twitterviber whatsapp telegramfacebookyoutube instagram
20th April 2024

2014 ވަނަ އަހަރުގެ އުސްއަލިތައް

Dec 29, 2014

މި އަހަރަކީ ކުޅުދުއްފުށީގެ އިތުރުން އުތުރުގެ އެހެން ރަށްރަށުގައި ފާހަގަ ކުރެވޭފަދަ ކަންތައްތަކެއް ހިނގައިދިޔަ އަހަރެކެވެ. އެގޮތުން މި އަހަރު އެންމެ ފާހަގަ ކުރެވޭ ހަބަރުތަކުގެ ހުލާސާއެއް ހިމަނާލާނަމެވެ.

ކުޅުދުއްފުށީގައި ހުންނަ 2 ޕްރީ ސްކޫލްގެ ޓީޗަރުން މުސާރަ ނުލިބިގެން ކައުންސިލް އިދާރާ ދޮށަށް އެއްވުން

ކުޅުދުއްފުށީގައި ހިންގަމުން އަންނަ ދެ ޕްރީ ސްކޫލު ކަމަށްވާ އިރުމަތި އަވަށު ޕްރީ ސްކޫލާއި އަމީރު އަމީން ސްކޫލުގެ ޓީޗަރުންނާއި އެ ދެ ސްކޫލުގެ އިދާރީ މުވައްޒަފުން މުސާރަ ލިބިފައި ނުވާކަމަށް ބުނެ މާރޗް މަހު ކުޅުދުއްފުށީ ކައުންސިލް ދޮށަށް އެއްވެ ވަނީ މުޒާހަރާ ކޮށްފަ އެވެ.

ފެބްރުއަރީ މަހުގެ މުސާރަ ޖަމާ ނުވާކަމަށް ބުނެ ކުރި މި މުޒާހަރާ އަކީ ސުލްހަވެރި މުޒާހަރާއެއްކަމަށް ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު އޭރު ވިދާޅުވެފައިވަނީ ދިމާވި ހުރަސް ތަކަކާއެކު “ކުޑަކުޑަ މިސްޓޭކަކުން” ޕްރީ ސްކޫލުތަކުގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ހަމައަށް ޖަމާނުކުރެވުނީ ކަމަށެވެ. އެހެންނަމަވެސް އެ ދުވަހުގެ 2 ޖެހުމުގެ ކުރިން ޕްރީ ސްކޫލްތަކުގެ މުސާރަ ވަނީ ޖަމާކޮށްދީފަ އެވެ.

މާޗް މަހު ކުޅުދުއްފުށީ އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ރައީސް ޔާމިން ވިދާޅުވެފައި ވީ ނަމަވެސް އެއްބަސްވުމުގައި ވަނީ ސޮއި ނުކުރެވި

މި އަހަރުގެ މާރޗް މަހުގެ ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓް ހަދައި ހިންގާނެ ފަރާތެއް ހޯދުމަށްޓަކައި ބީލަމަށް ލައި އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެއްބަސް ވުމުގައި ޑިސެމްބަރ މަސް ނިމެން ދެތިން ދުވަހަށް ވެފައިވާއިރުވެސް ސޮއި ކުރެވިފައެއް ނުވެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓުގެ އިތުރުން ޅ. ފެޅިވަރުގައި އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މަޝްހޫރު 7 މިއުޒިކް ބޭންޑެއް ކުޅުދުއްފުއްޓަށް

އަޟްހާ އީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގެ މަޝްހޫރު 7 ބޭންޑެއް މި އަހަރުގެ ތެރޭގައި ވަނީ ކުޅުދުއްފުށީގައި ޕާފޯމް ކޮށްދީފަ އެވެ.

ޓްރެފިކް ޖޭމް، ސްކާލެޓް ރައިޓް، ޓާރން ޓޭބަލް، ބީޓް ބޮކްސް، ކޮޕްސް، ހެލްފް އަދި އޭގެ އިތުރުން ދަ ޑޭމްޑް ވަންސް ވަނީ ތަފާތު އެކި ހަރަކާތްތައް ގެނެސްދީފަ އެވެ.

އެހެންނަމަވެސް އެ އެބޭންޑްތަކަށް ރަށުގެ ރައްޔިތުންގެ މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަން ވެސް ފާހަގަކޮށްލެވެއެވެ. ބައެއް މީހުން ބުނިގޮތުގައި، އެ ބޭންޑްތަކުން ކުޅޭ މިއުޒިކް ކަމުދަނީ ކުޅުދުއްފުށީ ޒުވާނުންގެ މަދުބަޔަކަށެވެ.

ކަނޑު ބޯޓެއްގައި ރައީސް ނަޝީދު ކުޅުދުއްފުއްޓަށާއި ދިއްދޫއަށް ކުރެއްވި ދަތުރުފުޅު

ކުޅުދުއްފުށީ ބާދުޝާހު ބޯޓުގައި ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތީ މި މަހު 4 ވަނަ ދުވަހު އެވެ. އެ ދަތުރުފުޅުގައި ނަޝީދު ވަނީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހާއްސަ ޖަލްސާއެއް ބާއްވާފަ އެވެ.

އެ ދަތުރުފުޅުގައި ނަޝީދު ވަނީ ކުޅުދުއްފުށީގައި އަލަށް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 12 ކޮޓަރީގެ ގެސްޓް ހައުސްއެއްގެ ބިންގާ އަޅުއްވާ ދެއްވުމަށް ފަހު މިހާރު އިމާރާތްކޮށް ނިމިފައިވާ ސަހާމާ ގެސްޓްހައުސް ވެސް ހުޅުއްވައި ދެއްވާފަ އެވެ.

ކުޅުދުއްފުއްޓަށް ފަހު ދެން ވަޑައިގަތީ ދިއްދޫ އަށެވެ. ނަޝީދު ދިއްދޫއަށް ވަޑައިގަތީ ޑިސެމްބަރ މަހު 5 ވަނަ ދުވަހު މެންދުރު ފަހު ބާދުޝާހު ބޯޓުގަ އެވެ. އަދި އެރަށުގައިވެސް އެމްޑީޕީގެ ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރައީސް ނަޝީދު އެނބުރި މާލެ ވަޑައިގަތީ 6 ވަނަ ދުވަހު ބާދުޝާހު ބޯޓުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުންދޭ ހިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރެއްވުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ހެލްތް މިނިސްޓަރ ޑރ ޝަކީލާ ވިދާޅުވުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މި އަހަރުގެ ޖޫން މަހު، އެއިރުގެ ހެލްތް މިނިސްޓަރ ޑރ ޝަކީލާ ވަނީ ވިދާޅުވެފަ އެވެ.

ޝަކީލާ އޭރު ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ހޮސްޕިޓަލުގެ ހުރި މައްސަލަތައް ވެސް މިނިސްޓްރީން ދެނެގަނެ ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓް ހޯދުމުގެ މަސައްކަތް މިނިސްޓްރީން އެއިރު ވެސް ކުރިއަށް ދިޔަ ކަމަށެވެ.

އޭގެ އިތުރުން ޝަކީލާ ވިދާޅުވީ ސިއްހީ ދާއިރާ ބޮއްސުންލާފައިވަނީ އިއްޔެއަކު މިއަދަކު ނޫން ކަމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެއްޗަކީ ރާއްޖެއިން ބޭރުންގެންނަން ޖެހޭ ތަކެއްޗަށް ވާއިރު އެ ސާމާނުތައް ގެނައުމަށް ވަގުތު ނަގާނެ ކަމަށެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގައިގަތުން

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގަތީ މިދިޔަ ނޮވެމްބަރ މަހުގެ 4 ވަނަ ދުވަހު އެވެ.

ރައީސް ޔާމިން ކުޅުދުއްފުއްޓަށް ވަޑައިގަތީ ހއ. ހޯރަފުށީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އިފްތިތާހު ކޮށްދެއްވުމަށް އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުއެވެ.

މި ދަތުރުފުޅުގައި ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލު ކުރުމުގެ ގޮތުން ޕީޕީއެމް ގެ ހާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ.

މިއީ ވެރިކަމާ ހަވާލުވުމަށްފަހު އުތުރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ނޭކުރެންދޫ ގެއެއްގެ މަތިން ވެއްޓި 16 އަހަރުގެ ކުއްޖެއް ނިޔާވުން

ނޭކުރެންދޫގައި އިމާރާތް ކުރަމުން ދިޔަ ގެއެއްގެ މަތިން 16 އަހަރުގެ ކުއްޖަކު ވެއްޓި ލިބުނު އަނިޔާތަކަށް ކުޅުދުއްފުށީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ މިދިޔަ ނޮވެމްބަރ މަހު އެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ނޭކުރަންދޫ ވިނަރެސް މުހައްމަދު ވިޝާމް އެވެ.

ވިޝާމް ކުޅުދުއްފުއްޓަށް ގެނެވިފައިވަނީ 26 ނޮވެމްބަރ ގެ ރޭ 7 ޖަހާއިރު އެވެ. އޭނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

100  ޓަނުގެ ފެން ރައްކާކުރެވޭ ކަޅުހަން ކުޅުދުއްފުށިން މާލެއަށް ފޮނުވުން

މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވި ފެނުގެ ދަތިކަމަށް ލުއެއް ހޯދައިދިނުމަށް 100 ޓަނުގެ ފެން ރައްކާކުރެވޭނެ ކަޅުހަން ކުޅުދުއްފުށިން މާލެ ފޮނުވާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ 2500 ލީޓަރުގެ 16 ހަމާއި، 5000 ލީޓަރުގެ 10 ހަން އަދި 10000 ލީޓަރުގެ އެއް ހަމެވެ.

ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މި ކަޅުހަންތަކަކީ ހދ. އަތޮޅުގ ެއާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށީ ސަރަހައްދީ ބަނދަރާއި ކުޅުދުއްފުށީ ޖަލާއްލުއްދީން ސްކޫލް އަދި ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭނުންކުރަމުންދިޔަ ޖުމްލަ 27 ހަން ކަމަށެވެ.

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ސިންދުބާދު ބޯޓުގެ ދަތުރުތައް ފެށުން

ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ސިންދުބާދު ބޯޓުގެ ދަތުރުތައް ފަށާފައިވަނީ މި ޑިސެމްބަރ މަހު 13 ވީ ހޮނިހިރުގަ އެވެ.

ދިގުމިނުގައި 75 ފޫޓު ހުރި މިބޯޓަކީ 120 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ގަޑިޔަކު 12.5 މޭލަށް ދަތުރުކުރާ މިބޯޓް މޫސުން ރަނގަޅު ނަމަ ކުޅުދުއްފުށިން މާލެއަށް 12 ގަޑިއިރުން ދެވޭނެ ކަމަށް ބޯޓުގެ އެއް ހިއްސާދާރު އަބްދުއް ލަތީފް ހާމަކުރެ އެވެ.

ސިންދުބާދު ބޯޓުގެ ޓިކެޓް ވިއްކަނީ 320 ރުފިޔާ އަށެވެ.

ނޮޅިވަރަންފަރަށް ކުރި ވިއްސާރައިގައި ޖަންކްޝަންތައް ފުރި ސާފު ފެން ނުލިބުން

ޑިސެމްބަރު މަހު ނޮޅިވަރަންފަރަށް ކުރި ވިއްސާރާގައި އެރަށުގެ ނަރުދަމާ ނިޒާމުގައި މައްސަލަ ޖެހި ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ސާފު ފެން ނުލިބި ދަތިތަކާ ކުރިމަތިވި އެވެ.

އެ ރަށަށް ކުރިވިއްސާރާގައި ފެން ބޮޑުވެ ޖަންކްޝަންތަކުން ނަޖިސް ބޭރުވުމާ ގުޅިގެން ފެންވެރުމަށާއި އެއްޗެހި ދޮވުމަށް ބޭނުން ކުރަމުން އައި ވަޅުފެން ބޭނުން ނުކުރެވޭފަދަ ހާލަތެއްގައި އޮއްވައި އެރަށަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ 2 ޖަނަރޭޓަރުގެ ތެރެއިން ބޮޑު ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވެއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ހަސަން ތައުފީގް އޭރު ވިދާޅުވީ އެރަށަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލު ކުރެވެން އަންނަނީ ނަރުދަމާގެ މައްސަލަ ހައްލުކުރެވިގެން ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އެންމެ ފަހުން އެރަށަށް ލިބިފައިވާ 200 ކިލޯ ވޯޓްގެ ޖަނަރޭޓަރު އަދިވެސް ހުރީ އިންސްޓޯލް ނުކުރެވި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355