ދުވަހަކީ ދަނޑުވެރިކަމުގެ ދުވަސް ފާހަގަކުރުމަށްޓަކައި ވައިކަރަދޫގައި ހަރަކާތްތަކެއް ހިންގުނު ދުވަހެކެވެ. ދުވަހުގެ ހަވީރު 3 ޖަހަނިކޮށް ވައިކަރަދޫއަށް ދެވުނުއިރު ބޯކޮށް ވާރޭވެހެ އެވެ. ރަށުން އެއްވެސް ދިރުމެއް ފެންނާކަށް ނެތެވެ.
ގެއަށް އައިސް ހަމަޖެހިލުމަށްފަހު ދެން ދިޔައީ ދުވަހަށް ހާއްސަކޮށްގެން ބޭއްވުނު ކާބޯތަކެތީގެ މައުރަޒާ ދިމާލަށެވެ. އެ ތަނުން ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ދިމާވި އެވެ. އަޅުގަނޑަށް ފާހަގަކުރެވުނީ ވައިކަރަދޫ ރައްޔިތުންގެ އެއްބައިވަންތަކަމާއި ސަމާސާ މިޒާޖެވެ. ރަށުގައި ފިރެހެނުންނަށް ވުރެ އަންހެނުން ގިނަކަންވެސް ފާހަގަކުރެވުނެވެ. ރަށުގެ އަންހެނުން ހީ ސަމާސާކޮށް ވަރަށް ރަހުމަތްތެރި އެވެ. އެކަކު އެނެއްކަކާއެކު އޮންނަ ގުޅުން ވަރަށްވެސް ބަދަހި އެވެ.
އެ ދުވަހުގެ އިރުއޮއްސި ރޭ ވުމުން ރަށުތެރެ ބަލާލަން ނިކުތް ނިކުތުމުގައި އަޅުގަނޑަށް ފެނުނީ ރަށުތެރޭގެ އަނދިރި ކަމާއި ނާމާން ކަމެވެ. ރަށުގެ ގިނަ ގޯޅިތައް ހުންނަނީ ވިނަ ހެދި އަނދިރިކޮށެވެ. ނަމަވެސް ރަށުގެ ބޮޑެތި މަގުތަކުގައި ހޮޅިބުރި ހަރުކޮށް އަލިކޮށްފައި ހުއްޓެވެ.
އަނެއް ދުވަހުގެ ހެނދުނެވެ. އެއީ ހުކުރު ދުވަހެވެ. ރަށުގެ ގިނަ ރައްޔިތުންނާ ބައްދަލުވާނެ ކަމުގެ އުއްމީދުގައި ގެއިން ނިކުތުމުން ފެނުނު މަންޒަރުން ހައިރާންކުރިވި އެވެ. ރަށުން މީހަކު ފެންނަނީ “ދަމަކުން ބަޑިއެއް ޖަހާ” އުސޫލުންނެވެ. މިއީ މީހުން ދިރިއުޅޭ ރަށެއް ކަމާމެދުވެސް ޝައްކު އެފެދުނެވެ. ރަށުގައި އެއްވެސް ދިރިމެއް ނުވާކަން ފާހަގަކުރެވުނެވެ.
މީހުން ދިރިއުޅޭ ގެތައް ހަދާފައި ހުންނަނީ ވަރަށް ހިތްފަސޭހަކޮށް ރަށްފުށު ގޮތަށެވެ. މީހުން ދިރިއުޅޭ ގެތައް މިހާ ހިތްފަސޭހައިރު ދެން ފެނުނީ އެހެން މަންޒަރެކެވެ. ފަޅު ގެތަކެވެ. ކޮންމެ ދެ ގެ ދޭތެރޭ ފަޅު ގެއެއް ހުރެ އެވެ. ރީތިކޮށް ރާނާ ބޮޑުކޮށް ހަދާފައިހުރި އެތައް ގެއެއް މީހުން ނޫޅެ ފަޅަށް ހުރުމުގެ ސަބަބުން ވަނީ ފަނާވާން ފަށާފަ އެވެ. މިފަދަ ބޮޑު ހަރަދުން ހަދާފައި ހުންނަ ގެތައް ފަޅުވާން ދޫކޮށްލައި ރަށް ދޫކޮށް މީހުން ދާން މެދުވެރި ސަބަބަކީ ހައްލުކުރަން ޖެހިފައިވާ މައްސަލައެކެވެ. ތައުލީމާއި ވަޒީފާ ހޯދުމަށް ކުރާ ދަތުރުގައި ރަށަށް ވެރިވަނީ ފަޅުކަމެވެ. އެއީ ރަށުގެ ތަރައްގީއަށްވެސް އެޅިފައިވާ ހުރަހެކެވެ.
އެ ރަށުގައި ދިރިއުޅޭ މީސްކޮޅު މަދުނަމަވެސް ރަށަކީ ބިން ކުޑަ ރަށެއް ނޫނެވެ. ތަރައްގީކުރެވޭނެ ރަށެކެވެ. ރަށުގައި އުޅޭ މީހުންގެ އަދަދާމެދު ވިސްނާލެވުނީ ކުޑަ މިސްކިތެއްގައި ކުރެވުނު ހުކުރު ނަމާދުގައި ރަށަށް އައިސްތިބި އެހެން ރަށްރަށުގެ މެހެމާނުންނާއެކުވެސް ކިރިޔާ ހަތް ސަފު ފުރުމުންނެވެ. ރަށުގައި ދިރިއުޅޭ ދުވަސްވީ އަންހެނަކާ މިކަމާ ބެހޭގޮތުން ވާހަކަ ދައްކާލުމުން ބުނީ “މިއީ ފިރިހެނުން އުޅޭ ރަށެއް ނޫން” ކަމަށެވެ.
ހުކުރުން ފައިބައިގެން ރަށުގެ ބަނދަރު މަތީ ހަދާފައިހުރި ހޮޅުއައްޓެއްގައި ޖައްސާލިއިރު ދުވަސްވީ ފިރިހެން ގުރޫޕެއް ހޮޅުއަށީގައި ތިއްބެވެ އެވެ. އެމީހުންގެ މައުލޫއަކަށްވެފައިވީ “ބްރިޖް” އެވެ. ބްރިޖް އެޅޭނެ ކަމަށް ބައެއް މީހުން ބުންމުންދިޔައިރު އަނެއް ބަޔަކު ބުނަމުންދިޔައީ އެއީ ބޭކާރު ކަމެއް ކަމަށެވެ. ދެން ނިކުތް މައުލޫއަކީ މާލޭގައި ފެންބޮޑުވާ މައްސަލަ އެވެ. އަދި ކުޅުދުއްފުށިވެސް މާލެއެކޭ އެއްފަދައިން އެކަމުގެ ޝިކާރައަކަށްވެފައިވާ ވާހަކަ އެވެ.
އަޅުގަނޑުގެ ޝައުގުވެރިކަން ދަމައިގަތީ އެމީހުންގެ ދެމެދުގައި ދެކެވުނު ރަށްރަށުގެ ވާދަވެރިކަމާއި ހަސަދަވެރި ކަމުގެ މައުލޫއަށެވެ. މައުލޫއު ކުރިއަށް ނުގޮސް އުޅެނިކޮށް އަސުރަށް ބަންގި ގޮވުމުން އެންމެން ހޮޅުއަށިން ފައިބައިގެން ނަމާދަށް ދިޔަ އެވެ.
އެއީ ވައިކަރަދޫން އަޅުގަނޑަށް ފާހަގަކުރެވުނު އެންމެ ހިތްހަމަޖެހުނު ކަމެވެ. ރަށުގެ ރައްޔިތުން ދީނީ ކަންކަމަށްދޭ އަހަންމިޔަތެވެ. އަންހެން ފިރިހެން ކުދިބޮޑު އެންމެން ކަހަލަގޮތަކަށް ފަސްވަގުތު ނަމާދަށް ދާކަން ފާހަގަކުރެވުނުއިރު ގޭގެއިން ގުރުއާން ކިޔަވާ އަޑުވެސް އެހީމެވެ.
ހަވީރުވުމުން ވައިކަރަދޫގެ ދަނޑުތަކަށްގޮސް ދަނޑުވެރިންގެ ވާހަކަތައް އަޑު އެހީމެވެ. ހުރިހާ މީހުންހެން ގާތްގަނޑަކަށް އެއްވާހަކަ ދެއްކިއިރު އެމީހުން ބުނަނީ ހައްދާ ތަކެއްޗަށް މާކެޓެއް ނޯންނަ ކަމަށާއި އަތޮޅުގައި ރިސޯޓެއް ހެދިފައިނުވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. މި ދަތުރުގައި އެންމެ ފުން އަސަރެއްކުރި ވަގުތަކީ ދަނޑެއްގައި ފަޅޯ ބިންނަން އުޅުނު 60 އަހަރުގެ އަންހެނެއް އޭނާ އުޅެމުންގެންދާ ހާލާއި އެ ދަނޑުގައި ހައްދާ ތަކެތި ވިއްކައި އެއިން ފައިދާއެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަރަށް އަސަރާއެކު އަޅުގަނޑާ ހިއްސާކުރި ވަގުތުގަ އެވެ.
ޖުމްލަ ގޮތެއްގައި އަޅުގަނޑަށް ވައިކަރަދޫ ސިފަވެގެންދިޔައީ ދިރުމެއް ނެތް ރަށެއްގެ ގޮތުގަ އެވެ. ރަށުގެ ގިނަ ރައްޔިތުން ރަށް ދުކޮށް ގޮސްފައިވާއިރު ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ކުރާނެ މާބޮޑު މަސައްކަތެއް ނެތެވެ. ދަނޑުވެރިކަމުން ގިނަ އާއިލާތައް ދިރިއުޅެމުން އަންނައިރު އުފައްދާ ތަކެތި ވިއްކާނެ މާކެޓެއް ނެތެވެ.
ރަށުގައި ކުރާނެ މާބޮޑު ކަމެއް ނެތްއިރު ދުވަސްވީ މީހުން ހޮޅުއަށިތަކުގައި ތިބޭއިރު ރަށުގައި ދިރިއުޅޭ މަދު އަދަދެއްގެ ޒުވާން ފިރިހެންކުދިން ހިތްހަމަޖައްސާލުމަށް ޖޯލި ފަތިތަކުގައި ވާހަކަދައްކާލަން ތިބެ އެވެ. ކުޑަކުދިން ބޯޅައެއް ނުވަތަ އެހެންވެސް ކޮންމެ އެއްޗެއް ހިފައިގެން މަގުމަތީ ކުޅެންތިބޭތަން ވަރަށް މަދު ނަމަވެސް ފެނެ އެވެ.
ބައެއް އަންހެނުން މަދު ބިންނަން ތިބޭތަނާއި ފަންގިވިނެ ދަނޑުވެރިކަމުގެ މަސައްކަތުގައި ހަރަކާތްތެރިވެ އުޅޭތަން ފެނުމުން ވައިކަރަދޫގެ އަންހެނުންގެ މަސައްކަތްތެރިކަން ފެނިގެންދެ އެވެ.
ވައިކަރަދޫއަކީ، “ބިޒީ” ދިރިއުޅުމަކަށްފަހު ހަމަހިމޭންކަން އިހުސާސް ކޮށްލުމަށާއި އަރާމުކޮށްލަން ދާން ރަނގަޅު ހިތްހެޔޮ ރައްޔިތަކު ދިރިއުޅެމުން އަންނަ ރަށެއްކަން އެ ރަށުގައި ހޭދަކުރި އެއް ދުވަހުގެ ތެރޭގައި އެނގިގެން ދިޔައެވެ.