އުމުރުން އެންމެ 9 އަހަރުގެ ހދ. ކުޅުދުއްފުށީ ފަސްތަރި،އަހުމަދު އަތޫފް މުހައްމަދަކީ ގިނަ ގޮތްގޮތުން ފާހަގަ ކޮށްލެވޭ ދަރިވަރެކެވެ. އަތޫފް ވަނީ ތުއްތު އިރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ރޮގުން ފާހަގަ ކޮށްލެވޭ ރަން ވަނަތަކެއް ހޯދާފައެވެ.
މިހާރު ގްރޭޑް 3 ގައި ކިޔަވަމުން އަންނަ އަތޫފަކީ އޭނާގެ ކިޔެވުގެ ހަޔާތުގައި މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، ބައިވެރިވި ގިނަ މުބާރާތްތަކުން އެތަކެއް ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. އެގޮތުން ފާހަގަ ކޮށްލެވެނީ އެންމެ ފަހުން އެމްއެންޑީއެފުން ބޭއްވި މަދަހަ ކިއުމުގެ މުބާރާތުން އަތޫފް ހޯދަފައިވާ ކާމިޔާބެވެ. 171 ކުއްޖަކާ ވާދަކޮށް އަތޫފް ވަނީ މުޅި މުބާރާތުން 2 ވަނަ ހޯދާފައެވެ. އަދި އޭގެ އިތުރުން މި މަދަހަ މުބާރާތުން ގްރޭޑް 3،4،5 ގެ ކެޓަގަރީން އަތޫފް ވަނީ އެއްވަނަ ހޯދާފަ އެވެ.
ބޮޑުވެގެން ޑޮކްޓަރަކަށް ވާ ހިތްވާ އަތޫފް އެންމެ އުފާވި ދުވަހަކީ ވެސް މަދަހަ މުބާރާތުން 2 ވަނަ ލިބުނު ދުވަހެވެ.
“އެދުވަހު އެންމެ އުފާވީ އަޅުގަނޑަށްވުރެ ބޮޑެތި ކުދިންނާ ވާދަކޮށް 2 ވަނަ ލިބުނީމަ” އަތޫފް ބުންޏެވެ.
އެމްއެންޑީއެފްއިން ބޭއްވި މަދަހަ ކިޔުމުގެ މުބާރާތުން 2 ވަނަ ހޯދުމުން އަތޫފަށް ޓްރޮފީ ހަވާލުކޮށްދެނީ
މަދަހަ ކިއުމުގެ އިތުރުން އަތޫފަކީ މޮޅަށް ޤުރުއާން ކިޔަވާ ކުއްޖެއްކަން ވެސް ފާހަގަކޮށްލެވެ އެވެ. އަދި މިހާތަނަށް އަތޫފް ބައިވެރިވި މުބާރާތްތަކުން ފާހަގަކޮށްލެވޭ ކާމިޔަބީތަކެއް ވަނީ ހާސިލްކޮށްފަ އެވެ. އެގޮތުން އިރުމަތި އަވަށު ޕްރީ ސްކޫލުން 2010 ވަނަ އަހަރު އިންތިޒާމް ކޮށްގެން ބޭއްވި ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުން ވަނީ އެއްވަނަ ހޯދާފަ އެވެ. އަދި 2011 ވަނަ އަހަރު އެ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ތުއްތު ކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރަތުން ވެސް އަތޫފް ވަނީ އެއްވަނަ ހޯދާފަ އެވެ. އޭގެ އިތުރުން އެ މުބާރާތުން 5 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ވެސް ލިބުނީ އަތޫފަށެވެ.
ޖެހިގެން އައި 2012 ވަނަ އަހަރު ހދ. އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ތުއްތު ކުދިންގެ ޤުރުއާން މުބާރާތުން 7 އަހަރުން ދަށުގެ ނުބަލައި ކިޔެވުމުގެ ގޮފިންނާއި މުޅި މުބާރާތުން ވެސް އަތޫފް ވަނީ އެއްވަނަ ހާސިލްކޮށްފަ އެވެ. އަތޫފް ބުނިގޮތުގައި މަދަހައަށް ވުރެ ބޮޑަށް ކިޔާހިތްވަނީ ނުވަތަ ކިޔަވާހިތްވަނީ ޤުރުއާނެވެ.
އަތޫފްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޤުރުއާން ހިތު ދަސްކުރުމެވެ. އަތޫފް ރީތިކޮށް ރާގަށް ކިޔަވަން ދަސްކުރީ ޤާރީންގެ ކިޔެވުންތަކުގެ އަޑުއަހައިގެންނެވެ.
“އެންމެ ގިނައިން އަޑު އަހަނީ ކޮމްޕިއުޓަރުން ޖަހައިގެން. ދެން ޓީވީން ވެސް އަޑު އަހަން. އެ ގޮތަށް ރީތިކޮށް ކިޔަން ދަސްކުރީ” އަތޫފް ބުންޏެވެ.
އަތޫފް މިހާތަނަން ހޯދި ބައެއް ކާމިޔާބީ ތަކާ އެކު
އަތޫފް އެންމެ ފަހުން ހޯދި ކާމިޔާބީ ތަކަށް ބަލާއިރު 2013 ވަނަ އަހަރު ހދ އަތޮޅު އަތުލީމީ މަރުކަޒުން އިންތިޒާމް ކޮށްގެން ބޭއްވި ޤުރުއާން މުބާރާތުން 7 އަހަރުން ދަށުގެ އުމުރު ފުރާއިން އަތޫފް ވަނީ އެއްވަނަ ހޯދާފައެވެ. އަދި މި އަހަރު އެ ސްކޫލުން އިންތިޒާމް ކޮށްގެން ބޭއްވި ޤުރުއަން މުބާރާތުންވެސް އަތޫފް ވަނީ ނުބަލައި ކިއުމުގެ ގޮފިން މުޅި މުބާރާތުން 2 ވަނަ ހޯދާފަ އެވެ.
އޭގެއިތުރުން ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މި އަހަރު ކުރިއަށް ގެންދިޔަ އަތޮޅު ޤުރުއާން ކިޔެވުމުގެ މުބާރާތުން އެންމެ މޮޅު 15 ދަރިވަރުންގެ ތެރޭގައި ހިމެނި، 2014 ވަނަ އަހަރު ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ވާދަކުރުމަށް މާލޭގައި ކިޔެވުމަށް ކުޅުދުއްފުށިން ހޮވުނު ދެ ދަރިވަރުންގެ ތެރޭގައި ވެސް އަތޫފް ހިމެނެއެވެ.
ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިކަން ހުންނަ އަތޫފް ބުނީ ޤުރުއާން ކިޔެވަމަށްޓަކައި އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ އިތުރުން މުދައްރިސުންގެ ފަރާތުން ކަމަށާއި އަތޫފަށް އެހީތެރިވި އެންމެނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ހދ. އަތޮޅު ގުރުއާން ކިޔެވުމުގެ މުބަރާތުން ގަދަ ފަނަރަށް އަތޫފް ހޮވުމުން އަތޮޅު ކައުންސިލުން އިނާމް ހަވާލުކޮށްދެނީ
އަތޫފްގެ އުޅުމާ ބެހޭގޮތުން އަތޫފްގެ ބައްޕަ ބުނީ އަތޫފަކީ ކަންކަމާ ކެރިގެން ކުރިމަތިލާ ކުއްޖެއް ކަމަށާއި ކަންކަން ވަރަށް ފަސޭހައިން ނަގައި ގަންނަ ކުއްޖެއް ކަމަށެވެ. އެގޮތުން އެންމެ ހާއްސަ ކަމަކަށް ފާހަގަކޮށް ބުނީ އަތޫފް އަކީ ފަސޭހައިން އެއްޗެހި ހިތުދަސްކޮށްލާ ކުއްޖެއް ކަމަށެވެ.
“ވަރަށް އަވަހަށް އަތޫފް އެއްޗެހި ހިތުދަސްކޮށްލާނެ. މާ ގިނަ ފަހަރަކު ކިޔާކަށް ނުޖެހޭނެ” އަތޫފް ގެ ބައްޕަ މުހައްމަދު އަތޫފާބެހޭގޮތުން ކިޔައިދިނެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަހުމަދު އަތޫފް މުހައްމަދަކީ ހުނަރުވެރި އަދި އެހެން ދަރިވަރުންނަށް ނަމޫނާ ކުއްޖެކެވެ. ތުއްތު އިރުން ފެށިގެން އަތޫފް ހޯދަފައިވާ ބޮޑެތި ކާމިޔާބީ ތަކަކީ ކުރިއަށްއޮތް ދުވަސްތަކުގައި އިތުރު ކުރިއެރުންތަކަކަށް ވާސިލްކޮށްދޭނެ ފަދަ ކާމިޔަބީ ތަކެކެވެ. ބޭނުންވަނީ ވަރުގަދަ އަޒުމަކާއެކު ގަދައަޅައި މަސައްކަތްކުރުމުވެ.
[yass cats=137]