twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސުނާމީ ހާއްސަ ރިޕޯޓް: ފިރިމީހާ މަރުވިއްޔޭ ވެސް ބުނި! ދަރިފުޅު ގާތު ވެސް ބުނިން ހިތްވަރު ކުރާށޭ

Dec 26, 2014

ފަހާފޮށި ކައިރީގައި އިންދާ އިވުނީ “މަންމާ މަންމާ ރާޅެކޭ” ގޮވަމުން އައި ދަރިފުޅުގެ އަޑެވެ. ފަހަތުން ގޯތި މެދުގެއަށް ވަތް ލޮނުގަނޑުފެނިފައި ފައި ދަށުން ބިންގަނޑު ދެމިގަތް ކަހަލަ އެވެ. ދެން ދުއްވައި ގަނެވުނީ ގޭގެ ބިއްދަށް ފަރާތަށެވެ. މުޅި ގޭތެރެއަށް އެއައި ބާރު މިނުގައި ލޮނުގަނޑު ވައްދާލި އެވެ.

ގޭގެ މަންޒަރުވަނީ ބަދަލުވެފަ އެވެ. މުޅި މެދުގޯތި ތެރޭގައިވަނީ އަތިރިމަތީގައި ހުރިހާ ލަކުޑިއާއި ގޮނޑުދޮށުގަ އޮތްހާ ކުންޏެވެ.

“ވެގެންއުޅޭގޮތެއް އެއިރުވެސް ނޭނގޭ، ދުވަހަކުވެސް މިފަދަ ބިރުވެރިކަމެއް ނުދެކެން” 57 އަހަރުގެ އައިމިނަތު އާދަމް ކަނބުރުގެ ކިޔައިދިނެވެ.

އައިމިނަތު އެދުވަހު އޭނާ ކުރި ބިރުވެރި ތަޖުރިބާ ކުޅުދުއްފުށި އޮންލައިނަށް ކިޔާދެނީ–ފޮޓޯ:ވާހިދު

އާއިލާ އާއި އެއްބަނޑު މީހުންގެ މަތިން ހަނދާންވީ ދެންވެސް ކައިރީގައި ހުރި ދަރިފުޅު ގޮވާލުމުންނެވެ. މަގު މައްޗާދިމާއަށް މިސްރާބު ޖެހިއިރު ގޭގެ އަނެއްފަރާތުން އައިމިނަތުގެ ފިރިމީހާ ނުކުންނަނީ އެވެ. ދުވެފައި އެދިޔަބާރުމިނުގައި ނުކުތީ މަގުމައްޗަށެވެ. ކުޅުދުއްފުށީ އަތިރިމަތީގެ މަންޒަރު ބަދަލުވެފައިވަނީ ހިތަށް ވެސް ނުގެނެވޭނެ ފަދައަކުނެވެ.

ޖެހިގެން އޮތް ގޯޅި އަޅާ ދެފަޔަށް ލެވުނުހާ ބާރެއްލަމުން ދުއްވައި ގަތް އިރު ސިކުނޑިއަށް ލިބިފައިވާ ހާސްކަމަށް ކުޑަވެސް ބަދަލެއްނާދެއެވެ. ކުރިއަށް ދުއްވައިގަތުމާ އެކު ވެއްޓުނީ 3 ފޫޓް ފުން ވަޅުގަނޑެއްތެރެއަށެވެ.

ސުނާމީއަށްފަހު ކުޅުދުއްފުށި މަގެއް– ފޮޓޯ: އަހުމަދު މޫސާ

“މީހަކު ބުނީ ތިމަގުން ނުދާށޭ ތިއޮއް ވެއްޓެނިއްޔޭ. އެކަމަކު ވަކި ކޮންމަގަކުން ދާނީ” އައިމިނަތު ބުންޏެވެ.

އެއްބަނޑު މީހެއްގެ ދަރިފުޅު ގޮވައިގެން ގެޔާ ހިސާބަށް އައިއިރު ކަންފަތުގައި ގުގުމައިގެން ދިޔައީ އެކީގައި ދިރިއުޅުން ބިނާ ކުރި ފިރިމީހާ ދުނިޔެއާ ވަކިވެގެންދިޔަ ހަބަރެވެ. މީހުންތައް ފަޅާފައި ގޭޔާއި ހިސާބަށް ވަދެވުންއިރު ފެނުނީ ފަތްޖެހި ގޮނޑިއަކަށް ލައިގެން ފިރިމީހާ ގެއިން ނެރޭތަނެވެ. ހީވީ ރިހޭ ފައިމައްޗަށް ފޮއިވެއްޓުނު ހެންނެވެ.

“ގެޔަށް އަންނަނިކޮށް މީހަކު ބުނީ އަހައްމަދު ބޭބެ ވެއްޓިއްޖޭ… މަރު ވެއްޖެޔޭ މީހުން ކިޔަނީ.” އައިމިނަތު ކިޔައިދިނެވެ.

ސުނަމީގައި ގެއްލުންވި ކުޅުދުއްފުށީގެ މަގަކުން ކުއްޖަކު ހިނގާފަ އަންނަނީ– ފޮޓޯ: އަހުމަދު މޫސާ

ކައިރީގައި ހުރި ދަރިފުޅު ގާތުގައި ބައްޕަ ފަހަތުން ދާށޭބުނެ ހިތްވަރު ކުރުމަށް ތަކުރާރުކޮށް ބުނީމެވެ. ދަރިފުޅު ފޮނުވާލުމަށްފަހު ގެއަށްވަދެ ދެން ނުކުއިތްއިރު ދެވަނަ ރާޅު އެރީ އެވެ.

“ފަހުން ދެން އެނގުނު ފިރިމީހާ މަރުނުވާކަން. ވަރަށް ހިތްހަމަޖެހުނު އެވަގުތު” ފުންނޭވާއެއް ލުމަށްފަހު އޭނާ ކިޔައިނިނެވެ

ފިރިމީހާ އަށް ވީގޮތް ކިޔައިދެމުން އައިމިނަތު ބުނީ ފުރަތަމަ ރާޅާއެކު ގޭގެ ދޮރުމަތީގައި އުފެދުނު 3 ފޫޓެއްހާ ފުން ވަޅުގަނޑަކަށް ވެއްޓުނު ލަކުޑި ބުރިއެއް ނެގުމަށް ވަޅުތެރެއަށް ފައިބަގެން އުޅެނިކޮށް ގޭގެ ބޭރު ފާރުވެއްޓި ޒަހަމްވީ ކަމަށެވެ.

ކުޅުދުއްފުށީ ކެމްޕަސް ކައިރިން މީހަކު ދަނީ.ކެމްޕަހުގެ ފާރުގައި ލޮނުގަނޑު ހުރި ހިސާބު އެގެންހުރި. –ފޮޓޯ އަހުމަދު މޫސާ

ވާނުވާ ނޭގޭ ހާލު ހާސްކަމެއްގެ ތެރޭގައި އެތަންމިތާ އުޅެވުނު ގޮތްވެސް ބުނެދޭން ވެސް އައިމިނަތު އަށް މިއަދު އުނދަގުލެވެ. “ދަރީންނާ އެއްބަނޑު މީހުން މަތިން ވަރަށް ހަނދާންވި. އެވަގުތު އެމީހުން ހާލަކީ ކޮބާކަމެއް ނޭނގޭތި.” އައިމިނަތު ކިޔަދެމުން ބުންޏެވެ.

ގޭތެރޭގައި 2 ފޫޓަށް ލޮނު ގަނޑު ހުރި އިރު ގޭތެރޭ ހިފާ ގެންގުޅުނު ގިނަ ތަކެތި ވަނީ ހަލާކުވެފަ އެވެ. އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަނީ ލިބިފަ އެވެ.

މިއީ ސުނާމީ ކާރިސާގައި އަނިޔާވެ ގެއްލުންވި މަދުބައެއްގެ ވާހަކަ އެވެ. އަޅުގަނޑުމެންގެ ދުއާ އަކީ މިފަދަ ބިރުވެރި ހިތްދަތި މަންޒަރެއް ދެން ނުދެއްކެވުމެވެ.

ކުޅުދުއްފުށި ބަރާބަރު ފިހާރަ ހުންނަ ސަރަހައްދުގައި ލޮނުގަނޑު ހެދިފަ–ފޮޓޯ:އަހުމަދު މޫސާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355