twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދިރާސީ އައު އަހަރާއެކު ޓިޗަރުންނަށް އުފާވެރި ހަބަރެއް

Jan 8, 2015

ދިރާސީ އައު އަހަރު އަންނަ އާދީއްތަ ދުވަހު ފެށޭނީ ޓީޗަރުންނަށް އުފާވެރި ހަބަރަކާ އެކީ އެވެ.

އެއީ މިހާރު ލިބޭ މުސާރާގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ކުޑަ ނޫން މިންވަރަކަށް ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމުގެ އުފާވެރި ހަބަރު ރައީސުލް ޖުމްހޫރިއްޔާ އަބްދުއްﷲ ޔާމިން ދެއްވުމާ ގުޅިގެންނެވެ. މި ހަބަރު ރައީސް ޔާމީން ދެއްވީ ސީނިއާ އަންހެން އަދި ފިރިހެން ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް މުސާރަ ދިނުން އިފްތިތާހް ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ކޮންމެ ފަރާތަކަށް މިހަބަރު ވަނީ އެތައް ދުވަހެއްގެ ދިގު އިންތިޒާރެއްގެ ނިމުމަކަށް ކަން ޔަގީނެވެ. ތައުލީމީ ދާއިރާގައި އުޅޭ ކޮންމެ މީހެއްގެ ވެސް ޝަކުވާ އަކަށް ވެފައި އޮންނަނީ ލިބޭ މުސާރަ ކުޑަ ވާހަކަ އެވެ. ލިބިފައިވާ ގިނަ ސަނަދުތަކާއެކު ވެސް ޓީޗަރެއްގެ މުސާރަ އެކަށީގެންވާ ވަރަށް ބޮޑު ނުވާ އިރު އޯލެވެލް ނުވަތަ އޭލެވެލް ނިންމާ ވަޒީފާއަކަށް ވަންނަ ކުއްޖާގެ މުސާރަ ޓީޗަރެއްގެ މުސާރައަށް ވުރެ ބޮޑުވާ ވާހަކަ އެވެ.

ގިނަފަހަރަށް އެދާއިރާ ލޭބަލް ވެފައި އޮންނަނީ އެންމެ މުސާރަ ކުޑަ ދާއިރާގެ ގޮތުގަ އެވެ. ބޮޑުވެގެން ޓީޗަރަކަށް ވާން ޝައުގުވެރިކަން ހުންނަ އެތައް ކުދިންނެއްގެ ވިސްނުން ވަކި ހިސާބަކުން ބަދަލުވާން ފަށަނީ ނުވަތަ ބަދަލުކުރަން ޖެހެނީ ޓީޗަރުންގެ މުސާރާގެ އޮނިގަނޑުގެ ދޯދިޔާކަމުންނެވެ. އެމުސާރައިން އާއިލާއާ އެކު ދެކޮޅު ޖެހިގެން އުފާވެރިކަމާއެކު އުޅެވޭނެ ކަމުގެ ޔަގީންކަން ނެތީމަ އެވެ.

ކަން މިހެން އޮތުމާއެކު ވެސް ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ އެދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން އެމީހުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލާ އެކަމަށް އެކި ގޮތްގޮތުން ބާރު އަޅަމުން ގެންދެ އެވެ. އެގޮތުން ޓީޗަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކާ ޓީޗަރުންގެ ޖަމިއްޔާއިންވަނީ ރައީސް ޔާމީނާ މިދިޔަ އަހަރު ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކާއެކު ގިނަ ބައްދަލުވުންތަކެއް ވެސް ޓީޗަރުންގެ ޖަމިއްޔާއިން ވަނީ ބާއްވާފަ އެވެ.

މީގެ އިތުރުން ޓީޗާސް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (ޓޭމް) އިން މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވަނީ ޓީޗަރުންގެ މައްސަލަތަކަށް ހައްލެއް ނުލިބޭނަމަ ކުރިއަށް އޮތް ތަނުގައި ބައިނަލް އަގުވާމީ ޓީޗަރުންގެ ޖަމިއްޔާގެ ފިއްތުންތައް ރާއްޖެއަށް ކުރިމަތިވާނެ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ޓީޗަރުންގެ ޖަމިއްޔާ “އެޑިއުކޭޝަން އިންޓަނޭޝަނަލް”ގެ މެންބަރަކަށް ޓޭމް ވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355