twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީގެ މަގުހެދުން “ބަރަވެލި ދުވެލީގައި”

Oct 5, 2014

2010 ވަނަ އަހަރު އޯގަސްޓް މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިފްތިތާހު ކުރި ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫއު ވަނީ ސިޔާސީ ކުޅިގަނޑަކަށްވެ މިހާރު ހިނގަމުންދަނީ “ބަރަވެލި ދުވެލީގައި” ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ  އެވެ.

ރައީސް ނަޝީދުގެ ސަރުކާރުން މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ފެށޭތާ ހައެއްކަ މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވީ ނަމަވެސް އޭގެ އަހަރެއްވިއިރުވެސް މަސައްކަތް ނުނިމިއޮއްވާ އެ ވެރިކަން ވެއްޓި ކުޅުދުއްފުށީ އަމީނީ މަގު ހެދުމުގެ މަޝްރޫއަށް ހުއްޓުމެއް އައިސްފައި ވަނިކޮށް ރައީސް ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތިން އަހަރު ފަހުން މަގުގައި ގައު އެޅުމުގެ ބަދަލުގައި ތާރުއަޅާ އަމީނީ މަގު ނިންމާފަ އެވެ.

އަމީނީ މަގު ހުޅުވިގެންދިޔަ ދުވަސް ވެގެން ދިޔައީ ކުޅުދުއްފުށީ ރައްޔިތުންނަށް އިތުރު ތަރައްގީއެއް ލިބިގެންދިޔަ ދުވަހަކަށެވެ. ބޮޑު ބެރު ޝޯއަކާއެކު ފޯރިގަދަކޮށް ކުރިއަށްދިޔަ ކުލަގަދަ ރަސްމިޔާތުގައި ރައީސް ވަހީދު އަމީނީމަގު ހުޅުވުމުގެ ގޮތުން ދަމާފައިވާ ރިބަންފަށް ކަނޑާލަދެއްވި އިރު ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުން ރައީސް ވަހީދަށް ރަމްޒީގޮތުން “ކުޅުދުއްފުށީ ތަރައްގީގެ ތަޅުދަނޑި” އެއް އެރުވި އެވެ. ނަމަވެސް މި ރަސްމިޔާތު އެހާ ކުލަގަދަކޮށް ބޭއްވިއިރު އަލަށް ތާރުއެޅި އަމީނީމަގުގައި ހަދާފައިވާ ވެހިކަލް ޕާކް ކުރާ ބައެއް ތަންތަނުގައި ގައު އަތުރާފަ އެއް ނުވެ އެވެ. އަދި އަމީނީމަގުގައި އެޅި ތާރުގައި ބޮޑެތި ރެނދުތަކެއް ލައި ފަޅައިގެން ގޮސްފައިކަންވެސް ފާހަގަކޮށްލެވެ އެވެ. އަދިއަދަދަށްވެސް އެ ތަންތާ ގައު އެތުރިފައެއް ނުވެ އެވެ.

އެ ރަސްމިޔާތުގައި ރައީސް ވަހީދު ވިދާޅުވީ ކުޅުދުއްފުށީ ބަންޑާރަމަގުގެ މަސައްކަތް އޭގެ އަނެއް ދުވަހު ފެށޭނެކަމަށާއި އަދި ކުޅުދުއްފުށީގެ ހުރިހާ މަގެއް ވެސް ރަނގަޅު ފެންވަރަކަށް ހަދާނެކަމަށެވެ.

ނަމަވެސް 720 މީޓަރުގެ ބަންޑާރަމަގު ހެދުމުގެ އަމަލީ މަސައްކަތް ފެށިފައިވަނީ މި އަހަރުގެ މާރޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ ރައްޔިތުންގެ މަޖިސް މެމްބަރުން ހޮވަން އިންތިހާބު ބޯމަތިވެފައިވާ ދުވަސްކޮޅެއްކަން ފާހަގަކޮށްލެވެ އެވެ. އެދުވަހު ކުރިއަށްގެންދިޔައީ ޕޭމެންޓުގައި ގައު އެތުރުމުގެ މަސައްކަތެވެ. އެ އެތުރި ގައުތައްވެސް ނަގާފައިވާއިރު ބަންޑާރަ މަގު ހެދުމުގެ މަސައްކަތް ހުއްޓިފައިވާތާ މިހާރު ވަނީ ގިނަ މަސްތަކެއްވެފަ އެވެ. ދެން އެ މަސައްކަތް އަލުން ފަށާނެ ދުވަހެއްވެސް އެނގޭ ފަރާތެއް ނެތެވެ.

މި ނޫހާ ވާހަކަ ދައްކަވަމުން އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމް އެންމެފަހުން ވިދާޅުވީ މަސައްކަތް ހުއްޓިފައިވަނީ މެޝިނަރީ އާއި ސާމާނުތައް ހަލާކުވެގެން ކަމަށެވެ. އަދި އެފަދަ ތަކެތި މަރާމާތުކުރުމަށް ބޭނުންވާ އެއްޗެހި ރާއްޖެއިން ލިބެން ނެތުމުން މިތަކެތީގެ ސްޕެއަރ ޕާރޓްސް ބޭރުން ގެނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ނަޒީމް ވިދާޅުވި އެވެ.

ހަފުތާއެއްގެ ތެރޭގައި އެ ތަކެތި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެ ތަކެތި ލިބުނުހާ އަވަހަކަށް މަސައްކަތް އަލުން ފަށާނެ ކަމަށް ވެސް ނަޒީމް ވިދާޅުވި އެވެ. އެ ވިދާޅުވި ހަފުތާ ނިމިގެންގޮސް މިހާރުވަނީ އޭގެ ފަހުން ދެ މަސް ފާއިތުވެގެން ގޮސްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން އެމްއާރުޑީސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ތިން މަސް ދުވަހުގެ ތެރޭގައި މަގުގެ މަސައްކަތް ނިންމާނެ ކަމަށް އެމްއާރުޑީސީ އިން ބުނެފައިވާ ކަމަށް ކުޅުދުއްފުށި ކައުންސިލުގެ ރައީސް އަލީ މުހައްމަދު ވިދާޅުވެފައިވެ އެވެ. ނަމަވެސް ތިން މަސްވެ 6 މަސްވެގެންދިޔައިރުވެސް މަގުގެ 20 ޕަސެންޓްވެސް މި ވަނީ ނުނިމި އެވެ.

ކުޅުދުއްފުށީގައި ތާރު އަޅައިގެން ރަނގަޅު ފެންވަރަކަށް ހެދުމަށް ސަރުކާރުން ނިންމާފައިވާ ހުރިހާ މަގެއް މި އަހަރު ނިމުމުގެ ކުރިން ހަދާ ނިންމާލެވޭނެ ކަމަށް އެމްއާރުޑީސީ އިން ކުރިން ބުނެފައިވެ އެވެ.

ތާރު އަޅައިގެން ރަގަޅު ފެންވަރަކަށް ހަދަން ނިންމާފައިވާ ކުޅުދުއްފުށީ ބަނޑާރަމަގުގެ މަސައްކަތް “ބަރަވެލި ދުވެލީގައި”ވާއިރު ދެން ތާރުއަޅާ މި އަހަރު ތެރޭގައި ހަދާ ނިންމާނެ ކަމަށް ބުނެފައިވާ ނިކަގަސްމަގާއި މަގާމް މަގުގެ މަސައްކަތް ފެށޭނެ ދުވަހެއްވެސް ނޭނގެ އެވެ.

އަލަށް އިންތިހާބުވެފައިވާ ސަރުކާރަށް އެއް އަހަރު ފުރެން ކައިރިވެފައިވާއިރު ކުޅުދުއްފުށީގެ މަގު ހެދުމުގެ މަޝްރޫއަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން މަގު ހެދުން ކުރިއަށްދާ ދޯދިޔާ އުސޫލުން އެނގިގެންދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355