މަޑުޖެހިފައިވާ ތަރައްގީގެ މަޝްރޫތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް މިއަދު އިރުޝާދު ދެއްވައިފިއެވެ.
ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި މިއަދުވަނީ ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާކުރައްވާފައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތަކެތި ހޯދުމުގައި ކުރިމަތިވި ދަތިތަކަށް މިހާރު ހައްލު ހޯދިފައިވުމާ އެކު، މަޑުޖެހިފައިވާ މަސައްކަތްތައް އަލުން ފަށައި، ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓުގެ މެންބަރުންނަށް އަންގަވާފައެވެ.
މި ބައްދަލުވުމުގެ ތެރެއިން، ރައީސްގެ ރިޔާސީ ވައުދުފުޅުތައް ތަންފީޒުވަމުންދާ މިންވަރާއި، ރަށްރަށުގައި ހިނގަމުންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ވަނީ ހިއްސާކުރައްވާފައެވެ. މީގެ އިތުރުން، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށްޓަކައި ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން އެއްބާރުލުން ދީގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވާލައްވާފައެވެ.
ވަޒީރުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މަޝްރޫޢުތައް ހިންގުމުގައ ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވެންހުރި ކަންކަމާމެދު ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރައްވާފައިވެއެވެ.




