ވަރަށް ބޮޑު އާގު ބޯޓެއް ދުނިޔޭގެ އެކި ޤައުމުތަކަށް މުދާ އުފުލަމުން ގެންދިޔަ އެވެ. މިހެން ދަތުރު ކުރަމުން ދަނިކޮށް ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވުމުން އެންމެ ކައިރީގައިވާ ޤައުމުގައި ބޯޓު ބަނދަރުކުރި އެވެ. އަދި އިންޖީނު ހަދާ ތަފާތު ގިނަ މެކޭނިކުންނާ މަސައްކަތް ހަވާލުކުރަމުން ގެންދިޔަ އެވެ. ނަމަވެސް އެއްވެސް މެކޭނިކަކަށް މި މަސައްކަތް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
އެއްވެސް މެކޭނިކަކަށް މި މަސައްކަތް ކާމިޔާބުނުވެ ހަފްތާއެއްހާ ދުވަސް ވޭތުވުމަށްފަހު ކުޑައިރުއްސުރެ އިންޖީނު ހެދުމުގައި އުޅޭ މުސްކުޅި މެކޭނިކަކު ބޯޓުގެ އިންޖީނު ހެދުމުގެ މަސައްކަތާ ހަވާލުވި އެވެ. އޭނާގެ މަސައްކަތަށް ބޭނުންވާ އާލާތްތައް ހިފައިގެން މަސައްކަތަށް ހާޒިރުވި އެވެ. އަދި ލަސްނުވެ މަސައްކަތުގައި މަސްޣޫލްވި އެވެ.
އޭނާ މަސައްކަތުގައި ހަރަކާތްތެރިވާތަން ބަލަން ބޯޓުގެ ވެރިފަރާތުންނާއި ބައެއް ފަޅުވެރީން ބަލަން ތިއްބެވެ. ވަރަށް ފަރުވާތެރިކަމާއެކު މުޅި އިންޖީނު އޭނާ ޗެކްކުރި އެވެ. އިންޖީނު ރަނގަޅަށް ޗެކް ކުރުމަށްފަހު އޭނާގެ ދަބަހުން ކުޑަ މަރުތޭލައެއް ނެގި އެވެ. އަދި އިންޖީނުގެ ބައެއްގައި މަޑުމަޑުން މަރުތޭލައިން ޖެހި އެެވެ. އޭނާގެ މިހަރަކާތާއެކު އިންޖީނު އިސްޓާޓްވި އެވެ. މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު ބިލް ފޮނުވާލާނެ ކަމަށް ބުނެ އެ މުސްކުޅި މީހާ އެ ތަނުން ހިނގައްޖެ އެވެ.
ޖެހިގެން އައި ދުވަހު ބޯޓުގެ ވެރިފަރާތަށް 10000 ޑޮލަރުގެ ބިލެއް ލިބުނެވެ. މިކަމާއި ވަރަށް ހައިރާންވެ އަދި ހިތްހަމަނުޖެހިފައިހުރެ ބޯޓުގެ ވެރިފަރާތުން ބުންޏެވެ.
“މިއީ ކޯޗެއް؟ އޭނާ އަނެއްހެން މާބޮޑު މަސައްކަތެއްވެސް ނުކުރެއެއްނު؟”. އެއަށްފަހު ބޯޓުގެ ވެރިފަރާތުން އެ އިންޖީނު ހެދި މުސްކުޅި މީހާއަށް ތަފްސީލީ ބިލެއް ފޮނުވުމަށް އެދުނެވެ.
ޖެހިގެން އައި ދުވަހު މުސްކުޅި މީހާ އަލުން ބިލެއް ފޮނުވި އެވެ. އޭގައި ވަނީ
މަރުތޭލައިން ޖެހުމަށް – 2.00 ޑޮލަރު
މަރުތޭލައިން ޖަހަން ޖެހޭ ތަން އެނގުން – 9998.00 ޑޮލަރު
މުސްކުޅި މީހާ މި މަސައްކަތާ ހަވާލުވީ އެތައް ބަޔަކަށް މިކަން ނާކާމިޔާބުވުމަށް ފަހު އެވެ. އޭނާއަށް އެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އަދި އެކަން ކުރާނެ ރަނގަޅު ގޮތް އެނގެ އެވެ.
އަހަރެމެންގެ ހަޔާތަށް މި ހާދިސާއާމެދު ވިސްނާ އިބްރަތް ހާސިލް ކުރެވިދާނެ އެވެ. އަހަރެމެންނަށް އަހަރެމެންގެ ހަޔާތް ކާމިޔާބުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެ އެވެ. އެހެން ނަމަވެސް ހަޤީޤަތުގައި ކާމިޔާބު ވަނީ ވަރަށް މަދު ބައެކެވެ. އަދި ކާމިޔާބު ނުވަނީ ކީއްވެކަން އަހަރެމެނަށް ގިނަ ފަހަރަށް ނޭނގި ބުރަ މަސައްކަތްތަކެއް ކުރެވުނީތީ އެކަމާ މާޔޫސްވެ އެވެ. ހަޤީޤަތުގައި ކަމެއް ކާމިޔާބުކުރުމަށް ނުވަތަ އެމީހެއްގެ ހަޔާތް ބާއްޖަވެރި ކުރުމަށް އެންމެ މުހިއްމު އެއް ކަމަކީ އެމީހެއްގެ ހަޔާތުގައި ގޯސްކޮށް ހުންނަ ކަންތައްތައް ދެނެގަނެ އެ ކަންކަން އިސްލާހްކޮށް ކުރިއަރުވަން މަސައްކަތް ކުރުމެވ