twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިއީވެސް ދިވެހި ޒުވާނަކީމެވެ. “ނަމަވެސް” ހދ އަތޮޅު!

Sep 11, 2014

އަޅުގަނޑަކީވެސް މިދިވެހި ފަސްގަނޑަށް އުފަން ދިވެހި ދަރިއަކީމެވެ. އެހެނިހެން އިންސާނުންނެކޭ އެއްގޮތަށް އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށް ލޯބިކުރާ ޒުވާނަކީމެވެ. ނަމަވެސް ހާލަތާއި އަޅުގަނޑު ނިސްބަތްވާ އަތޮޅުގެ ސަބަބުން މިކަމުންވަނީ އަޅުގަނޑު މަހުރޫމު ކުރެވިފައެވެ. ދެންނެވޭތޯ މަސައްކަތް މިކުރަނީ އަޅުގަނޑަށް ދިމާވެފައިވާ މަޖުބޫރީ ހާލަތުގެ ވާހަކައެވެ.

އާއިލާގައި ތނަވަސްކަން ނެތުމުގެ ސަބަބުން އަޅުގަނޑަށް ކިޔެވުމުގެ ފުރުސަތު ލިބުނީ ގުރޭޑް 10 އަކާއި ހަމައަށެވެ. 10 ނިންމައި ޖީސީއީ އިމްތިހާނު ހަދައި ދުވަސްވަރާއި އެކަށީގެންވާ ނަތީޖާއެއް ލިބުނެވެ. ނަމަވެސް އިތުރަށް ތައުލީމީ ހަޔާތް ކުރިއަށް ނުގެންދެވި ވަޒީފާއެއް ހޯދުމުގެ ވާދަވެރި މާހައުލާއި ކުރިމަތިލާން ޖެހުނެވެ. އާއިލާއާއި އެކު އަޅުގަނޑު ހުރުމަށް ކިތަންމެ ބޭނުންވީނަމަވެސް ވަޒީފާ އަޅުގަނޑަށް މަޖުބޫރުކުރުވީ އާއިލާއާއި އެތަކެއް މޭލު ދުރެއްގައި ހަޔާތުގެ ބޮޑުބައި ހޭދަކުރުމަށެވެ. އެހެނީ އަޅުގަނޑު ނިސްބަތްވާ ރަށަކީ އާބާދީ މަދު ބިންކުޑަ ރަށަކަށްވުމުގެ ސަބަބުން މާގިނަ ވަޒީފާގެ ފުރުސަތުތަކެއް ނުލިބެއެވެ. ދެން ލިބެންހުރި ރަނގަޅު ގިނަ ވަޒީފާތައް ލިބެންހުރީ ރަށާއި ދުރު އެހެނިހެން އަތޮޅުތަކުންނެވެ. ރިސޯޓް ތަކުންނެވެ.

އަޅުގަނޑުމެންގެ އަތޮޅަކީ ކިތަންމެ ބައިގިނަ އަތޮޅަކަށްވެފައި ރިސޯޓްތައް ތަރައްގީކުރަން އެކަށީގެންވާ ރަށްތައް ކިތަންމެ ގިނަ އަދަދަކަށް ހުރިނަމަވެސް މިއަދާއި ހަމައަށް މިކަންވަނީ ވާގޮތް ނުވެފައެވެ. މިހެންވެ އަޅުގަނޑުމެންފަދަ އެތަކެއް ޒުވާންކުދިންނެއް ވަޒީފާ އަދާކުރަމުންދަނީ އަމިއްލަ ރަށާއި އަދި އަމިއްލަ އަތޮޅާއި އެތައް ސަތޭކަ މޭލެއް ދުރު ރަށްތަކުގައެވެ. މިކަމުގެ ސަބަބުން ނުކުމެ ނުދާނެ އިޖުތިމާއީ އަދި އިގްތިސާދީ ގިނަ މައްސަލަތައް އަޅުގަނޑުމެންގެ ރަށްތަކުގައިވަނީ ފެތުރިފައެވެ. ވައްކަން ކުރުމާއި، އާއިލާތައް ރޫޅުމާއި، ދަރިންނަށް މައިންބަފައިންގެ އަޅާލުން ނުލިބުމާއި އަދި މިނޫނަސް އެތަކެއް މައްސަލަތަކެކެވެ.

މިކަންކަމުގެ އެންމެ ފަސޭހަ ހައްލަކީ މިއަތޮޅަށް އާދެ ހދ އަތޮޅަށް ވަޒީފާގެ ފުރުސަތުތައް ގެނައުމެވެ. މިކަން އެންމެފަސޭހައިން ކުރެވެން އޮތީ ރިސޯޓްތައް މިއަތޮޅުގެ ރީތި ފަޅު ރަށްތަކުގައި ހަދައިގެންނެވެ. އަދި މިހާރު ރިސޯޓް ހެދުމަށް މިއަތޮޅުން ދޫކުރެވިފައިވާ ރަށްތައް އަވަސްވީ މުއްދަތަކަށް ހަދައި ނިންމައި އެރިސޯޓްތައް އޮޕަރޭޓް ކުރަން ފެށިގެންނެވެ. ޓުއަރިޒަމް ދިވެހިރާއްޖެއަށް ތައާރަފްވެ 40 އަހަރަށްވުރެ ގިނަދުވަސް ފާއިތުވެފައިވާއިރު ހދ އަތޮޅުގައި ޓުއަރިޒަމްގެ އެއްވެސް ޕުރަޖެކްޓެއް ނުހިންގިވާކަމީ މިއަތޮޅަށް ސަރުކާރުތަކުން އިހުމާލުވެފައިވާކަމުގެ ރީތި ފުރިހަމަ ހެއްކެކެވެ.

ކުރީގައިވެސް ކަންއޮތީ މިހެންނޭ ބުނެ މިއަދު އަޅުގަނޑުމެންނަކަށް ތިބެވޭކަށް ނެތެވެ. އަޅުގަނޑުމެންގެ އަތޮޅުގައި ވަޒީފާއަށް އެދި ނުކުންނަ ޒުވާނުންގެ އަދަދު ކޮންމެ އަހަރަކު މިދަނީ އިތުރުވަމުންނެވެ. މިހުރިހާ ޒުވާނުން އާއިލާތަކާއި ވަކިކޮށް މާދުރު ރަށްތަކަށް ފޮނުވާލުމަކީ މައިންގެ ލަނގޮޑިއަށް އަދި ކިއެއްތަ އެޒުވާނުންގެ އެކުވެރިންނަށާއި ލޯބިވެރިންގެ ހިތައް ކެއްވާނެ ކަމެއް ނޫނެވެ. ވުމާއެކު މިއަދު އަޅުގަނޑުމެން އެންމެން އެއްއަޑަކުން އަޅުގަނޑުމެންގެ އާދޭސްތައް ސަރުކާރަށް ރިވެތި ގޮތުގައި އިއްވަން ޖެހެއެވެ. އަދި ނަތީޖާ އަވަސް މުއްދަތެއްގައި ނެރުމަށް ބާރުއަޅަންޖެހެއެވެ. މިއީވެސް ދިވެހިދަރިޔެކޭ “ނަމަވެސް” ހދ އަތޮޅޭ ބުނެ މާޔޫސްވާންވީ ޒަމާން އަޅުގަނޑުމެންގެ ފަހަތަށް ދޫކޮށްލާންވީ ވަގުތު މިއަދު މިވަނީ އައިސްފައެވެ

ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355