ޗައިނާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެއަށް ލިބޭ ވަރަށް ވެސް އުފާވެރި، ޝަރަފުވެރި ކުރިއެރުމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީ.ޕީ.އެމްއާ އަލަށް ގުޅުނު ބައެއް ކައުންސިލަރުނާއި، އަލަށް ގޮފިތަކުގެ ފޯމް ހަވާލުކުރުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުންނެވެ. އަދި ޗައިނާގެ ރައީސް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ރާއްޖެ ވަޑައިގަތުމަކީ ރާއްޖެއަށް ލިބޭ ވަރަށް އުފާވެރި، ޝަރަފެއްކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅަށް ވަޑައިގަތުމަކީ އެއަތޮޅުގެ ރައްޔިތުންނަށް ލިބޭ ވަރަށް އުފާވެރި ޝަރަފަކަށް ނުވާނެބާއެވެ؟ ޗައިނާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ގިނަ ކަންތައްތަކެއް އެމަނިކުފާނެ ރާއްޖެއަށް ކޮށްދެއްވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އުއްމީދުކުރައްވާއިރު، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހދ.އަތޮޅަށް ވަޑައިގެން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް އެއަތޮޅުގެ ރައްޔިތުން އުއްމީދު ނުކުރާނެހެއްޔެވެ؟
ރައީސް ޔާމީންގެ ވެރިކަމުގެ 11 ވަރަކަށް މަސްދުވަސްތެރޭގައި އައްޑޫ ސިޓީއަށް ހަތަރުފަސް ދަތުރުފުޅު ކުރެއްވިއިރު، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުގެ މަތިން ހަނދުމަށްފުޅު ނެތީބާއެވެ؟
”ބިން އުފައްދައި ދެވިދާނެ، ބަނދަރު ހަދައިދެވިދާނެ. ގެސްޓްހައުސް އެޅިދާނެ. އެހެން ނަމަވެސް، ރައްޔިތުންގެ ތެރޭގައި ހަމަޖެހުން އެބަ އޮންނަންޖެހޭ. ދަނގެތީގެ ލޮބުވެތި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މި ދައްކަން އުޅެނީ ކޮން ވާހަކައެއްކަން. މިރަށަކީ ޓުއަރިޒަމް ޒޯނުގައި، ނޫނީ މިހިސާބުގައި ޓުއަރިޒަމްގައި، ޓުއަރިޒަމްގެ ފަތުރުވެރިން ޒިޔާރަތްކުރާ މަދީނާއެއް ކަހަލަ ރަށަކަށް މިއޮތީ ވެފަ” މިއީ އދ.ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު ފަށްޓަވައިދެއްވުމުގެ ރަސްމިޔާތުގައި މިދިއަ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުގެރޭ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގެތެރެއިން ކުޑަ ތަންކޮޅެކެވެ.
ހދ.އަތޮޅަކީ ޓުއަރިސްޓް ރިސޯޓްތައް އޮޕްރޭޓްކުރާ އެދާއިރާގެ އެހެނިހެން ވިޔަފާރިތައް ހިނގާ، ފަތުރުވެރިން ޒިޔާރަތްކުރާ މަދީނާއެއް ކަހަލަ ރަށްތަކަކަށް ވާން އަތޮޅުގެ އެންމެހާ ރައްޔިތުންވެސް ބޭނުންވެއެވެ.
”މިހާރު ހިނގާގޮތަށް ދިވެހިރާއްޖެ މިހާރަށްވުރެ ކުރިއަށް ގެންދެވޭނެ އެއްގޮތަކީ، އަޅުގަނޑު މާދަމާވެސް އިޢުލާނު ކުރަންވީ، ދިވެހިރާއްޖޭގައި މިއަދުން ފެށިގެން 12 މަސްދުވަހުގެ ތެރޭގައި، ނޫނީ 18 މަސްދުވަހުގެ ތެރޭގައި، އުތުރުގައި 7 ރިޒޯޓް، މެދުރާއްޖެތެރޭގައި 3 ރިޒޯޓް، ދެކުނުގައި 8 ރިޒޯޓް އުފައްދާނަމޭ. އޭރުން ޝައްކެއްވެސްނެތް، ތަރައްޤީ އަންނާނެ. އަދި އެކަން އަޅުގަނޑުމެން ކުރާނަންވެސްމެ” މިއީ އދ.ދަނގެތީ ބަނދަރު ހެދުމުގެ މަޝްރޫޢު ފަށްޓަވައިދެއްވުމުގެ ރަސްމިޔާތުގައި މިދިއަ އޯގަސްޓްމަހުގެ 31 ވަނަ ދުވަހުގެރޭ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުގެތެރެއިން ކުޑަ ތަންކޮޅެކެވެ.
ހދ.އަތޮޅު ރައްޔިތުންވެސް ތިބީ އަތޮޅުގައި ރިސޯޓެއް ހުޅުވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރިސޯޓް އުފައްދަވައިދެއްވަން ވީނޫންތޯއެވެ؟ ރިސޯޓް ތަރައްޤީކުރަން ދޫކޮށްފައި އޮތް 3 ރަށް އަތޮޅުގައި އެބައޮތެވެ. އެތަންތަން ނިންމަވައިދެއްވައި ހުޅުއްވައިދެއްވަންވީ ނޫންތޯއެވެ. މިހާރު އެރަށްތައް ހިފައިގެން ތިބި ފަރާތްތަކަށް އެކަން ނުވަންޏާ އެހެން ބަޔަކަށް ދޫކުރައްވައިގެން ނަމަވެސް އެކަން ކޮށްދެއްވަންވީ ނޫންތޯއެވެ؟ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލް ހޯލްގައި 11 އޯގަސްޓް 2013 ވަނަ ދުވަހުގެރޭ ވިދާޅުވި ފަދައިން ވައިކަރަމުރައިދޫގައިވެސް ރިސޯޓެއް ތަރައްޤީކޮށްދެއްވަންވީ ނޫންތޯއެވެ؟
ނޯޓް: މިއީ މިހާރު ކުރިއަށްދާ މީޑިއާތަކުގެ ކެމްޕެއިން ”ހދ ފަތުރުވެރިކަމަށް ދަހިވެފައި” ގައި ބައިވެރިވާ ހުރިހާ މީޑިއާއެއްގައި ލިއަމުން ދާ ސިލްސިލާގެ ލިޔުމެކެވެ.