twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެދުވަހުގެ ބިރުވެރިކަން ތަޖުރިބާކުރި މީހުންގެ ދުލުން

Dec 28, 2014

މީގެ 10 އަހަރު ކުރިން މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ އަކީ މިއަދުވެސް އެކަމުގެ ހިތި ތަޖުރިބާ ކުރި މީހުންގެ ލޮލުން ކަރުނަ އޮހޮރުވާލާނެ ހާދިސާ އެކެވެ. އިންޑޮނޭޝިޔާގެ އައްސޭރިފަށަށް އައި ބިންހެލުމެއްގެ ސަބަބުން އެފެދުނު ސުނާމީ އަކީ މުޅި ދުނިޔެ ސިއްސުވާލި ބިރުވެރި ވަގުތެކެވެ.

އުމުރުން 83 އަހަރުވީ އިރުވެސް އެފަދަ ބިރުވެރި ދުވަހެއް ތަޖުރިބާއެއް ނުކުރަން

ފުރަތަމަވެސް ލޮލުގައި އަޅައިގަތީ މޫދުގައި ހުރި އޮޑިތަކާއި ބޮއްކުރާތައް އެއްގަމާ ދިމާއައް އަންނަ ތަނެވެ. މިއީ ސީކޯ އަބްދުއްރަހުމާން ހުސެއިންގެ ވާހަކައެވެ. ފުރަތަމަ ރާޅާއެކު މުޅި ގޭތެރެއަށް 1 ފޫޓަށް ލޮނުގަނޑު ވައްދާލި އެވެ. ދެވަނަ ރާޅާއިއެކު ގޭގެ ކުރިމަތީ ފާރާއެކު ގޭގެ ފާރުވެސް ގޭތެރެއަށް ވެއްޓުނީ އެވެ.

ސީކޯ އަބުދުއްރަހްމާނު ސުނާމީގެ ބިރުވެރި ހާދިސާ ކުޅުދުއްފުށީ އޮންލައިނަށް ކިޔައިދެނީ.ކައިރީގައި އަނބިމީހާ އާއި ކާފަ ދަރިއެއް–ފޮޓޯ: ހަދީޖާ

“އެއްގޮތަކަށްވެސް ނޭނގޭ އެ މަންޒަރު ސިފަކޮށްދޭން ވެސް” އަބްދުރަހުމާން ކިޔައިދިނެވެ.

ސުނާމީ ކާރިސާގައި ގެއަށާއި ތަކެއްޗަށް ލިބުނު ގެއްލުމުގައި ސާޅީސްހާހަށް އަރާނެ ކަމަށް އަބްދުރަހުމާން ކިޔައިދިނެވެ. ސުނާމީ ކާރިސާ އަކީ މިހާތަނަށް އެއާއިލާއަށް ދިމާވި އެންމެ ހިތާމަވެރި ހާދިސާއެވެ.

ސުނާމީގައި ގެއްލުންވެފައިވާ ގެއެއް–ފޮޓޯ: އަހުމަދު މޫސާ

ހިތައް އެރީ ދެން ސަލާމަތެއް ނުވާނޭ، މިއީ އެންމެ ފަހު ވަގުތޭ

މަގުމަތި ފާރު ފުޑުފުޑު ކޮށްލުމަށްފަހު ފުންމާލި ރާޅު މުޅިގޭތެރެއަށް ބަންޑުންކޮއްލީ 3 ކުދިންނާއެކު އެކަނިމާއެކަނި ގޭގައި އިންދައެއް އެވެ. އިވުނު ގަދަ އަޑުފައްގަނޑާއެކު ގޭތެރެ ދޮރު ބިންދާލީ އެރި ފުރަތަމަ ރާޅާއެކު އެވެ. 7 މަހަށްދާ ކުޑަ ދަރިފުޅާއެކު ތިބި 2 ދެކުދިން ސަލާމަތް ކުރަން ޖެހުނީ ބޮޑުވެފައިވާ ލޮނުގަނޑު ތެރެއަށް ފައިބާށެވެ.

“އެންމެ ކުޑަ ދަރިފުޅު އޮތީ އަޅުގަނޑު އުރުގަ. ދެންހުރި ދަރިފުޅު އުރައިގެންހުރީ ދޮށީ ދަރިފުޅު، ގޭގައި ތިބެން ނުކެރިގެން ބޭރަށް ނުކުތީވެސް ކުޑަ ދޮރުން އެއިރު ކޮޓަރި ދޮރު ހުރީ ތާށިވެފަ” ފާހި އާއިޝަތު މުހައްމަދު އެދުވަހުގެ ހިތްދަތި މަންޒަރުތައް ކިޔައިދިނެވެ.

އާއިޝަތު އެދުވަހު އޭނާ ކުރި ތަޖުރިބާ ކުޅުދުއްފުށީ އޮންލައިނާ ހިއްސާކުރަނީ–ފޮޓޯ: ވާހިދު

ލޮނުގަނޑު ތެރެއަށް ފޭބުމާއެކު 4 މީހުންވެސް އޮއިވަރާއެކު ދަމައިގަތީ އެވެ. އެއިރު ގޭގެ ފާރުތައްވެސް ވަނީ ބިމާހަމަވެ ލޮނުގަނޑުތެރޭގަ އެވެ. ހިކި ފަސްތަނެއް އަތުޖެހުނީ ގެޔާ ހިސާބުން 3 ގެ ހުރަސްކުރި ފަހުންނެވެ. މުޅި މަގުމަތިންވެސް ފެންނަން ހުރީ އަތިރިމަތީގައި ހުރި ލަކުޑިތަކާއި ވެއްޓިފައިވާ ފާރުތަކެވެ. 3 ކުދިންނާއި އެކު ސަލާމަތުގެ އައްސޭރިއަށް ދިއުމަށް އަތެއްފޯރުކޮށްދިނީ ހަބަރު ބަލަން އައި އާއިޝަތުގެ ބައްޕަ އެވެ.

މީގެ 3 މަސްކުރިން އާއިލާ އެކު ބަދަލުވި އައު ގެއަށް އެރި ބިޔަ ރާޅާއެކު ދޮވެވިގެން ދިޔައީ އެވެ.

ސުނާމީގައި ކުޅުދުއްފުއްޓަށް އެރި ބޮއްކުރައެއް ކުދިންތަކެއް ގެންދަނީ–ފޮޓޯ: އަހުމަދު މޫސާ

” އޭގެ އަނެއްދުވަހު ގެޔަށް އައި އިރު ހުރިހާ އެއްޗެއްވެސް ހުރީ ރާޅާ އެކު ގެންގޮއްސަ. އަލުން ގެޔަށް ބަދަލު ވެވުނީ އޭގެ 3 މަސްފަހުން” އާއިޝަތު ކިޔައި ދިނެވެ.

ފުރަތަމަ ވެސް އިވުނީ ބާރު އަޑެއް، އެއިރުވެސް ނޭނގޭ ރާޅެއް ކަމެއް

މިއީ ރިޔާޒް، ނާހިދާ މޫސާ އެދުވަހު ކުރި ތަޖުރިބާ އެވެ.

ފުރަތަމަވެސް ގޭތެރޭގައި ތިއްބާ ކަރަންޓް ކަނޑައިގެން ދިޔައީ އެވެ. އެއިރުވެސް ވަރަށް ބާރު އާޑެއް އިވެ އެވެ. ދެންފެނުނީ ބޮޑު ލަކުޑި ގަނޑަކާއެކު ގޭތެރެއަށް ވަދެގެން އައި ފެންތަކެކެވެ. އެހިސާބުންވެސް ހަދަންވީގޮތެއް ނޭނގި ބަލަހައްޓައިގެން ތިބެވުނީ މިވަނީ ކީއްކަން ނޭނގޭ ހާލުގަ އެވެ.

ސުނާމީގައި ކުޅުދުއްފުށީގެ ގެއެއްގެ ފާރު ދަށުގައި ވަޅުގަނޑެއް ހެދިފަ–ފޮޓޯ: އަހުމަދު މޫސާ

ގޭގައި ހައްދާފައިވަ ހުރިހާ މިރުސްގަސްތައްވެސް ގޭތެރެއަށް ވަތް ލޮނުގަނޑާއެކު ފޮރުވާލީ އެވެ. މުޅި ގޯތިތެރެވަނީ ކުންޏާއި ލަކުނޑިން ފުރިފައެވެ. ގޭތެރޭގައިވެސް 1 ފޫޓަށް ލޮނުގަނޑު ހެދިފައި ހުރިއިރު ގޭތެރޭގެ ގިނަ އެއްޗެހި ލޮނުގަނޑުގެ ޝިކާރަޔަކަށްވެ ހަލާކުވީ އެވެ.

ރާޅެކޭ ބުނިއިރުވެސް ހިއެއްނުކުރަން މިހާ ގެއްލުންވި ކަމެއް

26 ޑިސެމްބަރ މަހު ދިމާވި ސުނާމީ ކާރިސާ ހިނގި އިރު މޭބިސްކަދުރުގެ ހަދީޖާ އާދަމް ހުރީ ހޮސްޕިޓަލް ޑިއުޓީގައެވެ. އެގަޑީގައި އެ މަންޒަރު ފެނުނުގޮތް ހަދީޖާ މި ނޫހާ ހިއްސާކުރި އެވެ.

ފުރަތަމަ ވެސް ފެނުނީ މޫދުގައި އަޅާފައި އޮތް ބަނޑު (ބާޖު) ބޭރަށް ދަމައިގަތް މަންޒަރެވެ. ރާޅު އަރައިގެން އައި އިރު ބޮޑަށް ސިފަވީ އެތަނުގައި އޮތް ބާޖު ހުރަސްވުމުގެ ސަބަބުން އެފެދުނު ބާނިގަނޑެއް ކަމަށެވެ. އެހެންނަމަވެސް އައި ލޮނުގަނޑާއެކު ފުރަތަމަ ވެސް ހޮސްޕިޓަލްގެ ފާރުތެރެއިން އެތެރެވީ ހޮސްޕިޓަލް ލޯންޗުގެ ޑިންގީ އެވެ. އެއިރު ހޮސްޕިޓަލް ފާރުމަތިން ލޮނުގަނޑު ނާރައި ހުރީ އެންމެ އިންޗިއެކެވެ.

ހަދީޖާ އެވާހަކަތައް ކުޅުދުއްފުށި އޮންލައިނަށް ކިޔައިދެނީ–ފޮޓޯ: އަހުމަދު މޫސާ

ފުރަތަމަ އައި ލޮނުގަނޑު ޕޮލިސް ސްޓޭޝަން ފާރުގައި ޖެހި ރުއްގަނޑު ތެރެއަށް ފެތުރުނު އިރު ލޮނުގަނޑުތެރޭ މުށިމަސްތައް ވެސް ކޮޅުކޮޅަށް ދުވެއެވެ. އެއިރު މީހުންގެ ދުލުން ބޮޑުރާޅު (ސުނާމީ) އެރި ވާހަކަ ކިޔަމުން ދިޔައެވެ.

ގެއަށްދިއުމަށް މަގުމައްޗަށް ނިކުތްއިރު އެއީ ކުރީގެ ކުޅުދުއްފުށީ އަތިރިމައްޗެއް ނޫނެވެ. މުޅި މަގުގެ ސިފަވަނީ ބަދަލު ވެފައެވެ. މޫދުގައި އަޅާފައި އޮތް އޮޑިފަހަރުތަކާއި ބޮއްކުރާތައް އޮތީ އެއްގަމުގަ އެވެ. ރާޅާއެކު ފިހާރަތަކުގެ މުދާތައް ހުރީ ކުނި ފުނި ފުނި ޖެހިފައެވެ.

ސުނަމީ ކާރިސާގައި އެމްއޯސީ ބުކްޝޮޕަށް ލޮނުވަދެގެން ގެއްލުން ލިބުނު މުދާތައް މަގުމައްޗަށް ނެރެފަ–ފޮޓޯ: އަހުމަދު މޫސާ

“ހިއެއްނުކުރަން ރަށުތެރެއަށް މިހާ ގެއްލުންވި ކަމެއް، މިހާރުވެސް ސުނާމީ އޭ ބުންޏަސް ބިރުވެސް ގަނޭ އެދުވަސް ހަނދާން ވިޔަސް ދެރަވެސް ވޭ” ހަދީޖާ ބުންޏެވެ.

މިފަދަ އެތައް ތަޖުރިބާ ކުރި ކިތަންމެ ދިވެހިންނެއްގެ ލޮލުން އެހަނދާން އާވިޔަސް އަދިވެސް ކަރުނައާދެ އެވެ. އިއްޔެ ވީ ކަމެއްހެން އެހުރިހާ ހަނދާނެއް އަދިވެސް ހިތުގައި ބިންވަޅު ނެނގިފައި ވަނީ ހަދާނުން ނުފިލާނެ ވަރަށެވެ.

ސުނާމީގައި ކުޅުދުއްފުށީ ކެމްޕަހުގެ ފާރެއް ވެއްޓިފަ–ފޮޓޯ: އަހުމަދު މޫސާ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355