twitterviber whatsapp telegramfacebookyoutube instagram
6th October 2026

އާއްމު ފަރާތްތަކަކުން ނޫމަރާގައި ތަރައްގީކުރި "ޒިޔާރަތު ބީޗް" ހުޅުވައިފި

ނަބީލާ އިސްމާޢީލް
Oct 6, 2026

ށ. ނޫމަރާގެ އާއްމު ފަރާތްތަކެއް އިސްނަގައިގެން، ރަށުގެ އިރުމަތީ ފަރާތުގައި ތަރައްގީ ކުރި ”ޒިޔާރަތު ބީޗު“ އެއްކޮށް ނިންމާ، ނޫމަރާ ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް އިބްރާހިމް ފުއާދު ވިދާޅުވީ ރަށުގައި ދެ އަވަށް އޮންނައިރު އިރުމަތީ ފަރާތުގައި މޫދަށް އެރެލާނެ ހިތްފައްސޭހަ މައިޒާނެއް ނެތުމުން އެ މަގުސަދުގައި ރަށުގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި، ރަށުގެ ހިދުމަތްތެރި އާއްމު ރައްޔިތުންތަކެއް ގުޅިގެން ކުރިއަށްގެންދިޔަ ނަމޫނާ މަސައްކަތެ ކަމަށެވެ.

ބީޗް ރަސްމީކޮށް ހުޅުވައިދެއްވީ އިއްޔެ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކައުންސިލް މެމްބަރ އަސްލަމް ހުސައިން، ޕްރިންސިޕަލް ސަޖީ ތައިކީލް، އެޑްމިނިސްޓްރޭޓަރ ހެލްތު ސާވިސް މޫސާ އިނާސްގެ އިތުރުން ކައުންސިލްގެ ނައިބު ރައީސާ އާސިމާ އަލީ އަންހެނުން ކޮމެޓީގެ ރައީސާ އާއިޝަތު ނަތާސާ ކޮމެޓީގެ ނައިބު ރައީސާ އާމިނަތު ތަސްނީމާ އާއި ކޮމެޓީގެ މެމްބަރ އާމިނަތު ޒީނާއެވެ.

ކައުންސިލް ރައީސް ވަނީ މި މަސައްކަތް މިހާ ފުރިހަމަކަމާއެކު ނިންމާލެވުމާ ގުޅިގެން މި މަސައްކަތުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

"ކައުންސިލްގެ މަސައްކަތްތަވެސް ކޮންޓެކްޓް އުސޫލުން ކުރަންޖެހޭއިރު މި ފަދަ ފުރިހަމަ މަސައްކަތެއް ރަށުގެ ބަޔަކު އިސްނަގައިގެން ކޮށްފައިވާތީ ވަރަށް އުފާކުރަން" ފުއާދު ފާހަކުރެއްވި އެވެ.

ރަށުގެ އެކިއެކި ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި ކައުންސިލްގެ އެއްބާރުލުމާއެކު ތަރައްގީކޮށްފައިވާ މި ބީޗުގައި އުނދޯއްޔާއި، ބަދިގެ، ބާބަކިއު ހަދާލެވޭނެ ސަރަހައްދެއްގެ އިތުރުން ހަޓުތަކާއި އަދިވެސް މަޑުކޮށްލައިގެން ތިބެވޭނެ ޖޯލިފަތި އަދި ބެންޗްފަދަ ހިތްގައިމު ކަންކަން ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293