ސީމާ ޙަސަން
އަހަރެންގެ އެންމެ ގާތް އެކުވެރިޔަކީ ފޭސްބުކެވެ. މުޅި ދުވާލުދާ ހަތަރުދަމު ހޭދަވަނީ ލައިކް ޖެހުމާއި ކޮމެންޓުކުރުމުގަ އެވެ. ދުވާލަކު ދެތިން ސްޓޭޓަސްއެއް ނުޖަހާ އަހަރެންގެ ހިތެއް ނުފުރެ އެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ފޮޓޯ ބަދަލު ކުރުން އެއީ އަހަރެންގެ އުސޫލެވެ. އަހަރެން އަބަދު ފޭސް ބުކް ހާވަތީ އަހަރެންގެ ލޯބި ވެރިޔާ ޒޯޔާ ވަރަށް ޝަކުވާ ކުރެއެވެ. އަހަރެން ޝަކުވާ ކުރަނީ ޒޯޔާ ފޭސް ބުކް އެކައުންޓެއް ނުހަދާތީ އެވެ.
އެއް ރެޔަކު ފުލްމޫން ރެސްޓޯރަންޓަށް އަހަރެމެން ދިޔައީމެވެ. ޒޯޔާގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އެރޭ އޭނާ އިނީ ރަތް ކުލައިގެ ވަރަށް ރީތި ހެދުމެއް ލައިގެންނެވެ. އިސްތަށިގަނޑު ރޫޅާލާފައި ވުމުން އޭނަގެ ސޫރަޔަށް އިތުރު ފުރިހަމަ ކަމެއް ގެނުވަ އެވެ. އަހަރެންގެ ފޯނުން ފޮޓޯއެއް ނެގީމެވެ. ބޭނުންވީ ވަގުތުން ފޭސްބުކަށް ލާން ކަމަށްވިޔަސް އޭނާ އެކަމަކާ އެއްބަހެއް ނުވި އެވެ. އެކަމާ އަހަރެން ނުރުހުންވިޔަސް މޫނު މަތިން އެކަމެއް ފާޅެއް ނުކުރަމެވެ. އެހެންކަމުން ސްޓޭޓަސްއެއް ޖަހާލީމެވެ. ލޯބިވާ ޒޯޔާއާއެކު އުފަންދުވަސް ފާހަގަ ކުރަނީކަން ލިޔެލީމެވެ. އިސާހިތަކު ލައިކްތައް އަންނަން ފެށިއެވެ.
އަހަރެން ޖެހިގެން އިން ފޮޓޯއަށް ބަލާލީމެވެ. އެއީ އަމްޖަދުއާއި މަރީ ނަގާފައިވާ ސެލްފީ އެކެވެ. އެއީ ހާދަ ގުޅޭ ޖޯޑެއްކަން މީހުން ކޮމެންޓްތަކުގައި ލިޔެފައި ވެއެވެ. އަމްޖަދުގެ ލޯބިވެރިޔާ މަރީ ޖަހާފައިވަނީ “އައި ލަވް ޔޫ ބޭބް” އެވެ. އަހަރެން ހުންނަނީ މިކަހަލަ ކޮމެންޓްތަކަށް ފެން ބޮވައިގެންފަ އެވެ. އަހަރެންވެސް ބޭނުންވަނީ އަހަރެންދެކެ ލޯބިވާކަން އެންމެންނަށް ފެންނާނެހެން ޒޯޔާ ފޭސްބުކުގައި ލިޔާށެވެ. އޭރުން އަހަރެންމީ ކިހާ ކާމިޔާބު އުފާވެރި ދިރިއުޅުމެއް އުޅޭ މީހެއްކަން އެންމެންނަށްވެސް އެނގޭނެއެވެ.
ޖެހިގެން އައި ދުވަހު އަހަރެން ޒޯޔާގެޔަށް ދިޔައީމެވެ. ސަޕްރައިޒެއް އެބައޮތްކަމަށް މެސެޖަކުން ބުނުމަށްފަހު އެވެ. އެގޭ ދޮރު ހުޅުވާލުމާއެކު އޭނާ ދުވެފައި އައެވެ. އަހަރެން ހުސްއަތާ އައުމުން ޒޯޔާ ހައިރާންވިއެވެ.
“އެއޮތީ ސަޕްރައިޒް” ސިޓިންރޫމާ ދިމާއަށް ހިނގައިގަންނަމުން އަހަރެން ބުނީމެވެ.
ދިޔަގޮތަށްގޮސް ކޮންޕިއުޓަރ ހުޅުވާލާފައި ފޭސްބުކު ހޯމް ޕޭޖް ދައްކާލީމެވެ.
“ސަޕްރައިޒް” އަހަރެން ހެވިފައި ބުނީމެވެ.
“މީނީ އެކައުންޓެއް ހަދައިދީފަ. ވަރަށް ރީތި ފޮޓޯއެއްވެސް އިންނާނެ ޕީޕީގަ. ބަލާލަބަލަ.” އޭނާ ހީލީ ގަދަކަމުންނެވެ.
“އަހަރެން ކުރިންވެސް ބުނީމެއްނު މިޔަށް ވަންނަ ހިތެއް ނުވެޔޭ. ވަގުތެއް ވެސް ނުވާނެ.”
“އަޅެ އެއްފަހަރު ޓްރައި ކޮށްބަލަ. އޯކޭ ވާނޭ.” އަހަރެން އޭނާ ހިތްހަމަ ޖައްސައިދެވޭތޯބެލީމެވެ.
އަހަރެމެން އެރޭ ޗެޓްކުރަން ތިބީމެވެ. އަހަރެން އިނީ ވަރަށް އުފަލުންނެވެ. ޒޯޔާއަށް ފޭސްބުކް ކަމުދާން ފަށައިފިހެން ހީވަތީ އެވެ. އެހެންވެ އަހަރެން ސްޓޭޓަސްއެއް ޖަހާލީމެވެ.
“ފީލިންހެޕީ ވިތު ޒޯޔާ” އޭނާގެ ކޮމެންޓަކަށް އިރުކޮޅަކު އިންތިޒާރު ކޮށްލީމެވެ.
އޭނާ އެޔަށް ލައިކެއް ދިނެވެ. އަދި އަހަރެންނަށް މެސެޖްކޮށްފައި އޭނަވެސް ވަރަށް އުފާވެފައިވާކަން ބުންޏެވެ. އަހަރެން ވަރަށް ހިތްހަމަނުޖެހުނެވެ. އެއޮއް ލޯބިންޖެހި ސްޓޭޓަސްއަށް އޭނާ ކޮމެންޓް ނުކުރީމައެވެ. ކޮންމެހެން މެސެޖްކޮށްފައި އެބުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ވަރަށް ރުޅިއައެވެ.
އެރެޔެއް އެކަންޏެއްނޫނެވެ. އަހަރެން ފޭސްބުކަށް ލާ އެއްވެސް އެއްޗަކަށް އޭނާ ކޮމެންޓެއް ނުކުރެއެވެ. ލޯބީގެ ފޮނި ބަސްތަކުން އޭނާގެ “ވޯލް” ފުރާލާއިރުވެސް ލައިކް ޖަހަނީ ހާލަކުން ފަހަރަކު އެވެ. އެހެން ލޯބިވެރިންގެ ފޮޓޯތަކާއި އުފާވެރި ވަގުތު ހޭދަކުރާކަން ފޭސްބުކުން ފެންނާތީ އަހަރެން ވަރަށް ހަސަދަވެރިވަމެވެ. އަހަރެންދެކެ ލޯބިވާކަން ޒޯޔާ ހާމަނުކުރަނީ ކީއްވެ އެއްޔެވެ؟ އަހަރެން މިކަމާ ޝަކުވާކުރީމެވެ.
“ސޮރީ ޝާހިދު. އަހަރެނަށް އެއަށް ވަންނަން ވަގުތު ނުވަނީ. އެކަމަކު ޝާހިދަށް އެނގޭނުން އަހަރެން ޝާހިދު ދެކެ ކިހާ ލޯބިވާކަން. އަބަދުވެސް ބުނަމޭނުން ދޯ؟” ޒޯޔާ ހިނިތުންވެލި އެވެ. “އެންމެނަށް ފެންނާނެހެން އޭގައި ނުލިޔުނަސް އޯކޭ އޭނުން؟”
“ހުހް! ހާދަ ފޫއްސޭދޯ. މަނުހީކުރަން ތި އެހާ ފިނޑި މީހެއްކަމަށް” ޒޯޔާ އެ އުޅޭގޮތުން އަހަރެން އޭނާދެކެ ފޫހިވާން ފަށައިފި އެވެ. “ހާދަ މުސްކުޅި ހިޔާލެކޭދޯ ތިގެންނުޅެނީ. އަހަރެން ބޭނުމެއްނޫން ތިހާ ކަޓު ހިޔާލެއްގެ މީހަކާއެކު އެޅޭކަށް” އޭނާއަށް އެއްވެސް އެއްޗެއް ނުބުނެވެނީސް އަހަރެން އެތަނުންދިޔައީމެވެ.
އެކަންތައް އެނީމުނީ އެވެ. އޭގެފަހުން ޒޯޔާއަކާ ވާހަކައެއް ނުދައްކަމެވެ. ބައްދަލެއްވެސް ނުވެއެވެ. އޭނާ މަތިން ހަނދާން ނައްތާލާފައި އަހަރެން އަހަރެން އަނެއްކާވެސް ކުއްޖަކާ ރައްޓެހިވީމެވެ. ފޭސްބުކުން ޗެޓްކުރާ ކުއްޖެކެވެ. ކޮންމެ ރެއަކު ވަރަށް ލަސްވާދެން ދެމީހުން ޗެޓްކުރަން ތިބުމުން ލޯބިން ދެހިތް ގުޅިއްޖެވެ.
ޒޯޔާއަށްވުރެ މައިޝާ ހާސްބައި ތަފާތެވެ. އަހަރެންނާ އަބަދު ޗެޓްކުރެއެވެ. އޭނާ ލިޔާ ގިނަ ސްޓޭޓަސްތަކުގައި އަހަރެން ޓެގް ކޮށްފައި ހުރެއެވެ. ލާ ކޮންމެ ފޮޓޯއެއްގައި ލޯބީގެ ކޮންމެވެސް މެސެޖެއް އަހަންނަށްޓަކައި ހިމަނާލައެވެ. އަހަރެންމަތިން ހަނދާންވާކަން ފޭސްބުކްގައި ވަރަށް ގިނައިން ލިޔެއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެންދެކެ އެހާ ލޯބިވާ ކުއްޖަކު ލިބުމުންނެވެ.
އަހަރެން ބޭނުންވީ ގިނަ ދުވަސްނުކޮށް ކައިވެނި ކުރާށެވެ. މައިޝާ ވެސް އެގޮތައް އެއްބަސް ވިއެވެ. އަހަރެންގެ ދިރިއުޅުން ބާއްޖަވެރިކަން މިހާރު މީހުންނަށް އެނގޭނެއެވެ. ކައިވެނި ކުރިފަހުން އެކުގައި މާގިނަ ފޮޓޯ ނަގަމެވެ. އަހަރެން ހުންނަނީ ވަރަށް ފޮނިވެފައެވެ. އެހެންނަމަވެސް މިހާރަކަށް އައިސް މައިޝާ ފޭސްބުކަށް ވަންނަލެއް މަދުވެއްޖެއެވެ. ގޭތެރޭގެ މަސައްކަތުގައި ބުރަކޮށް އުޅޭތީ އެވެ. އަހަރެންގެ އުޅުމަކަށް ބަދަލެއް ނާދެއެވެ. ދެވިހިފާފައި ހުރިކަމެއް ހުއްޓާލަން އުދަނގުވާނެ ނޫންހެއްޔެވެ؟
ޒަވާޖީ ހަޔާތުގެ ދުވަސްތައް ވޭތުވަމުން ދެއެވެ. އެއްދުވަހެއްގެ ހަވީރެއްގެ ވަގުތެވެ. އަހަރެން އިނީ ސިޓިން ރޫމްގައި ޓީވީ ބަލާށެވެ. ނޫކުލައިގެ ވަރަށް ރީތި ހެދުމެއް ލައިގެން އައިސް މައިޝާ އަހަރެން ކުރިމަތީ އެނބުރިލިއެވެ.
“ރީތި ދޯ” އޭނަ ހެވި ދިއްލިފައި ބުންޏެވެ.
“އޭ މަޑުކޮށްބަލަ. ވާއޮ. ތިހާ ސަޅި ހެދުމެއް ޖެހޭނެ ފޮޓޯ ނަގަން.” އެހެންބުނެފައި އަހަރެން ފޮޓޯއެއް ނަގާ ފޭސްބުކަށް އަޕްލޯޑު ކޮށްލީމެވެ. ހަމަ ލުމާއެކު މައިޝާގެ ރައްޓެއްސެއް ކޮމެންޓް ކުރިއެވެ. މައިޝާއަށް ކޮމެންޓް ދައްކާލީމެވެ.
“ހެހެހެ. ބަލާބަލަ. ސަމާ ބުނީ ވައްތަރީ ދިޕިކާ އެއްކަލަ ފިލްމުގައި…..” އަހަރެން ޖުމްލަ ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް މައިޝާ ފޯނުން އަތުލާފައި ހޫރާލިއެވެ.
“ކިހާ ދެރަކަމެއްމީ! ބޮޑުވަރުދޯމި! ތި ފޯނުން އަތްދޫކޮށެއް ނުލެވޭތަ އެންމެ ހިނދުކޮޅަކުންވެސް. އެހެންމީހެއްގެ ކޮމެންޓެއްގެ ކުރިން އަހަރެންބޭނުމީ ޝާހިދު ދެކޭގޮތޭ! އެއްފަހަރުވެސް އަހަރެންނާ ދިމާއަށް ބަލާލަބަލަ. ގައިމު ފޯނަކަށްވުރެ ސިފަ ހުތުރެއްނުވާނެ!” އޭނާ ރުޅިއައިސްފައި ފަތިވަރު އަމުނާލީމެވެ.
އަހަރެން ވަރަށް ހައިރާންވި އެވެ. “އޭ ހަމަޖެހިބަލަ، ހެދުން ރީތި ކަމުންގޮސްދޯ ފޮޓޯ ނަގާ ހިތްމިވީ. ރުޅިއަންނަވަރުގެ ކަމެއް ނުވެޔޭނުން”
“އާރރހް! މިހިރަ ހިލަގަނޑަކަށް ހަމަ އެކައްޗެއްވެސް ނުވިސްނޭނީތަ؟” އޭނާގެ ރުޅިގަނޑު ދިޔައީ ހައްތަހާ ގަދަ ވަމުންނެވެ. ކާން އިނަސް، އެކީގައި ފިލްބަލަން އިނަސް، އެނޫންކަމެއް ކުރަން އިނަސް، ޝާހިދަކަށް ފޯނާ ނުލައި ނޭވަލެވޭކަމަކަށް ނުވޭ! އަބަދު އިންނަނީ ފޭސްބުކަކާގެން މޮޔަވެފަ. ވަރަށް ފޫހިވޭ!” މައިޝާ ގޮސް ކޮޓަރީގެ ދޮރުޖެހިއެވެ.
އެ ދުވަހަށް ފަހު އޭނަ ހުންނަނީ ތުން ދަމައިންގެންނެވެ. މައިޝާ ހިތްހަމަ ޖައްސައިދިނުމަށް ދެމީހުން އެކީ ރިސޯޓަކަށް ދާން ރޭވީމެވެ. އެހެންނަމަވެސް، ކަންތައް ދިމާކުރިގޮތުން ކުއްލިޔަކަށް އޮފީސް ދަތުރެއްގައި ލަންކާއަށް ދާންޖެހުނެވެ. އެދަތުރުން ރެކެވެން ނެތުމުން އަހަރެންނަށް މަޖްބޫރުވީ ދާށެވެ.
“ދެހަފްތާ ކޮށްފަ އަންނާނަން އިނގޭ ކޮންމެހެން ދާންނުޖެހޭނަމަ ނުވެސް ދިޔައީމުސް. ހަމަ އަންނަގޮތަށް އައިސް ރިސޯޓަށް ދާން ފުރާނީ އިނގޭ” އޭނާގެ މޫނުމަތިން ހިނިތުންވުމެއް ގެނުވަން ވަރަށް މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަދިވެސް ހުންނަނީ ރުޅި އައިސްފައެވެ. އަހަރެން އަނަންވާއިރަށް ހަމަޔަކަށް ހަމަޔަކަށް އެޅޭނެކަން އެނގެއެވެ.
ނަސީބު ދިމާކުރިގޮތުން ކުރަންދިޔަ މަސައްކަތް އެއްހަފްތާ ތެރޭ ނިމުނެވެ. އިންތިޒާރުގެ ދުވަސްތައް ކުރުވުމުން މައިޝާ ވަރަށް އުފާވާނެކަން ޔަގީނެވެ. އޭނާގާތު ނުބުނެ ދާން އަހަރެން ބޭނުންވިއެވެ. ވިއްސާރަ މޫސުމުގެ ސަބަބުން މާލެއާ ހަމަޔަށް ފޯރީ ރޭގަނޑު ވަރަށް ލަސްވިފަހުނެވެ. ގެޔަށް ގޮސް ގެޔަށް ވަންނަން ބަލާލިއިރު އެޕާޓްމެންޓް ބޭރުގައި އެހެންމީހެއްގެ ފައިވާނެއްވެސް ހުއްޓެވެ. މައިޝާ ހޭލާ އުޅޭތީ އަހަރެން ހިތްހަމަޖެހުނެވެ.
ދޮރުގައި ހިފާލިއިރު ދޮރު ތަޅުލާފައި ހުރުމުން އަހަރެން ހައިރާންވިއެވެ. އަހަރެން އަތުގައި އޮތް ތަޅުދަނޑިން ދޮރު ހުޅުވީމެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން ހައިރާންކަން ދިޔައީ ބޮޑުވަމުންނެވެ. އަހަރެން ހީކުރީ ރައްޓެއްސަކާއެކު މައިޝާ ސިޓިންރޫމްގައި ތިބޭނެކަމަށެވެ. ކޮސްވެފައިހުރެ ގޮސް ކޮޓަރީ ދޮރު ހުޅުވާލީމެވެ.
ފެނުނު ހުތުރު މަންޒަރުގެ ސަބަބުން އަހަރެންގެ މޭގަނޑު ހީވީ އަނގަޔަށް އައި އެހެންނެވެ. އަހަރެންގެ އަނބިމީހާއާއެކު އެއޮތީ އަހަރެން މީގެކުރިން ދެކެފައިވެސް ނުވާ ފިރިހެނެކެވެ. އަހަރެން ދަތް ކުނޑި ވިކާލީމެވެ. އައި ރުޅީގައި އެފިރިހެނާ ދަމާ ގެއިން ނެރެލީމެވެ.
މައިޝާދެކެ ރުޅިއެއް ނާދެވުނެވެ. މިކަން މިހާ ހަމަޔަށް މިދިޔައީ ހަމަ އަހަރެންގެ ސަބަބުންނެވެ.އަހަރެންގެ ކައިވެނި ރޫޅުމަކަށް މިއައީ ހަމަ އަހަރެންގެ އިހުމާލުންނެވެ. މައިޝާއަށް ދޭންވީ ވަރަށް ލޯތްބާއި، އަޅާލުން ނުދެވުނީމައެވެ. އޭނާއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އަހަރެންނަށް ސަމާލުކަންދެވުނީ ފޭސްބުކަށެވެ. އަހަރެންނަށް ފޭސްބުކް މާ މުހިއްމު ވީއެވެ. އަހަރެންގެ ހެޔޮ އެދޭ އަނބިމީހާއަށްވުރެ ބޮޑަށް ފޭސްބުކަށް ކުރާ ލޯބި ބޮޑުވީ އެވެ.
ނޯޓް: މިއީ “ކުޅުދުއްފުށި އޮންލައިން” ގެ 4 ވަނަ ކުރުވާހަކަ މުބާރާތުގައި ހޮވާލެވުނު އެންމެ މޮޅު 15 ވާހަކައިގެ ތެރޭގައި ހިމެނޭ ވާހަކަ އެކެވެ. ވާހަކަ މުބާރާތުގެ ނަތީޖާ ފާޅުކުރާނީ ހުރިހާ ވާހަކައެއް ޝާއިއުކޮށް ނިމުމުންނެވެ. މި ވާހަކަ ލިޔެފައިވަނީ ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ބީ ގެ ސީމާ ޙަސަން އެވެ.