twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ އެއާޕޯޓް – ހަމައެކަނި ކެމްޕެއިން ސްޓަންޓެއްބާ؟

Oct 11, 2014

ކުޅުދުއްފުށީގެ އެތައް ރައްޔިތުންނެއްގެ ހުވަފެނަކަށް ވެފައިވާ އަދި އެކަމަކަށްޓަކައި އަދުގެ ސަރުކާރު ހޮވުމަށް ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ޒުވާނުންނާއި ހަރު މީހުން ވޯޓްދިން ކުޅުދުއްފުށި އެއާޕޯޓުގެ މަސައްކަތް ނުފެށި ދިގުދެމިގެންގޮސް އެއީ ހަގީގަތަކަށް ވާނެ ކަމެއް ކަމާމެދު މިހާރު މިވަނީ ސުވާލު އުފެދިފަ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 11 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރައްވާ އޭރުގެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އަބްދު ﷲ ޔާމީން ވިދާޅުވީ ކުޅުދުއްފުއްޓަކީ ޕީޕީއެމްގެ ސަރުކާރެއްގައި އުތުރުގެ ސަރަހައްދީ ތަރައްގީގެ ނާރެހަކަށް ހައްދަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ސަރުކާރުގެ ފުރަތަމަ 24 މަސް ދުވަސް ފާއިތުވާ އިރު ޑޮމެސްޓިކް އެއާޕޯޓެއް ކުޅުދުއްފުށީގައި އޮންނާނެ ކަމަށް ޔާމީން ވައުދުވެ ވަޑައިގެންނެވި އެވެ.

“ކުޅުދުއްފުއްޓަކީ 20،000ގެ އާބާދީއެއް ހިފަހައްޓާލުމުގެ ހަކަތަ އާއި ފަންވަރު ހުރި ރަށެއް. އަދި ކުޅުދުއްފުށީގައި މިއޮތީ އެކުވެރި ރައްޔިތެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ވިސްނަނީ ކުޅުދުއްފުއްޓަކީ އުތުރުގެ ސަރަހައްދުގެ އަދި މުޅި ރާއްޖެއަށް ބެލި ނަމަވެސް މާލެ ނަގާފައި ދެ ރަށް ތަރައްގީގެ ސަރަހައްދީ ނާރެހަށް ހަދާ ކަމަށްވަންޏާ ކުޅުދުއްފުއްޓަކީ އޭގެ އެއްރަށް.” — ރައީސް ޔާމީން، 11 އޯގަސްޓް 2013.

ނަމަވެސް މިއަންނަ މަހު މި ސަރުކާރަށް އަހަރެއް ފުރެން ބަރާބަރު އެއްމަސް ދުވަހަށް ވީއިރު ކުޅުދުއްފުށި އެއާޕޯޓްގެ އަމަލީ މަސައްކަތް މިވަނީ އަދި ނުފެށި އެވެ. އަދި ސަރުކާރުން އެކަމަށް މާބޮޑު ސަމާލުކަމެއްދޭ ތަނެއްވެސް ނުފެނެ އެވެ. ސުވާލަކީ ކުރިއަށް މިއޮތް 13 މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ އެވައުދު ފުއްދޭނެ ކަމާމެދު ކުރެވޭ ސުވާލެވެ.

އެސްއީޒެޑް ބިލް ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްފައިވާއިރު ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބުރިޖާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދަވަނީ ބާރު ސްޕީޑްގަ އެވެ. އަދި އެ މަޝްރޫއުތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ ދައްކާ ސަރުކާރުން ފޫއްސެއްވެސް ނުވެ އެވެ. ނަމަވެސް ކުޅުދުއްފުށި އެއާޕޯޓްގެ މަޝްރޫއުގެ ވާހަކަ ރައީސް ޔާމީން ނުދައްކަވާއިރު ސަރުކާރުގެ އެއްވެސް ފަރާތަކުން އެކަމަށް ސަމާލުކަމެއްދޭ ތަނެއް ނުފެނެ އެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފިވާއިރު އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތަކުން ބިޑް ހުށައެޅުމަށް ހުޅުވާލައި އެއާޕޯޓް އެޅުމަށް ބިމުގައި ޖާގަ އޮތްވަރު ބެލުމަށް ސާރވޭއެއް އެ 100 ދުވަހު ތެރޭގައިވަނީ ކޮށްފަ އެވެ.

ކުޅުދުއްފުށި އޮންލައިން އަށް ކުރިން ދެއްވި ބަސްދީގަތުމެއްގައި ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވެފައިވަނީ އެއާޕޯޓްގެ ކޮންސެޕްޓް ޑިޒައިން ކުރެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭގެ އިތުރުން ފީސިބިލިޓީ ޓެސްޓުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމަށް މިހާރު ވެސް ތިން ލޮކޭޝަނެއް ބަލާފައިވާ ކަމަށާއި އެއާޕޯޓް އެޅުމަށް ބިމުގެ ޖާގަ ކުޅުދުއްފުށިން ލިބޭނެ ކަމަށް މިއަހަރުގެ ޖެނުއަރީ 6 ގައި ސާމީ އަގީލް ވިދާޅުވެފައިވެ އެވެ.

އެއާޕޯޓް ހަދާ ފަރާތަކަށް ބަދަލުގައި ރިސޯޓެއް ތަރައްގީކުރުމަށްދޭން ނިންމާފައިވާއިރު އެއާޕޯޓް އެޅުމަށް ނިންމާފައިވަނީ ކުޅުދުއްފުށީގެ އުތުރު ކޮޅުގެ ކުޅީގެ ބައެއް ހިއްކައިގެން ކަމަށާއި ހިއްކާނީ ކުޅި އެއްކޮށްތޯ ނުވަތަ ކުޅީގެ ބައެއް ތޯ އަދި ނުނިމޭ ކަމަށާއި އެކަމަށްޓަކައި ހޯދަންޖެހޭ ހުރިހާ ހުއްދަ ތަކެއް ހޯދާނެ ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވެފައިވެ އެވެ.

ނަމަވެސް ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ކުޅުދުއްފުށީ އޮންލައިނަށް ކުރިން ދެއްވާފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެއާޕޯޓް އެޅުމަށްޓަކައި ކުޅުދުއްފުށީގެ ކުޅި ހިއްކަން ނުޖެހޭނެ ކަމަށެވެ.

ކުޅުދުއްފުށި ތަރައްގީކުރުމުގެ ވާހަކަ ޕީޕީއެމުން ދައްކަނީ އޮޅުވާލައިގެން ރައްޔިތުންގެ ވޯޓު ހޯދަން ނޫން ކަމަށާއި ވަރަށް ގިނަ ވިސްނުންތަކަކާއި ޕްލޭންތަކެއްގެ މައްޗަށް ކަމަށް އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން ވިދާޅުވެފަ އެވެ.

“އަޅުގަނޑުމެންގެ ވައުދުތައް ވަމުން މިދަނީ ތައުލީމީ ގިނަ ބޭފުޅުންތަކެއްގެ ދިރާސާއާއެކު” މައުމޫން ކުޅުދުއްފުށީ ރައްޔިތުންނަށް ބައްދަލުކުރައްވާ ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް ކަންތައްތައް ވަމުންދާ ގޮތުންނާއި ހިނގަމުންދާ އުސޫލުން ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމުގެ މަޝްރޫއަކީ މާބޮޑު ޕްލޭނެއް ކުރެވި ވެފައިވާ ވައުދެއް ނޫންކަމަށް މިހާރު ވަނީ ބެލެވެން ފަށާފަ އެވެ.

އެއާޕޯޓަށް ބިޑް ހުށައެޅުމުގެ ފުރުސަތު މިދިޔަ ޖޫން މަހު ހަމަވެފައިވާއިރު ބިޑް ހުށައެޅި ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައި ނުވެ އެވެ. އެ މައުލޫމާތު ހޯދުމަށް މި ނޫހުން ކުރި މަސައްކަތްވެސް ވަނީ ރީޖަނަލް އެއާޕޯޓްސް އިން ފުރަގަސް ދީފައެވެ. ހުރިހާ ދިމާލަކުން ވެސް އަޅުގަނޑުމެންނަށް ފެނިގެންދަނީ ކުޅުދުއްފުށީ އެއާޕޯޓާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ފަސްޖެހޭތަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355