ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ޒަމާންވީ ހޯލު އިމާރާތުގެ ދަތިިކަން ހައްލުކުރުމުގެ ގޮތުން، އައު ހޯލެއްގެ ބިންގާ އެޅީ 2011 ވަނަ އަހަރު އެވެ. ބިންގާ އެޅިތާ 3 އަހަރުވެފައިވާއިރު އަދި ފެންނަން ހުރީ ތަނބުތައް އެކަންޏެވެ.
26 ޖެނުއަރީ 2011 ގައި ސްކޫލް ހޯލުގެ ބިންގާ އަޅުއްވާދެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޤަފޫރު މޫސާ އާއި އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދެވެ.
ކުޅުދުއްފުށީގައި ހުންނަ ހދ. އޭއީސީގެ ހޯލު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެންމެ ފުރަތަމަ ޔުމާން ކޮންސްޓްރަކްޝަނާ ހަވާލު ކުރީ 2012 ވަނަ އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހު އެވެ. އެ މަސައްކަތް ނިންމުމަށް ދީފައިވަނީ 8 މަސް ދުވަހެވެ.
ޔުމާން ކޮންސްޓްރަކްޝަނާ 4.1 މިލިއަން ރުފިޔާގެ ބަޖެޓެއްގެ ދަށުން ހަވާލު ކުރި މި ޕްރޮޖެކްޓުގެ މަސައްކަތް 2012 ޖެނުއަރީ 24 ގައި ފަށާނެ ކަމަށް އެ ކުންފުނިން އޭރު ވަނީ ބުނެފަ އެވެ. ނަމަވެސް ޔުމާން ކޮންސްޓްރަކްޝަނާ މި މަސައްކަތް ހަވާލު ކުރެވުނުތާ 1 އަހަރު ފާއިތުވެގެން ދިޔައިރުވެސް އަމަލީ ގޮތުން ހޯލުގެ އެއްވެސް މަސައްކަތެއް ވަނީ ނުފެށި އެވެ.
އެގޮތުން ހޯލު ނޭޅި ގިނަދުވަސް ތަކެއް ވުމުގެ ސަބަބުން 2013 ވަނަ އަހަރު ހޯލު އިމާރާތް ކުރުމާ ބެހޭގޮތުން އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ އިހުތިޖާޖަށް ނުކުންނަން ޖެހިދާނެ ކަމުގެ އިންޒާރު އެ ސްކޫލު ބޯޑުން ދިނެވެ. އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޤަފޫރު މޫސާ ވެސް މި މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވާ މަޖިލިސްތެރެއިން މިކަމަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ ވެއެވެ.
އޭގެ ފަހުން ޔުމާން ކޮންސްޓްރަކްޝަނާ އެކު ކޮށްފައިވާ އެއްބަސްވުން އުވާލުމަށް ފަހު 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ 1 ވަނަ ދުވަހު މި ޕްރޮޖެކްޓް ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑަށެވެ.
ހޯލުގެ މަސައްކަތް ނުނިމި ލަސްވަނީ ބަޖެޓްގެ ދަތިކަމެއް އުޅޭތީ ކަމަށާއި މަސައްކަތުގެ އެޑްވާންސްް ގެ ރުފިޔާވެސް ލިބިފައިވަނީ މަސައްކަތް ފެށުނުތާ 2 މަސް ފަހުންކަމަށް ވެސް ސްވިފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރ ސައުދުﷲ ވިދާޅުވި އެވެ.
6.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލު ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވަނީ 1 އަހަރުގެ މުއްދަތުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށެވެ. އެހެންނަމަވެސް އަދި ފެންނަން ހުރީ ހޯލުގެ ތަނބުތައް އެކަންޏެވެ.
ދިގުމިނުގައި 136 ފޫޓު އަދި ފުޅާ މިނުގައި 70 ފޫޓު ހުންނަ ގޮތަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އޭއީސީގެ ހޯލަކީ 500 މީހުންގެ ޖާގައިގެ ހޯލެކެވެ. މި ހޯލުގައި ސްޓޭޖަކާއި ގުދަނެއްގެ އިތުރުން ވުޟޫ ކުރާ ބަޔަކާއެކު ނަމާދު ކުރާ ކޮޓަރިއެއް އަދި ދެ ޖިންސްގެ ކުދިންނަށް ވަކިން 2 ޗޭންޖިންގ ރޫމެއް ހިމެނުމަށް ޕްލޭން ކުރެވިފައިވެ އެވެ.