twitterviber whatsapp telegramfacebookyoutube instagram
28th March 2024

ސުނާމީ ހާއްސަ ރިޕޯޓް – އެވާހަކަތައް ދައްކާނެ ހިތްވަރެއްނެތް، އެދުވަސް ހިތަށް އެރިޔަސް ހީބިހި ނަގާ

Dec 26, 2014

އިރު އެރީ އާދައިގެ މަތިން ރީތި ދުވަހަކަށެވެ. އުޑުމަތި ސާފު މޫސުން ރީތި ދުވަހެކެވެ. ފިރިމީހާ ރަށުންބޭރުގައި މަސައްކަތް ކުރާތީ ގޭގައި ދިރިއުޅެނީ މަރިޔަމް އާއި އެ ދެމަފިރިންގެ ފަސް ކުދިންނެވެ. އާދައިގެ މަތިން ކުދިންނާއެކު ހެނދުނުގެ ސައި ބުއިމަށްފަހު ހަގު ދަރިފުޅު އުރައިގެން ދޮވެފައިހުރި ތަށިތައްހިފައިގެން ގޭތެރެއަށް ވަތް މަރިޔަމްގެ ދުވަސް ބަދަލު ވެގެންދިޔައީ މަދު ސިކުންތުކޮޅެއް ތެރޭގަ، މޫދުގެ ލޮނު ގަނޑު އެ އައި ބާރުމިނުގައި މުޅިގެ އެއްކޮށް ހިސޯރުކޮއްލި ހިސާބުންނެވެ.

މިއީ މީގެ 10 އަހަރު ކުރިން މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ކުޅުދުއްފުށިން އެންމެ ބޮޑު ގެއްލުމެއް ލިބުނު “ނެރު” މަރިޔަމް އަލީ އެދުވަހު ކުރި ތަޖުރިބާގެ ވާހަކަ އެވެ.

މަރިޔަމް އޭނާ އެދުވަހު ކުރި ހިތްދަތި ތަޖުރިބާ ކުޅުދުއްފުށީ އޮންލައިނަށް ކިޔާދޭއިރު ކައިރީގައި އޭނާގެ ފިރިމީހާ އަބޫބަކުރު ބަލަހައްޓައިގެން–ފޮޓޯ:ހަދީޖާ

އިވުނު ކުއްލި އަޑުފައްގަނޑާއެކު ހޭޅިފަށުގައި އޮތް ހުރިހާ ކުނިތައް ލޮނު ގަނޑާއެކު ގޭތެރެއަށް ވައްދާލީ ބަސްބުނާހާ ހިނދުކޮޅެއްތެރޭގަ އެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭނގޭ ހާލު ހުރިހާ ދަރިންކޮޅު ކޮބައިތޯ ތެޅިގަނެވުނީ އެ ސިކުންތު ތެރޭގަ އެވެ. ލިބިފައިވާ ހާސްކަމާއެކު ގޭގެ ކޮޓަރި ތެރޭގައި ތިބި 3 ދަރިން ފެނިފައި ރޮއިގަނެވުނީ މެދަށް ހުންނަ ދަރިފުޅު “އިރުފާން” ގޭގައި ނެތްކަން އެނގިގެންނެވެ. ހިތައް ވަދެފައިވާ ބިރުވެރިކަމާ އެކު ލިބުނު ކުއްލި ޝޮކުގެ ސަބަބުން ކައިރި ފިހާރަޔަށް އިރުފާން ކިއްލި ގަންނަން ފޮނުވުން ހަދާންނެއްވެސް މަރިޔަމްގެ ނެތެވެ.

“އެއްގޮތަކަށްވެސް ހަނދާނެއްނެތް ކިއްލި ގަންނަ ފޮނުވުންކަމެއް ހަމަ ހީކުރީ ގެއްލުނީ އޭ. ދެން ނުފެންނާނެޔޭ” ފެންކަޅިވެފައި ހުރެ މަރިޔަމް ކިޔައިދިނެވެ.

އެރި ފުރަތަމަ ރާޅާއެކު ގޭގެ މައިދޮރު ތާށިވެ އެހީއެއްގެ އަތެއް ދިއްކޮށްލީ ގޭގެއި އެވަގުތު ހުރި އަޒްލިފާ (ކޮއްކޮ އެއްގެ އަންހެނުން) އެވެ. ދެމީހުން ވެގެން ދޮރު ހަލާކުކޮށްލުމަށް ފަހު ދެންވެސް ނުކުތީ ދަރިފުޅު ހޯދުމަށެވެ. މަގުމަތީގައި މެޔާ ހަމައަށް ލޮނުގަނޑު ހުރިއިރު އުރުގައި އިން ހަގު ދަރުފުޅާއެކު ދޮވެގެން ގެއަށް ވައްދަންގެނައި ތަށިތައްވެސް އަތުން ދޫކޮށްލަން މަރިޔަމް ހަނދާނެއް ނެތެވެ.

ސުނާމީގައި ކުޅުދުއްފުށީގެ ގެއެއްގެ ތެރޭގައި ލޮނުގަނޑު ބޮޑުވެފަ–ފޮޓޯ:އަހުމަދު މޫސާ 

ހަމަ ނޭވައެއްލެވުނީ ދަރިފުޅު ނުފެންނާނެ ކަމަށް ހިތާ ރޮއި ރޮއި ހުރި ދަރިފުޅު އޭނާގެ ތިމާގެ މީހަކާއެކު ހުއްޓާފެނުމުން ނެވެ. ދަރިފުޅާ އެކު ގެއަށް އައުމުން ފެނުނީ މުޅި އުމުރު ދުވަހު ފިރިމީހާ ކުރި މަސައްކަތް އޮޔާގޮސް ގޭގައި ހުރި އަގުބޮޑެތި މުދާ ލޮނުގަނޑުގެ ތެރޭގައި ވަނިކޮށެވެ. ގެޔާއި ގޯތިތެރެއިން ފެނުނީ ހިފާ ގެންގުޅުމަށް ބޭނުން ކުރި ތަކެތި ކުނިތަކާ އެކު ފުނިޖެހިފައި ހުރި މަންޒަރެވެ. އާބާދު ކުރަމުންއައި ދިރިއުޅުން މަދު މިނިޓު ކޮޅެއްތެރޭގައި އަރައިގެންއައި ރާޅާއެކު “ޣަރަގުވެގެން” ދިޔައީ އެވެ.

އޭގެ ފަހުން 10 އަހަރު ފާއިތުން ވެގެންދިޔައިރު އަދިވެސް އެހިތްތަކުގައި އެދުވަހުގެ ހަނދާންތައް އިއްޔެ ވީކަމެއްހެން ތާޒާކަންމަތީ އެބަހުއްޓެވެ. އަދިވެސް ސުނާމީގެ ނަން އަޑުއިވުމާއެކު މޭގަނޑު ރޫރޫ އަޅައިގެން ދާކަމަށް މަރިޔަމް ބުންޏެވެ.

މަރިޔަމް ގެ ފިރިމީހާ އަބޫބަކުރު ބުނީ ސުނާމީ ކާރިސާ ހިނގި ފަހުން ރަށަށް އާދެވުނީ އޭގެ 3 ދުވަސް ފަހުން ކަމަށެވެ. އެމީހުންގެ ޝަކުވާ އަކީ ސަރުކާރުން ވެދެއްވަން ބުނި އެހީ އެއިރު އެމީހުންނަށް ވެދެއްވާފައި ނެތީމައެވެ.

ސުނާމީގައި ކުޅުދުއްފުށީގެ ގެއެއްގެ އެތެރެއަށް ލޮނުގަނޑު ވަދެ ގެއްލުވެފައި.ލޮނުގަނޑު ހެދިފަ ހުރި ހިސާބު ދޮރުން ވަރަށް ރަގަޅު އެގެން ހުރި–ފޮޓޯ: އަހުމަދު މޫސާ 

“ގާތް ގަނޑަކަށް 1 ލައްކަ ރުފިޔާގެ ގެއްލުން ލިބުނު. އެހެންނަމަވެސް މިއަށްވުރެ ކުޑަކޮށް ގެއްލުންވި ގޭގެއަށްވެސް ވަރަށް ބޮޑެތި އެހީތައް ސަރުކާރުން ވެދީފައި އެބަހުރި.” އަބޫބަކުރު ކިޔައި ދިނެވެ.

އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު ހަމަހަމަކަން ގެއްލިފައިވާކަމަށް އަބޫބަކުރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

ސުނާމީގެ ހިތި ތަޖުރިބާ ކޮށްފައިވަނީ ހަމަ އެކަނި ކުޅުދުއްފުށީގެ ރައްޔިތުންނެއް ނޫނެވެ. ދިރިއުޅެމުން އައި އަމިއްލަ ފަސްގަނޑު ދޫކޮށް އެހެން ރަށްރަށަށް ހިޖުރަ ކުރަންޖެހުނީ ރާއްޖެއިން ވެސް މަދު ބަޔަކަށް ނޫނެވެ. 26 ޑިސެމްބަރ 2004 ގެ ސުނާމީ ކާރިސާ އަކީ އަޅުގަނޑުމެންގެ ހިތްތަކުން ފިލައިގެން ނުދާނެ ހަދާނެކެވެ.

ސުނާމީގައި ކުޅުދުއްފުށީ ގެއެއްގެ ތެރެއަށް ގެއްލުންވެފަވާއިރު 2 ފޫޓަށް ވުރެ މަތިން ލޮނުގަނޑު ވަދެފައިވާކަން ފާރު އެގެން–ފޮޓޯ: އަހުމަދު މޫސާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355