސްޓަމަރ ކެއަރ އަދި ކަންކަމުގައި ގޮތް ނިންމުން ނުވަތަ ޑެސިސަން މޭކިން ފަދަ ހުނަރުތައް ދަސްވެގެންދެއެވެ.

ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގައި ޖުމްލަ 7 އެޕްރެންޓިސްއަކު މި ޕްރޮގްރާމް ފުރިހަމަކޮށްފައިވާއިރު، މިހާރުވެސް 1 އެޕްރެންޓިސްއަކު ދަނީ މި ޕްރޮގްރާމް ފުރިހަމަކުރަމުންނެވެ. އަދި މީގެ ތެރެއިން 2 މުވައްޒަފަކަށްވަނީ ދިރާގުގެ ދާއިމީ ވަޒީފާ ލިބިގެންގޮސްފަ އެވެ.

“މިއީ އަސްލު ވަރަށް ރަނގަޅު ޕްރޮގްރާމެއް. ވަޒީފާއާ އަދި ދިރިއުޅުމާ ގުޅުންހުރި ވަރަށް ގިނަ ކަންތައްތަކެއް މި ޕްރޮގްރާމްގައި މަސައްކަތް ކުރުމުން އެބަ ދަސްވެގެންދޭ. މި ޕްރޮގްރާމް ފުރިހަމަ ކުރަމުން ޕާޓް ޓައިމްކޮށް ނަމަވެސް އިތުރަށް ކިޔަވައިފިނަމަ ވަރަށް ރަނގަޅު ކުރިމަގެއް އެބައޮތް.” މި ނޫހާ މައުލޫމާތު ހިއްސާކުރަމުން މި ވަގުތު މި ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ އަބްދުލް ހަންނާނު މުހައްމަދު ހާމަކުރި އެވެ.

އަޅުގަނޑުމެންގެ މުޖްތަމައުގައި އެންމެ ބޮޑު އެއް މައްސަލައަކީ ކިޔަވާ ކުދިންނަށް ކެރިއަރ ގައިޑެންސް ނުލިބުމެވެ. އެގޮތުން އެ ކުއްޖަކު ގްރޭޑް 7 ނިންމުމަށްފަހު 8 އަށް ވަންނައިރު އެ ކުއްޖަކު ހިޔާރު ކުރަން ޖެހޭ ސްޓްރީމް ނޭގުމަކީ އެންމެ ބޮޑު އެއް މައްސަލަ އެވެ. މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން މިކަހަލަ ކަންތައް ތަކަށް ހައްލު ލިބިގެންދިއުމަށް އެހީތެރިވެ އެވެ. އަޅުގަނޑުމެންގެ މުޖްތަމަޢުގައި “އޮން ދަ ޖޮބް ޓްރެއިނިން” ނުވަތަ ވަޒީފާއެއް އަދާކުރަމުން ލިބޭ ތަމްރީން އިތުރު ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ދިރާގުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ހިންގާ ވަރަށް ފުރިހަމަ، އަދި މުޖުތަމައަށް، ހާއްސަކޮށް ޒުވާނުންނަށް ވަރަށް މުހިއްމު ޕްރޮގްރާމެކެވެ. އިޖުތިމާއީ ޒިންމާތަކުގެ ތެރެއިން މިފަދަ ޕްރޮގްރާމްތައް އެހެން ކުންފުނިތަކުން ވެސް ހިންގާނަމަ، އެވާނީ ޒުވާނުންނަށް ލިބޭ ބޮޑު ކުރިއެރުމަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355