twitterviber whatsapp telegramfacebookyoutube instagram
28th December 2024

އަންނަ އަހަރު ކުޅުދުއްފުއްޓަށް 260.5 މިލިއަން ރުފިޔާގެ ބަޖެޓެއް

Nov 8, 2014

ޕީ.އެސް.އައި.ޕީ މަޝްރޫއު ތަކަށް 128.5 މިލިއަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ކުޅުދުއްފުއްޓަށް 260.5 މިލިއަން ރުފިޔާގެ ބަޖެޓެއް ހިމަނައިފި އެވެ. މީގެ ތެރެއިން އަންނަ އަހަރު ކުޅުދުއްފުށީގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ މަޝްރޫއުތަކަށް 128.5 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ތަފްސީލުތައް ބުނާ ގޮތުން ކުޅުދުއްފުށީގައި ޖުމްލަ ބާވީސް މަޝްރޫއެއް ހިންގާނެ އެވެ. އޭގެ ތެރޭގައި އަންނަ އަހަރު މުޅިން އަލަށް ފަށާ ދިހަ މަޝްރޫއެއްގެ އިތުރުން މިހާރު ހިންގަމުން ގެންދާ މަޝްރޫއުތައް ވެސް ހިމެނެ އެވެ.

ކުޅުދުއްފުށީގައި އަލަށް ފަށަން ހަމަޖެހިފައިވާ މުހިއްމު މަޝްރޫއު ތަކަށް ބަލާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހިންގާ ޕްރޮޖެކްޓް ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ފެންހިންދާ ނިޒާމެއް ގާއިމް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޕައިލެޓް ޕްރޮޖެކްޓަށް ބޭރުގެ އެހީގެ ދަށުން 13 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އެމަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 2.9 މިލިއަން ހަރަދުކުރުމަށް ވަނީ ހިމަނާފަ އެވެ.

ކުޅުދުއްފުށީ ހިއްކި ސަރަހައްދު (ވެލިގަނޑު) ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ” ޕޯރޓް އެންޑް އާރބަން އެކްސެސިބިލިޓީ” ޕްރޮޖެކްޓަށް ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ ހިލޭ އެހީ އިން 11.6 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ބަޖެޓް ކޮށްފައި ވެއެވެ.

އަދި އެސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިންގާ ޕްރޮޖެކްޓަށް 10 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ކުޅުދުއްފުށީ މަގުތައް ހެދުމަށް 27 މިލިއަން ރުފިޔާ ބަޖެޓްކޮށްފައި ވެއެވެ. އަދި ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ދެ ޕްރީ ސްކޫލުގެ އަމަލީ މަސައްކަތް ފެށުމަށްވެސް 2015 ވަނަ އަހަރުގެ ބަޖެޓުގައި ފައިސާ ހިމަނާފައިވެ

އެވެ.

ކުޅުދުއްފުށީގައި ހިންގުމަށް ބަޖެޓްކޮށްފައިވާ އެހެނިހެން މަޝްރޫއުތަކަށް ބަލާއިރު އަފީފުއްދީން ސްކޫލްގެ އިތުރު 12 ކްލާސްރޫމް އެޅުމުގެ މަޝްރޫއާއި، ކަސްޓަމްސް ނޯތު ރީޖަން ހެޑް އޮފީސް އިމާރާތް ކުރުމާއި، މަގުބައްތި ޖެހުމާއި ކަރަންޓް ފޯރުކޮށްދިނުމުގެ އިތުރުން އަބޫދާބީ ފަންޑު ލޯނު އެހީގެ ދަށުން ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއެއް ކުޅުދުއްފުށީގައި ހިންގުމަށް ބަޖެޓްކޮށްފައިވެ އެވެ.

2015 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކުޅުދުއްފުއްޓަށް ކަނޑައަޅާފައިވާ ބަޖެޓް 2014 ވަނަ އަހަރަށް ވުރެ ނިސްބަތުން ބޮޑުކަން ފާހަގަ ކުރެވެ އެވެ.

މިގޮތުން ކުޅުދުއްފުށީ ސްކޫލުތަކަށް ކަނޑައަޅާފައިވާ ބަޖެޓްތަކަށް ބަލާލާއިރު މި ހިނގާ އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ ހުރިހާ ސްކޫލެއްގެވެސް ބަޖެޓް ވަނީ ބޮޑު ކޮށްފައެވެ. އަފީފުއްދީން ސްކޫލަށް މިއަންނަ އަހަރަށް 10.2 މިލިއަން ރުފިޔާގެ ބަޖެޓް ކޮށްފައިވާއިރު މިއަހަރު އެސްކޫލަށް ލިބިފައިވަނީ 9.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

މިއަހަރު ހދ. އަތޮޅު ތައުލީމީ މަރުކަޒަށް ލިބިފައިވަނީ 11.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަންނަ އަހަރު އެސްކޫލުގެ ބަޖެޓުގެ ގޮތުގައި 13.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. ޖަލާލުއްދީން ސްކޫލުގެ އަންނަ އަހަރުގެ ބަޖެޓަށް 12.1 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މިއަހަރު އެސްކޫލަށް ލިބިފައިވަނީ 10 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ބަޖެޓަށްވެސް ވަނީ 2014 ވަނަ އަހަރުގެ ބަޖެޓާ އަޅާބަލާއިރު 18 މިލިޔަން ރުފިޔާގެ ކުރިއެރުމެއް ލިބިފައެވެ. މިއަހަރު އެ ހޮސްޕިޓަލަށް 62.5 މިލިޔަން ރުފިޔާ ފާސްކުރި އިރު 2015 ވަނަ އަހަރަށް ހުށަހަޅާފައިވަނީ 80.1 މިލިއަން ރުފިޔާ އެވެ.

2015 ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓުގައި ކުޅުދުއްފުށީ ކައުންސިލަށް ކަނޑައަޅާފައިވަނީ 9.8 މިލިއަން ރުފިޔާ އެވެ. މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު 4 ލައްކަ ރުފިޔާ އިތުރު ބަޖެޓެކެވެ. 2014 ވަނަ މިއަހަރު އެކައުންސިލަށް ފާސްކޮށްދެއްވާފައިވަނީ ޕްރީ ސްކޫލް ހަރަދު ނުހިމަނާ 9.4 މިލިޔަން ރުފިޔާ އެވެ. އަދި ޕްރީ ސްކޫލް ބަޖެޓުގެ ގޮތުގައި 2014 ވަނަ އަހަރު 2.7 މިލިޔަން ރުފިޔާ ފާސްކޮށްދީފައިވެ އެވެ. 2015 ވަނަ އަހަރު ޕްރީސްކޫލް ބަޖެޓް ހިމެނުމަށް ނިންމަވާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ހދ. އަތޮޅު ކައުންސިލަށް އަންނަ އަހަރު ލަފާކުރާ ބަޖެޓުގެ ގޮތުގައި ހިމަނާފައިވަނީ 6.4 މިލިއަން ރުފިޔާ އެވެ. އެއީ މިއަހަރުވެސް އެކައުންސިލަށް ލިބުނު ބަޖެޓާއި އެއްވަރުގެ ބަޖެޓެކެވެ.

2015 ވަނަ އަހަރަށް ލަފާކުރި ބަޖެޓާ ބެހޭގޮތިުން މަޖިލީހުގައި ކުރާ ބަހުސް ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ފަށާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355