twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކައުންސިލުތައް ޒިންމާދާރުކުރެވޭނީ ރައްޔިތުންނަށް

Dec 21, 2014

ކައުންސިލުތަކުން ރައްޔިތުންނާ ގުޅިގެން މަސައްކަތް ނުކުރާ ކަމަށާއި އެ ކައުންސިލުތަކުން ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލު ނުހޯދުމާއި ރައްޔިތުންނަށް ޖަވާބުދާރިނުވާ ކަމަށް ގިނަ ރައްޔިތުން ތުހުމަތު ކުރެ އެވެ. ނަމަވެސް ކައުންސިލުތަކުން ރައްޔިތުންނަށް އެ ފުރުސަތު ދިނުމުން އެކަމަށް ޝައުގުވެރިވާ ރައްޔިތުންގެ އަދަދު އިނގިލިން ގުނާލެވޭހާ މަދެވެ

މިކަން އެންމެ ފަހުން ފެނިގެން ދިޔައީ ހދ އަތޮޅު ކައުންސިލުން ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގަ އެވެ. ރަށު ކައުންސިލުން ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންނަށް އަޑުގަދަކުރާއިން މި ޖަލްސާއަށް ދައުވަތުދިންއިރު އެ ދައުވަތަށް އިޖާބަދީފައިވަނީ މަދު ރައްޔިތެކެވެ. އަފީފުއްދީން ސްކޫލް ހޯލުގައި ބޭއްވި މި ޖަލްސާގައި އަތޮޅު ކައުންސިލުގެ ހުރިހާ މެމްބަރުން ރައްޔިތުންނަށް ޖަވާބުދާރީވުމަށް ތައްޔާރަށް ތިއްބެވިއިރު، ޖަހާފައިހުރި ގޮނޑި ބަރީގެ ދެ ބަރިވެސް ނުފުރެ އެވެ.

މި ޖަލްސާގައި އެ ރައްޔިތަކު ބޭނުންވާ ކަމެއް ސާފުކުރުމަށް ފުރުސަތުދެވި އަމާޒުކުރި ސުވާލުތަކަށް ކައުންސިލުގެ މެމްބަރުން ޖަވާބުދާރީވެފައިވެ އެވެ.

މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ރައްޔިތުންގެ ޒިންމާއެކެވެ. އަދި ކައުންސިލުން ކުރާ މަސައްކަތްތަކާއި ކައުންސިލުގެ ނިންމުންތަކުގެ މަގުސަދު އޮޅުންފިލުވުން ވަރަށް މުހިންމެވެ.

ނަމަވެސް މިހާރު ގިނަ ރައްޔިތުން އަމަލުކުރަނީ މިގޮތަކަށް ނޫނެވެ. މިދާކަށް ދުވަހު ހިނގި ކަމަކަށް ބަލާލާނަމެވެ. އަތޮޅު ކައުންސިލުން އެއްގަމު ލައިސަންސް ހައްދައިދޭ އަގު 300 ރުފިޔާއަށް ބޮޑު ކުރުމުން އެއީ ކީއްވެ ކުރިކަމެއްތޯ ގިނަ ބަޔަކު އިޖުތިމާއީ ވިއުގަތަކުގައި ހިޔާލުފާޅުކޮށްފައިވެ އެވެ. އަދި އެއީ މެމްބަރުން ނާޖައިޒް ފައިދާ ހޯދުމަށްކުރާ ކަމެއް ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ. މިއީ މިކަން ކުރަންވީ ގޮތްބާވަ އެވެ. އިޖުތިމާއީ ވިއުގާގައި އެ ހިޔާލުތައް ފާޅުކުރި ފަރާތްތަކަށް ޖަލްސާއަށް ދާނެ ފުރުސަތެއް ނުލިބުނެ އެވެ.

އެ ޖަލްސާއަށް ގޮސް އެ ސުވާލުތައް ސީދާ ކައުންސިލާ ކުރުމުން އެ ކަމަށް ސާފު ޖަވާބެއް ލިބި އެ ކަމުގެ މަގުސަދުވެސް އެ ފަރާތްތަކަށް އެނގުނީހެވެ.

މި ޖަލްސާ އެކަންޏެއް ނޫނެވެ. ކުޅުދުއްފުށި ކައުންސިލުން ބާއްވާ މިފަދަ ބައްދަލުވުންތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ ތަރުހީބު ކުޑަ ކަންވެސް ފާހަގަކޮށްލެވެ އެވެ.

މިއީ ހަމައެކަނި ކުޅުދުއްފުށީގެ މައްސަލައެއް ނޫނެވެ. ނަމަވެސް މި މައްސަލަ އެހެން ރަށްތަކަށްވުރެ ކުޅުދުއްފުށީގައި ބޮޑު ކަން ފާހަގަކޮށްލެވެ އެވެ.

އެހެންކަމުން ސޯޝަލް މީޑިޔާގައި ހިޔާލު ފާޅުކޮށްލުމަށްފަހު އެކަން އެ ހިސާބުން ދޫކޮށްލުމުގެ ބަދަލުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ޒިންމާދާރު ރައްޔިތަކު އުޅޭ ރަށަކަށް ކުޅުދުއްފުށި ވާން އެބަޖެހެ އެވެ.

އެހެންނޫންނަމަ ރައްޔިތުންގެ ވޯޓުން ހޮވާފައިތިބި ފަރާތްތަކަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަން އުނދަގޫވެ ރަށަށާއި ރައްޔިތުންނަށް އެއްވެސް ތަރައްގީއެއް ނުލިބޭނެ އެވެ. މިފަދަ ފުރުސަތުތަކުގައި އެ ކައުންސިލުތަކުން ކުރާ ގޯސް ކަންތައްތައްވެސް ދައްކާ އެ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ކައުންސިލު މެމްބަރުންވެސް ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ ވާޖިބެއްކަން ކަށަވަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355