މި ދުވަސް ކޮޅަކީ ގިނަ އަދަދެއްގެ ދަރިވަރުން އިމްތިހާން ހަދަމުންދާ ދުވަސް ކޮޅެކެވެ. އޯލެވެލް އިމްތިހާން ގިނަ ދަރިވަރުންނަށް ފެށިފައިވާއިރު ދަށް ގުރޭޑްތަކުގެ ދަރިވަރުން ދަނީ މި އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރުވަމުންނެވެ. މި ދުވަސްވަރު ކިޔެވުމަށްދޭ ސަމާލުކަން ބޮޑުވުމުގެ ސަބަބުން ގިނަ ދަރިވަރުންނަށް ކެއުމަށް ފަރުވާ ކުޑަކޮށްލެވެ އެވެ. ނަމަވެސް މި ވަގުތަކީ ކެއުމަށް އެންމެ ބަލައިގެން އުޅެންޖެހޭނެ ވަގުތެވެ. ސަބަބަކީ ކެވޭ އެއްޗެއްގެ ސަބަބުން ތިމާގެ ވިސްނުމުގެ ބާރު ގަދަވެ ސިކުނޑި މަސައްކަތް ކުރާލެއް އަވަސްވެ އެވެ.
އެހެންކަމުން އިމްތިހާނަށް ދިއުމުގެ ކުރިން ކާލަން އެންމެ ރަނގަޅީ ކޮންއެއްޗެއްކަން އެނގުން މުހިންމެވެ.
ގްރީން ޓީ
ގްރީން ޓީ އަކީ ބިރާއި ހާސްވުން ކަނޑުވާލާ ސިކުނޑިއަށް އެތަކެއް ފައިދާއެއް ކުރުވާ އެއްޗެކެވެ. ގްރީން ޓީގައި ހިމެނޭ ހިތި ރަހައެއްދޭ މާއްދާއެއްގެ ސަބަބުން މީހާ “ޕޮސިޓިވް މެންޓަލް ސްޓޭޓް”އެއް ގައި ހުރުމަށް އެހީތެރިވެދެ އެވެ. އަދި ސިކުނޑި ރައްކާތެރިކޮށްދެ އެވެ.
ބިސް
ބިހަކީ ވިސްނުމުގެ ބާރުގަދަ ކޮށްދޭ ގިނަ އަދަދެއްގެ ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ބިހުގެ ގޮބޯޅީގައި އެކުލެވޭ ވިޓަމިން ބީ ގިނަ އަދަދަކަށް ހިމެނޭ މާއްދާއެއްގެ ސަބަބުން ވިސްނުމުގެ ބާރުގަދަ ކޮށްދެ އެވެ.
ޑާކް ޗޮކްލެޓް
ގިނަ ބަޔަކު ދެކޭ ގޮތުގައި ޗޮކްލެޓަކީ ހަށިގަނޑަށް ފައިދާ ކުރުވާ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ޑާކް ޗޮކްލެޓް ކޮޅެއް ހަފުތާއަކު 3 ފަހަރު ކާލުމުން ތިމާގެ ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ލެވެލް ދަށް ކޮށްދެ އެވެ. އަދި ކަންކަމަށް ސަމާލުކަންދީ “ފޯކަސް” ކުރުމަށް އެހީތެރިވެދެ އެވެ. ނަމަވެސް ޑާކް ޗޮކްލެޓަކީ ގިނައިން ކައިފިއްޔާ އޭގެ ނޭދެވޭ އަސަރުކުރުންވެސް ގާތް އެއްޗެކެވެ.
މީގެ އިތުރުން ދޮންކެޔޮ، ކެފޭން އަދި އޮރެންޖް ޖޫސްފަދަ ތަކެއްޗަކީ ވެސް އިމްތިހާން ދުވަސްވަރު ސިކުނޑިއަށް ކުރާ ބުރައިގެ ބަދަލުގައި ދެވޭ ރަނގަޅު ކާނާ އެވެ. އިމްތިހާނު ދުވަސްވަރު އެއްފަހަރާ ގިނައިން ކެއުމަކީވެސް އެހާ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ތިމާ ކަންނެތް ކުރުވާ ކަމެކެވެ. އޭގެ ބަދަލުގައި މަދުމަދުން ގިނަ ފަހަރު ކެއުމަކީ ބުއްދިވެރި ގޮތެވެ. ކެއުމަށް ނުބަލާ ބޭނުންހާ އެއްޗެއް ކެއުމުގެ ސަބަބުން މީހާ ކަންނެތްވެ ސިކުނޑިއަށާއި އިމްތިހާނުގެ ނަތީޖާއަށް އޭގެ އަސަރުކުރެ އެވެ.