twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަތޮޅަށާއި ރަށަށް ރީތީ ނަމާއި ޝަރަފް ހޯދައިދޭ ފަހުރުވެރި ދަރިއެއް

Nov 23, 2014

ހދ އަތޮޅަކީ ކިޔެވުމާއި ކުޅިވަރު އަދިވެސް އެހެނިހެން ކަންކަމުގައި ރަންވަނަތަކެއް ހޯދައި އަތޮޅު ފަހުރުވެރިވާ ފަދަ ގިނަ ދަރިންތަކެއް ނިސްބަތްވާ އަތޮޅެކެވެ. ގައުމީ ފެންވަރުގައި ބާއްވާ ގިނަ މުބާރާތްތަކުން ރަންވަނަތައް ހާސިލުކުރާ ދަރިވަރުންގެ ތެރޭގައި ހދ އަތޮޅަށް ނިސްބަތްވާ ދަރިއެއް ނުހިމެނޭނީ މަދު ފަހަރަކު އެވެ.

އެގޮތުން ހދ ވައިކަރަދޫ ފަލްކަމް، ފައިހާ އަބްދުﷲ އަގީލަކީ މިގޮތަށް ފާހަގަކޮށްލެވޭ ހުނަރުވެރި ދަރިއެކެވެ. ފައިހާ ވަނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ރަންވަނަތަކެއް ހާސިލުކޮށް މުޅި ހދ އަތޮޅު ފަހުރުވެރިކުރުވާފަ އެވެ.

އުމުރުން 8 އަހަރުގައި ފައިހާ ވަނީ ގައުމީ މުބާރާތުގެ ވާދަކޮށް 9 އަހަރުން ދަށުގެ އުމުރުފުރާއިން އެއްވަނަ ހޯދާފަ އެވެ. އަދި ފައިހާގެ ބައިވެރިވުމާއެކު ގައުމީ މުބާރާތުގައި އަތޮޅުތަކުގެ ބައިން އެއްވަނަ ހދ އަތޮޅަށް ވަނީ ހޯދައިދީފަ އެވެ.

ހދ އަތޮޅު މަދަރުސާގެ ގްރޭޑް 2 ގައި ކިޔަވަމުންއަންނަ ފައިހާ، 130 ދަރިވަރުން ވާދަކުރި މި އަހަރުގެ ހދ އަތޮޅު ޤުރުއާން މުބާރާތުގައިވެސް ވަނީ ރަންވަނަ ތަކެއް ހަސިލްކޮށް ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހޯދި 15 ދަރިވަރުންގެ ތެރޭގައި ހިމެނިފަ އެވެ. އެގޮތުން ފައިހާ ވަނީ 9 އަހަރުން ދަށުގެ ނުބާލާ ކިޔެވުމުގެ ގޮފިން ދެވަނަ ހޯދައި މުޅި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން ތިންވަނަ ހޯދާފަ އެވެ.

ފައިހާ ބުނިގޮތުގައި އެންމެ އުފާވި ދުވަހަކީ ގައުމީ މުބާރާތުން ރަނގަޅު ކާމިޔާބީއެއް ލިބުނު ދުވަހެވެ. އަދި ފައިހާ ބުނީ މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ އެމްބީސީ ކުޑަކުދިންގެ ގުރުއާން ކިޔެވުމުގެ މުބާރާތުގެ މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވަނަ ލިބުނު ދުވަސް ކަމަށެވެ.

ފައިހާ މި މުބާރާތުގައި ވާދަކޮށް މިފަދަ ބޮޑު ކާމިޔާބީއެއް ހޯދާފައިވާއިރު ހަމަ އެ މުބާރާތުގައި 7 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާއިން ނުބާލާ ކިޔެވުމުގެ ގޮފިން އެއްވަނަ ހޯދާފައިވަނީވެސް ފައިހާ އެވެ.

ފައިހާ އަކީ ޤުރުއާނަށް ލޯބިކުރާ ޤުރުއާން ކިޔަވާހިތްވާ ކުއްޖެކެވެ. ޤުރުއާން ހިތުދަސްކުރުމަކީ ފައިހާގެ އަމާޒު ކަމަށްވާއިރު ބޮޑުވެގެން ޤުރުއާން ކިޔަވައިދޭ މުދައްރިސަކަށް ވުމަކީ ފައިހާ ދެކެމުން އަންނަ ހުވަފެނެކެވެ.

ނުބަލާ ކިޔެވުމުގެ ގޮފިން ފައިހާ ބޮޑު ކާމިޔާބީތަކެއް ހޯދަމުން އަންނައިރު ފައިހާ މިހާރު ވަނީ ގުރުއާނުގެ ދެ ފޮތް ހިތުދަސްކޮށް ތިންވަނަ ފޮތް ހިތުދަސްކުރުމުގެ މަސައްކަތް ފަށާފަ އެވެ. ޤުރުއާން ކިޔެވުމަކީ ފައިހާއަށް ހިތްހަމަޖެހުން ލިބޭ ކަމެއް ކަމަށް ފައިހާ ބުންޏެވެ. މަންމަ އާއި ބައްޕަ ދެކެ އެންމެ ލޯބިވާ ފައިހާ ބުނީ އޭނާއަށް ޤުރުއާން ކިޔެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަންމަ އާއި ބައްޕަގެ ފަރާތުން ކަމަށެވެ. އަދި ޤުރުއާން ތަޖުވީދަށް ކިޔެވުމަށް ދަސްކޮށްދިނީ އާބިދާ މިސް(ތިއްތަ) ކަމަށް ފައިހާ ބުންޏެވެ.

“އެންމެ އެހީތެރިވަނީ މަންމަ އާއި ބައްޕަ. އެންމެ ލޯބިވަނީވެސް މަންމަ އާއި ބައްޕަ ދެކެ. ޤުރުއާން ކިޔަވަން ދަސްކޮށްދިނީ ތިއްތަ. ތިއްތަ ވަރަށް އެހީތެރިވޭ އެންމެ އެހީތެރިވަނީ ތިއްތަ.”ފައިހާ ބުންޏެވެ.

ތިއްތަގެ އިތުރަށް ޠާހިރާ މިސް އާއި އަނަސް ސާރގެ އެހީތެރިކަންވެސް ފައިހާ ފާހަގަކުރި އެވެ.

އަތޮޅު މުބާރާތުގައި ދެ ފަހަރު ބައިވެރިވެފައިވާއިރު ޕްރީސްކޫލް ތައުލީމް ހަސިލްކުރި އަހަރުތަކުގައި ސްކޫލްގެ މުބާރާތުގައި ވާދަކޮށް ފައިހާ ވަނީ ރަންވަނަތަކެއް ހަސިލްކޮށްފަ އެވެ. އަދި ހދ އަތޮޅު މަދަރުސާއަށް ބަދަލުވުމަށްފަހު މިވީ ދެ އަހަރުގައި ސްކޫލްގައި ބާއްވާ ޤުރުއާން މުބާރާތްތަކުގައި ވާދަކޮށް ފައިހާ ބޮޑެތި ކާމިޔާބީތަކެއް ހާސިލްކޮށް ފައިހާގެ މައިންބަފައިންނާއި ސްކޫލް އަދި މުޅި ވައިކަރަދޫ ފަހުރުވެރިކޮށްފައިވެ އެވެ.

ފައިހާގެ މަންމަ ފަޒިނާ ހުސެއިން ބުނީ ފައިހާ ވަރަށް ކުޑައިރުން ފެށިގެންވެސް ފައިހާ ޤުރުއާން ކިޔާވާ ކަމަށާއި ޤުރުއާން ކިޔަވަން ދަސްވީ މުބަރާތްތަކުގައި ބައިވެރިކޮށް މުބާރާތްތަކަށް ޤުރުއާން ކިޔަވަން ދަސްކުރަން ފެށުމުން ކަމަށެވެ. ފައިހާއަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނީ އޭނާގެ ތިއްތަ ކަމަށާއި ފައިހާ އަކީ ޤުރުއާނަށް ލޯބިކުރާ ވަރަށް ބަސްއަހާ ކުއްޖެއް ކަމަށް ފައިހާގެ މަންމަ ކިޔައިދިނެވެ.

ފައިހާ ވަރަށް އަވަހަށް އެއްޗެހި ނަގައިގަންނަ ކަމަށާއި ނުބައިކޮށް ކިޔަވައިނިކޮށް ރަނގަޅު ގޮތް ބުނެދިނުމުން ވަރަށް ފަސޭހައިން ރަނގަޅުކޮށްލާ ކަމަށް ފަޒީނާ ފަހުރުވެރި ކަމާއެކު ބުންޏެވެ.

“ވަރަށް ކުޑައިރު ދަސްކުރަން ފަށައިފި ޤުރުއާން. ވަރަށް ބަސްއަހާނެ. ވަރަށް އަވަހަށް ނަގައިގަންނާނެ. ކުށް ވަރަށް ފަސޭހައިން ރަނގަޅު ކުރާނެ ފައިހާ.” ފައިހާގެ މަންމަ ފަޒީނާ ކިޔައިދިނެވެ.

ފައިހާ މިހާ ތުއްތު އިރު މިފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާ އަތޮޅާއި ރަށް ފަހުރުވެރިކޮށްފައިވާއިރު ފައިހާ މުސްތަގުބަލުގައި ދެކެން ބޭނުންވާ ދުވަސްތައް ހަގީގަތަކަށްވެ ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ވުމަކީ އަޅުގަނޑުމެންގެ އުއްމީދެވެ. އަދި ފައިހާ އެހެން ދަރިވަރުންނަށް ދައްކަމުންގެންދާ ނަމޫނާ ބަލައިގަނެ މިފަދަ ކާމިޔާބީތައް ހޯދާ ގިނަ ދަރިވަރުންތަކެއް މި އަތޮޅުން ފެނިގެންދިއުމަކީ މި އަތޮޅުގެ ކޮންމެ ދަރިއެއްގެވެސް އުއްމީދެވެ.

[yass cats=148]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355